އެމެރިކާއިން ޓައިވާނަށް ހަތިޔާރު ވިއްކުމަށް ނިންމައިފިއެވެ. ޗައިނާއާއެކު ދެބަސްވުން އުފެދިފައިވާ މިދަނޑިވަޅުގައި ވިއްކުމަށް ނިންމާފައި ވަނީ 750 މިލިއަން ޑޮލަރުގެ ހަތިޔާރެވެ.

އެމެރިކާގެ ޑިފެންސް ސެކިއުރިޓީ ކޯޕަރޭޝަން އެޖެންސީން ބުނިގޮތުގައި ޓައިވާނަށް ވިއްކާ ހަތިޔާރަކީ، މެދުރާސްތާގެ ހޮވިޓްޒަރ ރޮކެޓްގެ ނިޒާމެކެވެ.

އެމެރިކާއާއި ޗައިނާއާ ދެމެދު ވިޔަފާރީގެ ދެބަސްވުމުގެ އިތުރުން ދެކުނު ޗައިނާ ކަނޑުގެ މައްސަލައާއި ކޮރޯނާއާއި ޓައިވާން މައްސަލަފަދަ އެތައް މައްސަލައެއްގައި ޚިޔާލު ތަފާތުވުން އުފެދިފައި ވެއެވެ.

މިފަހަކަށް އައިސް ޗައިނާއިން ދަނީ ޓައިވާނަށް ކޮންމެ ދުވަހަކުހެން ދުއްތުރާ ކުރަމުންނެވެ. އެމެރިކާއިން ބުނެފައި ވަނީ ޗައިނާއިން ޓައިވާނަށް ނުރައްކާކޮށްފި ޙާލަތެއްގައި އެމެރިކާއިން ޓައިވާން ދިފާއު ކޮށްދޭނެ ކަމަށެވެ.

ޗައިނާއިން ބުނާ ގޮތުގައި ޓައިވާނަކީ ޗައިނާއިން ވަކިވެގެން އުޅޭ ބާޣީ ސަރަހައްދެކެވެ.