ފުލުހުންގެ އުސޫލުތަކާ އެއްގޮތަށް ގެވެށިއަނިޔާ ބަލަމުން ދަނިކޮށް އަންހެނަކު މަރާލައިފި ކަމަށް ފުލުހުންގެ ކަންކަމަށް ފާރަވެރިވާ ފަރާތަކުން ބުނެފިއެވެ.

އިނގެރޭސިވިލާތުގެ ގަރަންތަމް އަށް ނިސްބަތްވާ ޑެނިޔަލް އެސްޕިރިޓޯ (23 އަހަރު) އަށް ގެވެށި އަނިޔާ ކުރުމުން ހައްޔަރުކުރި ބައިވެރިޔާ ކަފާލަތުގެ ދަށުން އެދުވަހު ދޫކޮށްލުމުން އަނެއްކާވެސް އޭނާ ވަނީ ޑެނިއެލްއަށް ހަމަލާ ދީފައެވެ.

ނިއުޔޯކް ޓައިމްސްއަށް ލީކް ވެފައިވާ "އިންޑިޕެންޑެންޓް އޮފީސް ފޯ ކޮންޑަކްޓް" ގެ ރިޕޯޓްގައިވާ ގޮތުން 2019 ވަނަ އަހަރުގެ މޭމަހާއި 2020 ވަނަ އަހަރުގެ އޭޕްރީލް މަހާ ދެމެދު ޑެނިޔަލް ވަނީ 7 ފަހަރެއްގެ މަތިން ގެވެށި އަނިޔާ ފުލުހުންނަށް ރިޕޯޓުކޮށްފައެވެ. 8 އޭޕްރީލް 2020 ގައި 999 އަށް ޑެނިޔަލް ކުރި އެންމެ ފަހު ފޯނުކޯލްގައި ( އޭނާގެ ބައިވެރިޔާ ކަފާލަތުގެ ދަށުން ދޫކޮށްލިތާ މަދު ވަގުތު ކޮޅެއްގެ ތެރޭގައި ) ކަރުގައި ހިފައި އަނިޔާކުރިކަމަށް ވަނީ ބުނެފައެވެ. ނަމަވެސް އެ ކޯލުގައި ހުއްޓާ ޑެނިޔަލްގެ ބައިވެރިޔާ ޖޫލިޔޯ ޖީސާސް ގެއިން ބޭރަށް ދިޔަކަމަށް ބުނުމުން 101 ގުޅައި މައްސަލަ ރިޕޯޓު ކުރުމަށް ފުލުސް އޮޕަރޭޓަރު އިރުޝާދު ދިނެވެ. އޭގެ 8 މިނެޓް ފަހުން 101 ޑެނިޔަލް ކުރި ކޯލަށް ފުލުސް އޮޕަރޭޓަރުން ޖަވާބު ދިންއިރު އިވުނީ ހަމައެކަނި ކުޑަކުއްޖެއްގެ ރުއިމުގެ އަޑެވެ.

ފުލުހުން ޑެނިޔަލްގެ ފުލެޓަށް ގަދަކަމުން ވަތް އިރު ފެނުނީ އޭނާގެ ހަ މަހުގެ ދަރިފުޅާ ބައްދާލައިގެން ސޯފާ މައްޗަށް ގުޅަޔަކަށް ވެއްޓިފައި އޮއްވައެވެ.

ޕޯސްޓްމާޓަން ރިޕޯޓުގައި ވާގޮތުން ޑެނިޔަލް މަރުވެފައިވަނީ ކުރިންވެސް ހުންނަ ހިތުގެ މައްސަލައެއްގެ ސަބަބުންނެވެ. ލަފާ ކުރެވޭގޮތުން އޭނާއަށް ލިބުނު އަނިޔާއިން ހިތް ހުއްޓުނީކަމަށް ބެލެވެއެވެ. ނަމަވެސް ޕޯސްޓްމޯޓަން ރިޕޯޓުންވެސް މީހަކު އޭނާ މަރާލިކަން ސާބިތުނުވާތީ ޖޫލިޔޯ މީހަކު މެރިކަމުގެ ކުށުން ބަރީއަ ވިއެވެ.

ޑެނިޔަލްގެ ބައިވެރިޔާ ޖުލިއޯ ޖީސަސް ގަސްތުގައި މީހަކު މެރިކަމުގެ ތުހުމަތުގައި ހައްޔަރު ކުރިނަމަވެސް ކުށްސާބިތުވާ ވަރަށް ހެކި ލިބިފައި ނުވާތީ ވަނީ ދޫކޮށްލާފައެވެ. ނަމަވެސް ޑެނިޔަލް އަށް ގެވެށި އަނިޔާ ކުރިކަމުގެ ކުށަށް ޖޫލިޔޯ ދިހަ މަސް ދުވަހަށް ވަނީ ޖަލަށް ލާފައެވެ.