ރައްޔިތުން މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު މަރާލަން އުޅޭ މީހުން އެ މަސައްކަތް ހުއްޓާލި ކަމަށް ދެކެން ވަރަށް އުނދަގޫ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ، "ވޮއިސް އޮފް އައްޑޫ" ނަމަކަށް ކިޔާ ކްލަބްހައުސް ގްރޫޕެއްގައި ވާހަކަދައްކަވަމުންނެވެ.

ރައީސް ނަޝީދު ވިދާޅުވީ މެއި މަހުގެ ހަވަނަ ދުވަހު އެމަނިކުފާނު މަރާލަން ދިން ޓެރަރިސްޓު ހަމަލާއާ ގުޅިގެން މިހާތަނަށް ހައްޔަރު ކޮށްފައި ތިބި މީހުންނަކީ އެމަނިކުފާނު މަރާލަން ބޭނުންވެގެން އުޅޭ މީހުންގެ ތެރެއިން އެއްބައި ކަމަށެވެ.

އެއީ އެކަން އޮތް ފުޅާމިން އޮތް މިންވަރު ކަމަށް ދެކިވަޑައި ނުގަންނަވާ ކަމަށް ވެސް ވިދާޅުވިއެވެ.

އެމަނިކުފާނުގެ ވާހަަކާގައި، މެއި ހައެއްގެ ހަމަލާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމެޓީ (241 ކޮމެޓީ) އިން އެކުލަވާލި އިންކުއަރީ ރިޕޯޓުގައި ސަރުކާރުން ފިޔަވަޅު އެޅުމަށް އެދިފަފއިވާ ކަންކަމަށް ފިޔަވަޅު އެޅުން އަވަސް ކުރުމަށް ގޮވާލެއްވި ގޮވާލެއްވުން ވަނީ ތަކުރާރު ކުރައްވައިފައެވެ.

އެހާ ދިގު މުއްދަތަކަށް ރާއްޖެއިން ބޭރުގައި ހުންނެވުމަކީ ފަސޭހަފުޅު ކަމަކަށް ވެސް ނުވާ ކަމަށާއި ވަރަށް އަވަހަށް އެނބުރި ރާއްޖެ ވަޑައިގަންނަވާނެ ކަމަށްވެސް ވިދާޅުވިއެވެ.