ކޮންމެ މީހަކީވެސް މަރުވެ، މިދުނިޔެ ދޫކޮށްދާނެ މީހެއްކަމީ ގަބޫލުކުރަންޖެހޭ ހަޤީޤަތެކެވެ. މަރަކީ އޭގެފަހަތުގައި ސިއްރުތަކަކާއި ، ހިކުމަތްތަކެއް ފޮރުވިފައިވާކަމެކެވެ.
މަރުވުމުގެ ހިކުމަތަށް ބާލާއިރު ކީރިތި ޤުރުއާނުގައި މާތްﷲ ވަޙީކުރައްވަނީ: الذي خلق الموت والحياة ليبلوكم أيكم أحسن عملاً މާނައަކީ: "އެކަލާނގެ އެއީ ތިޔަބައި މީހުންގެތެރެއިން ރަނގަޅު އަމަލުތައްކުރާ ބަޔަކީ ކޮބައިކަން އިމްތިހާން ކުރެއްވުމަށްޓަކައި، މަރާއި ދިރިހުރުން އުފެއްދެވި ކަލާނގެއެވެ."
މަރަކީ އެއް ހާލުން އަނެއް ހާލަށް، އެއްމަރުހަލާއިން އަނެއް މަރުހަލާއަށް، އެއް ގޮވަތިން އަނެއް ގޮވައްޗައް ބަދަލުވުމެކެވެ. ޢުމަރު ބިން ޢަބްދުލް ޢަޒީޒް ވިދާޅުވެފައިވަނީ: ''ކާލޭމެން ހެއްދެވުނީ އަބަދަށްޓަކައެވެ. އެކަމަކު އެއް ގޮވަތިން އަނެއް ގޮވައްޗަށް ބަދަލުކުރެވެނީއެވެ.''
(قُلْ إِنَّ الْمَوْتَ الَّذِي تَفِرُّونَ مِنْهُ فَإِنَّهُ مُلاقِيكُمْ ثُمَّ تُرَدُّونَ إِلَى عَالِمِ الْغَيْبِ وَالشَّهَادَةِ فَيُنَبِّئُكُمْ بِمَا كُنْتُمْ تَعْمَلُونَ) [الجمعة:8]
“ކަލޭގެފާނު ވިދާޅުވާށެވެ. ފަހެ ތިޔަބައިމީހުން އެއެއްޗަކަށް ބިރުން ފިލަން ތިޔަ ދުވާ މަރު އައިސް ތިޔަބައިމީހުންނާއި ބައްދަލުކުރާނޭކަން ކަށަވަރެވެ. އެއަށްފަހު ޣައިބާއި ފާޅު ދެނެވޮޑިގެންވާ ފަރާތްކަމުގައިވާ ﷲ ގެ ޙަޟްރަތަށް ތިޔަބައިމީހުން ރައްދުކޮށް ޙަވާލު ކުރެވޭނެއެވެ. ފަހެ ދުނިޔެމަތީގައި ތިޔަބައިމީހުން ކޮށްއުޅުނު ކަންތައްތަކުގެ ޚަބަރު ތިޔަބައިމީހުންނަށް އެއިލާހު ދެއްވާނެއެވެ.”
24 ގަޑީއިރު ތިބާކުރާ ހުރިހާ ކަމެއް ސޯޝަލް މީޑިއާގައި އިސްތިހާރުކޮށް ހަދާއިރު ތިޔަ ފަޙުރުވެރިވެ ބޮޑާވާ ހަށިގަނޑަކީ ތިޔަ ޒިނަތްތެރި ކަމަކީ ހިނދުކޮޅެއްގެ ކަމެއްކަން ނޭނގެނީހެއްޔެވެ؟ މަރަކީ އަޅުގަނޑުމެން އެކަމާއިމެދު ޣާފިލްވެފައިވާ އެއްޗެއް ނަމަވެސް އަޅުގަނޑުމެންނާއި އެންމެ ކައިރީގައިވާ އެކައްޗެވެ.
ކަށްވަޅަށް ލެވޭ ހިނދު ތިބާގެ ހަށިގަނޑު 3 ދުވަސްތެރޭ ތިބާގެ ނިޔަފަތިތައް ތިބާގެ ހަށިގަނޑާއި ވަކިވެގެންދެއެވެ. ދުވަސްތެރޭ ސިކުނޑި ގިރިގެންދެއެވެ. 6 ދުވަސްތެރޭ ބަނޑުތެރެ ގިރިގެންބަނޑުގައި ހިމެނޭ އެއްޗެތިތައް އަނގައިންނާއި އެހެން ދިމާތަކުން ބޭރަށް ނުކުމެގެންދެއެވެ.60 ދުވަސްތެރޭ ހަންގަނޑާ މަސްތައް ވިރިގެން ކަށިގަނޑަކަށް ވެދެއެވެ. 2އަހަރުތެރޭ އިސްތަށިތައް ނެތިގެންދާނެއެވެ.
ވިސްނަވާށެވެ. އެދުވަސްތަކަކީ ތިބާގެ ހަށިގަނޑު ކައްވަޅުތެރޭ ނެތް ދުވަސްތަކެއް ނަމަ ތިބާގެ ހަށިގަނޑުން ދުވާ ނުބައި ވަހުގެ ސަބަބުން ދިރިތިބި ވަލު ޖަނަވާރުންވެސް ތިބާގެ ހަށިގަނޑާ ކައިރި ނުވާހައި ނުބައި ވަސް ދުވާނެ ދުވަސްތަކެކެވެ. އެހެން އންސާނެއްގެ ހަށިގަނޑު އެހާލުގައި ވަނިކޮށް ތިބާއަށް ފެންނަހިނދު ކުރާނީ ކޮންކަހަލަ އަސަރުތަކެއްތޯއެވެ
حَتَّى إِذَا جَاءَ أَحَدَهُمُ الْمَوْتُ قَالَ رَبِّ ارْجِعُونِ * لَعَلِّي أَعْمَلُ صَالِحاً فِيمَا تَرَكْتُ) (المؤمنون:99 ، 100]
“ފަހެ އެބައިމީހުންކުރެ މީހެއްގެ ގާތަށް މަރު އައިސް ޖެހިއްޖެ ހިނދު އޭނާ ބުނާނެއެވެ. އޭ މިއަޅާގެ ރައްބެވެ. މިއަޅާ އަނބުރާ އަލުން (ދުނިޔެއަށް) ފޮނުއްވަވާންދޭވެ. އެއީ މިއަޅާ އެތާނގައި ދޫކޮށްފައިވާ ވަޤުތުތަކުގައި ޞާލިޙް ޢަމަލު ކުޅައުމަށެވެ.”
ސޯޝަލް މީޑިއާ ފަދަ ވަސީލަތްތަކުގައި އަމިއްލަ ފޮޓޯތައް އާންމުކޮށް ގިނަ މީހުންގެ ތައުރީފު ހޯދުމަށް ތިބާ ލޮބުވެތިވާއިރު މާތްﷲ ތިބާ އަށް ދުޅަހެޔޮ ސިއްހަތަކާއި ފުރިހަމަ ހަށިގަނޑެއް ދެއްވީ ކޮން މަޤްސަދެއްގައިކަން ތިބާ ހަނދާން ނައްތާލިކަން އިނގޭހެއްޔެވެ؟ މަރުވުމަށްފަހު ތިބާގެ ހަށިގަނޑަށް ވާގޮތާމެދު ބިރުވެތިވާށެވެ. މިއަދު ތިބާގެ ޒީނަތްތެރިކަަމަށް އެތައް ހޭދައެއް ކުރާއިރު މާދަމާ ކަށްވަޅުގައި ތިބާ އޮންނާނެ ހާލަކާމެދު ބިރުވެތިވާށެވެ. ސޯޝަލް މީޑިއާގައި ތިބާގެ ހަށިގަނޑު ސޭލް އަޅުވާއިރު މާދަމާ އެހަށިގަނޑު ފަސްލެވޭ ހިނދު ތިބާގެ ކަށްވަޅު ގައި ކުރިމަތިވެދާނެ ކަންކަމަށް ބިރުވެތިވާށެވެ، އެހެނީ ދުނިޔޭގެ ޒީނަތަށްވުރެ ތިބާގެ ހެޔޮއަމަލު އާޙިރަތުގައި ތިބާ އަށް މަންފާކުރާނެތީއެވެ.