އިންޑިއާއިން އަމިއްލަ އާބާދީއަށް ވެކްސިން ދިނުމަށްފަހު، އަންނަ އަހަރުން ފެށިގެން ވެކްސިން އެކްސްޕޯޓް ކުރަން ފަށާނެ ކަމަށް ބްލޫމްބަރގުން ރިޕޯޓް ކޮށްފިއެވެ. ދުނިޔޭގައި އެއްގޮތަކަށްވެސް އަދިވެކްސިން ނުލިބޭ 60 ގައުމެއް އެބަ އޮތެވެ. އިންޑިއާ ސަރުކާރަށް ވެކްސިންގެ ދާއިރާއިން މަޝްވަރާ ދޭ ކޮމިޓީން ބުނާ ގޮތުން 2022ގައި ވެކްސިން އެކްސްޕޯޓް ކުރެވެން ފަށާނެއެވެ.

އިންޑިއާއަކީ ދެވަނައަށް އެންމެ ގިނައިން ކޮވިޑް19ގެ ކޭސްތައް ރިޕޯޓް ކުރި ގައުމެވެ. އިންޑިއާގައި ބައްތިރީސް މިލިއަނަށް ވުރެން ގިނަ މީހުންނަށް ކޮވިޑް ޖެހުނެވެ. ސަރުކާރުން ލަފާ ކުރާ ގޮތުގައި 2021ގައި އިންޑިއާއިން ހަ ވެކްސިނެއް އުފައްދައި ޖަހަން ފެށުމުން، ފުދޭވަރެއްގެ އާބާދީއަށް ވެކްސިން ޖެހިފައި ވާނެއެވެ.

ގިނަ އަދަދަކަށް ވެކްސިން އުފައްދާ އިންޑިއާއިން ދުނިޔޭގެ ބޭސްފިހާރަކަމަށް ލޭބަލް ކޮށް ގައުމުތަކަށް ވެކްސިނާއި ބޭސް ފޮނުވަމުން ދަނިކޮށް އަމިއްލަ ގައުމުގައި ކޮވިޑް19ގެ ދެވަނަ ރާޅެއް ބިންދާލުމާއެކު މުޅި ވެކްސިން އުފެއްދުމާއި ވެކްސިން ބޭރުކުރުމުގެ ނިޒާމު އެއްކޮށް އިނދެ ޖައްސާލިއެވެ.

މިހާތަނަށް އިންޑިއާއިން ޖަހާފައި ވަނީ 589 މިލިއަން ވެކްސިނެވެ. ގިނަ އަދަދަކަށް ވެކްސިން ޖެހުމާއެކުވެސް އިންޑިއާއަށް މުޅިން ވެކްސިން ދެވިފައި ވަނީ އާބާދީގެ 10 އިންސައްތައަށެވެ.