އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަންއިން ފައިޒަރ/ބައޮންޓެކް ކޯވިޑް-19 ވެކްސިން 16 އަހަރުން މަތީގެ މީހުނަށް އާންމުކޮށް ބޭނުންކުރުމުގެ ހުއްދަ މިހަފުތާގެ ހޯމަ ދުވަހު ދީފިއެވެ.

ފައިޒާ ވެކްސިންއަކީ ކޮރޯނާ ވައިރަސް އާ ދެކޮޅަށް ބޭނުންކުރުމަށް އެފްޑީއޭ އިން ހުއްދަދިން ފުރަތަމަ ވެކްސިނެވެ. ފައިޒާ ވެކްސިންއާ މޮޑަރނާ ވެކްސިން އަދި ޖޯންސަން އެންޑް ޖޯންސަންގެ ވެކްސިން ބޭނުން ކުރުން މިހާތަނަށް ހުއްދަ ދެވިފައިވަނީ ހަމައެކަނި ކުއްލި ޙާލަތްތަކުގައެވެ. ފައިޒާ ވެކްސިން އަށް މިހުއްދަ ދެވުނުއިރު މޮޑަރނާއިންވެސް ވަނީ ވެކްސިން އާންމުކޮށް ބޭނުން ކުރުމުގެ ހުއަދައަށް އެދި އެފްޑިއޭއަށް ހުށަހަޅާފައެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި މޮޑާރނާ ވެކްސިން އާންމުކޮށް ބޭނުންކުރުމާއި މެދު އެފްޑީއޭ އިން ގޮތެއް ނިންމާނެކަމަށް ބެލެވެއެވެ. އަދި މިހާރު ކުއްލި ހާލަތުގައި ބޭނުން ކުރުމުގެ ހުއްދަ ދީފައިވާ ޖޯންސަން އެންޑް ޖޯންސަން ވެކްސިން އާންމުކޮށް ބޭނުންކުރުމަށް ބޭނުންވާ ހުއްދަ އަށް އެދުމަށް ހުށަހެޅުމަށް ތައްޔާރުވަމުން ދާކަމަށް ސީއެންއެންއިން ބުނެއެވެ.

ޔޫއެސްގެ ސާރޖަން ޖެނެރަލް ޑރ. ވިވެކް މުރުތީ ސީއެންއެންގެ ސްޓޭޓް އޮފް ދަ ޔޫނިއަންގައި ވިދާޅުވީ އެފްޑިއޭގެ މިހުއްދައާއިއެކު ވެކްސިން ޖެހުމަށް ހިތްވަރު ދިނުމަށް އިތުރު ބާރަކަށް ވެގެން ދާނެކަމަށެވެ. އަދި ވެކްސިން ޖެހުން މަޖުބޫރު ކުރުވުމަށްވެސް ބާރަކަށް ވެގެން ދާނެކަމަށެވެ. ޑރ. މުރުތީ ވިދާޅުވި ގޮތުގައި މިހާރު ބައެއް ވިޔަފާރިތަކާއި ޔުނިވަރސިޓީތަކުން ވެކްސިން މަޖުބޫރު ކުރުމަށް ހަދާފައިވާ ޕްލޭންތައް ތަންފީޒުކުރުމަށް އެހީއަކަށް ވެގެންދާނެއެވެ. ވެކްސިން ޖެހުމަށް އެފްޑީއޭގެ ހުއްދައިގެ އިންތިޒާރުގައި ތިބި މީހުނަށްވެސް މިއީ ވެކްސިންޖެހުމަށް ހިތްވަރަކަށް ވާނެކަމަކަށް ޑރ. މުރުތީ ވިދާޅުވިއެވެ.

އެމެރިކާގެ ޑިފެންސް ސެކެޓްރީ ލޮއިޑް އައުސްޓިން މި އޮގަސްޓު މަހު ކުރީކޮޅު ސޮއިކުރައްވާފައި ޕެންޓަގަންއިން ނެރުނު މެމޯއެއްގައި ހާމަ ކޮށްފައިވާ ގޮތުން އެމެރިކާގެ ސިފައިންގެ މަސައްކަތުގައި އުޅޭމީހުން ވެކްސިންޖެހުން ސެޕްޓެންބަރު މެދެއްހާ ހިސާބުގައި މަޖުބޫރު ކުރެވޭނެއެވެ. ޑިފެންސް ސެކެޓްރީގެ މެމޯގައި ވިދާޅުވެފައިވަނީ ސަލާމަތީ ބާރުތަކުގައި ހިމެނޭ މީހުން ވެކްސިން ޖަހަން މަޖުބޫރުކުރުމުގެ ހުއްދަ އެމެރިކާގެ ރައީސްގެ އަރިހުން ހޯދުމުގެ މަސައްކަތް ކުރައްވަމުން ދާ ކަމުގައެވެ.

މިހާ ހިސާބުން ގިނަ މީހުންގެ ސުވާލަކަށް ވާނީ 16 އަހަރުން ދަށުގެ ކުދިންނަށް ވެކްސިން ޖެހުމުގެ ކަންކަން އޮތްގޮތާއި މެދުގައެވެ. އެކުދިންނަށް ދެވޭނޭ ވެކްސިނެއްގެ އިންތިޒާރުގައި ތިބި މައިންބަފައިންގެ އަދަދު މަދެއްނޫނެވެ. މީގެ ޖަވާބަކީ އަދިވެސް 12 އަހަރާއި 16 އަހަރާއި ދެމެދު ކުދިންނަށް ވެކްސިން ދެވޭނީ ކުއްލި ޙާލަތްތަކުގައެވެ. ފައިޒާއިން ބުނާގޮތުގައި 5 އަހަރުން މަތީގެ ކުދިންނަށް ވެކްސިން ދިނުމުގެ ހުއްދަ ހޯދުމަށް ބޭނުންވާ މަޢުލޫމާތުތައް 2021 ސެޕްޓްމބަރުގެ ނިޔަލަށް އެފްޑީއޭ އަށް ހުށަހެޅޭނެއެވެ. ދެން ސުވާލަކަށް ވާނީ ބޮޑެތި މީހުނަށް ވެކްސިން ބޭނުންކުރުމުގެ ހުއްދަ ލިބުމުން ކުޑަ ކުދިނަށް ވެކްސިން ބޭނުން ކުރުމުގެ ހުއްދަ އަވަސްވެދާނެ ތޯއެވެ. މިސުވާލުގެ ޖަވާބު ދެއްވީ އެފްޑިއޭގެ ވެކްސިން އެޑްވައިސަރީ ކޮމިޓީގެ ޕްރޮމިނެންޓް މެމްބަރު އަދި ފިލަޑެލްފިއާގެ ޗިލްޑްރެންސް ހޮސްޕިޓަލްގެ ވެކްސިން އެޑިޔުކޭޝަން ޑިރެކްޓަރ ޑރ. ޕޯލް އޮފިޓްއެވެ. ޑރ.އޮފިޓް ސީއެންއެންއަށް ވިދާޅުވީ ކުޑަކުދިންގެ ވެކްސިން އަވަސް ނުވާނެ ކަމުގައެވެ. އަދި ކުއްލި ހާލަތުގައި މިހާރު ވެކްސިން ދެވުނުހާ ގިނަ ބަޔަކަށް ވެކްސިން ދިނުމަކީ ވަރަށް އައު ކަމެއްކަމުގައެވެ.