އަހަރެން ރަށުސުކޫލުގެ ގްރޭޑް 7 ނިމްމާލުމަށްފަހު ސުކޫލުގެ ވަގުތީ ޓީޗަރެއްގެ ވަޒީފާ އަދާކުރަންފެށީމެވެ. އުމުރުން 18 އަހަރު ފުރުމުން މާލެ ގޮސް މުދައްރިސުން ތަމްރީނު ކުރާ ކޯހުގައި ބައިވެރިވެ 2 އަހަރު ދުވަހުގެ ކޯހެއް ފުރިހަމަ ކުރީމެވެ. އަހަރެން ދަސްވެ ނިވުނީ ޕްރައިމެރީ ޓީޗިން ދިވެހި މީޑިއަމް އެވެ. ސެޓިފިކެޓް ލިބުމުން ރަށަށް އައިސް ރަށުގައި ވަޒީފާ އަދާކުރަންފެށީމެވެ. މައިންބަފައިންގެ ގާތުގައެވެ.

އުމުރުން 22 އަހަރު ވީއިރަށް މީހަކާ އިނދެފީމެވެ. އެއީ މައިން ބަފައިން ދެއްކި މީހެއްނޫނެވެ. އަހަރެންނަށް ކަމުދިޔަ މީހެކެވެ. އަހަރެމެން ދެމީހުން ރައްޓެހިވެގެން އުޅޭތާ 1 އަހަރު ފަހުން ކައިވެންޏާ ހަމައަށް ދިޔައިރުވެސް ދެމީހުންގެ ދެމެދުގަ އެއްވެސް މައްސަލައެއް ނުޖެހެއެވެ.

ވަރަށް ލޯބިން ދެމީހުން ދިރިއުޅެން ފެށީމެވެ. ކައިވެންޏަށް 3 މަސް ވީއިރަށް އަހަރެން ސުކޫލުގައި ގިނަ އިރުވާތީ ފިރިމީހާ ޝަކުވާ ކުރަން ފަށައިފިއެވެ. ރޭގަނޑު ބައްދަލުވުމަކަށް ދިޔަސް ރުޅިއަންނަންފަށައިފިއެވެ. ސެޝަން ނިމޭއިރަށް ގެއަށް ނާދެވޭ ދުވަހެއްނަމަ ކުރީ ކޮންކަމެއްތޯއާއި ސުކޫލުގައި ތިބީ ކޮންބައެއްތޯ ސުވާލުކުރެއެވެ.

ރަށު ސުކޫލުގައި އޭރު ތަމްރީނު ލިބިފައިތިބި މާ ގިނަ ޓީޗަރުން ނެތުމުން އަހަންނަށް ލީޑިން ޓީޗަރުކަންވެސ ލިބިއްޖެއެވެ. މަސައްކަތަށް ފަރުވާތެރިވުމާއި ކަމަށް ކަމޭހިތައިގެން މަސައްކަތް ކުރާތީއެވެ. ނަމަވެސް ފަހަކަށް އައިސް އަހަރެންނަށް ސުކޫލުގައި ގިނަ ވގުތު ހޭދަ ކުރާކަށް ނުކެރެއެވެ. ފިރިމީހާގެ ޝަކުވާ ބޮޑުކަމުން ނެވެ.

މިގޮތުގައި ދުވަސްތައް ހޭދަކުރަމުން ދަނިކޮށް ކައިވެޏަށް ދޮޅު އަހަރު ވީއިރު އަހަރެމެންގެ ދެމަފިރިންގެ ފުރަތަމަ ކުއްޖާ ދުނިޔެ އަށް އުފަންވެއްޖެއެވެ. ދަރިއަކު ލިބުމުންވެސް ފިރިމީހާގެ ޝަކުވާތަކަކަށް ބަދަލެއް ނައެވެ. ފަހަކަށް އައިސް ސުކޫލުގެ މުވައްޒަފުންނާ އަޅުވައިގެންވެސް ވާހަކަ ދައްކަން ފަށައިފިއެވެ. އަހަރެންނަށް މިކަންތައްވީ ވަރަށް ބޮޑު ކަމަކަށެވެ. ވަރަށް ގިނަފަހަރު ފިރިމީހާއާ ދެމީހުން މިކަމަމާ ޒުވާބު ކުރަންޖެހެއެވެ. އޭނާއަކީ ވަޑާންކުރާ މީހެއްކަމުން މަސައްކަތެއް ނެތިއްޔާ ގިނަވަގުތު ހޭދަކުރަނީ ގޭގައެވެ. އެހެން ނަމަވެސް އަހަންނަށް ގެއަށް އާދެވެނީ ސެޝަން ނިމި ކުދިންތައް ގެއަށް ފޮނުވުމަށްފަހު މީޓިންނެއް އޮތިއްޔާ އެދުވަހެއްގެ މީޓިން ނިންމާލާފައެވެ. މިއީ ފިރިމީހާއަށް ތަހައްމަލު ކުރެވޭވަރު ކަމަކަށް ނުވިއެވެ. ކިތަންމެ ވަރަކަށް ވާހަކަދެއްކިޔަސް އަހަރެން ދައްކާވާހަކެއް އޭނާ ގަބޫލެއް ނުކުރެއެވެ. އަހަރެމެނަށް ދެވަނަ ދަރިފުޅު ލިބުނު އިރު މި މައްސަލަ ބޮޑުވެ އަވައްޓެރިންނަށްވެސް އެނގޭވަރަށް ގޭތެރޭގައި ޒުވާބު ގަދަވެއްޖެ އެވެ.

ފަހަކަށް އައިސް ފިރިމީހާ އަހަރެންނާއި ސުކޫލުގެ ޕްރިންސިޕަލާވެސް އަޅުވާކިޔަން ފަށައިފިއެވެ.

ތިންވަނަ ދަރިފުޅު ލިބުނުފަހުން އޭނާގެ ޝައްކު ބޮޑުވެ އަހަންނަށް އަނީޔާކުރަންވެސް ފަށައިފިއެވެ. މިހާހިސާބަށް ކަންތައް ދިއުމުން އަހަރެން ވަޒީފާއިން ވަކިވެއްޖައީމެވެ. 3 ދަރިން ލިބިފަ ތިބީމާ ފިރިމީހާއާ ވަކިވުމުގެ ބަދަލުގައި އަހަރެން ނިންމީ ވަޒީފާއިން ވަކި ވުމަށެވެ. ދަރިން ބަފަޔާ ވަކިކުރުމުން ލިބޭނެ ގެއްލުން ހިތަށް އަރާފައެވެ. އާއިލާ ރޫޅުމުން ކުދިންނަށް ލިބޭނެ ގެއްލުމަށް ވިސްނާފައެވެ.

އެހެން ނަމަވެސް މިހާރު އަހަރެން މިއުޅެނީ ވަރަށް ދަތި ހާލުގައެވެ. ގެއިން ބޭރަށް ނުކުތަސް ފިރިމީހާ ޝައްކު ކުރެއެވެ. އެހެންވެ ގޭތެރޭ އިނދެ ރޯނުވަށާ ފަންގިވިނދެ ހަދަނީއެވެ. މިމަސައްކަތުން ލިބޭ އެއްޗަކުން ކުދިންނަށް ޚަރަދުކޮށް ކައިބޮއި އެހެނިހެން ޒަރޫރީ ބޭންނުންތައް ފުއްދާ ނުލެވެއެވެ. ފިރިމީހާ އަކަށްވެސް މާ ބޮޑު އާންމުދަނީއެއް ނުލިބެއެވެ. އޭނާ ވަޑާންކުރާތަންވެސް މިހާރު ބަންދުކޮށްފިއެވެ. މަސައްކަތް ނުލިބޭތީއެވެ.

މިވާހަކަތައް ރައްޓެއްސަކަށް މި ކިޔައިދިނީ މިކަމުން އެހެން މީހަކަށްވެސް ޢިބުރަތެއް ލިބޭތޯއެވެ. އަހަރެންނަށް ކަންތައް ކުރެވުނީ ރަނގަޅަށް ކަމެއް ނުވަތަ ނޫންކަމެއް ނޭނގެއެވެ. އެނގޭކަމަކީ މިހާރު އަހަރެން މިއުޅޭނީ ވަރަށް ދަތި ހާލުގައި ކަމެވެ. ދަރިންނަށް ބޭނުންވާ ތަކެތި ގަނެ ނުދެވުމުން ވަރަށް ދެރަވެއެވެ. ހިތަކަށް ކެތެއް ނުވެއެވެ. އަހަރެންނަށް ދިހަ އަހަރުން އެއް އަހަރު އާ ހެދުމެއް ނުލެވުނަސް ދަރިން ބާވެ، ވީދިފައި ހުންނަ ހެދުން ލައްވަން ޖެހުމުން ދެރަވެއެވެ. މީރު ކާތަކެތި ކާން ނުދެވޭތީ ރޮވެއެވެ. އަހަރެން ވަޒީފާގައި ހުރިނަމަ ކުދިންނަށް ބޭނުންވާ ތަކެތި ގަނެދެވުނީހޭ ހިތަށް އަރައެވެ. ޚަރަދުތައް ފުއްދައިގެން ކުދިން ބޭނުންވާ ހުރިހާ ތަކެއްޗެއް ހޯދުނީސްކަން އެނގެއެވެ. ނަމަވެސް މިއަދު ކުރާނެ ކަމެއްނެތެވެ. ޝައްކުބަލީގެ ޝިކާރައަކަށް ފިރިމީހާ ވުމުން އަހަރެމެންނަށް މިފަދަ ނިކަމެތި ހާލެއްގައި އުޅެން މެދުވެރިވީއެވެ. އެހެން އެއްވެސް އަންހެނަކަށް މިފަދަ ހާލެއް ޖެހުމަކަށް އަހަރެން ނޭދެމެވެ. ހުރިހާ ފިރިހެނުންނަށްވެސް ހެޔޮބުއްދި ލިބޭނެ ނަމައެވެ. ޝައްކުތަކާއި ވަހުމްތަކުން ދުރުވާނަމައެވެ.