ހީރާތުގައި ޓެރަރިސްޓުންނާ ދެކޮޅަށް ހަނގުރާމަ ކުރުމަށް އަފްޣާނިސްތާން ސިފައިން އެސަރަހަށް ވަނުމުން މީހުން ވަނީ ﷲއަކުބަރު ގޮވަމުން ސިފައިންގެ ތާއީދުގައި މަގުތަކަށް ނިކުމެފައެވެ. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ހީރާތުގައި ސިފައިންނާއި ޓެރަރިސްޓު ތާލިބާނުންގެ މެދުގައި ހަނގުރާމަ ކުރަމުންދާތާ މިހާރު ހަ ދުވަސް ވީއެވެ.

ހީރާތަކީ އީރާނާ އިންވެގެން އޮންނަ ސަހަރެކެވެ. ޖުލައި 30 ގައި ތާލިބާނުން ވަނީ ސިފައިންގެ ދެ މަރުކަޒެއް އެމީހުންގެ ބާރުގެ ދަށަށް ގެންގޮސްފައެވެ. އަދި ހީރާތު އެއަރޕޯޓަށްވެސް ތާލިބާނުން ހަމަލަ ދިނެވެ.

ހީރާތުގައި އަފްޣާން ސިފައިން ޙަރަކާތްތެރިވިއިރު އެމެރިކާ ސިފައިން ވަނީ ތާލިބާނާ ދެކޮޅަށް ވައިގެ ޙަމަލަތައް ދީފައެވެ. މިހަމަލަތަކުގެ ސަބަބުން ގުޒާރާ ޕްރޮވިންސުން ތާލިބާނުން ފައްސާލެވުނެވެ.

މިދިޔަ ދެ ހަފްތާގެ ތެރޭގައި ހީރާތުގެ އިތުރުން ހެލްމަންދު ޕްރޮވިންސްގެ ލަޝްކަރު ގާހްއާއި ތާޚަރު ޕްރޮވިންސްގެ ތާލުޣާންއާއި ކަންދަހާރު ސިޓީއަކީ އެންމެ ވަރުގަދައަށް ތާލިބާންއާއި އަފްޣާން ސިފައިންނާއި ކޮމާންޑޯންގެ ދެމެދު ވަރުގަދަ ހަމަލަތަކެއް ބަދަލު ކުރެވުނު ސަރަހައްދުތަކެވެ.