އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ހާއްސަ ޖަލްސާއެއް އަންނަ ހުކުރު ދުވަހު ބޭއްވުމަށް ނިންމައިފިއެވެ.

އިދިކޮޅު ކޯލިޝަނުން އަންނަ ހުކުރު ދުވަހު ބާއްވާ "އައްޑަނަ" ޖަލްސާ ބޭއްވުމަށް ހަމަޖެހިފައި ވަނީ ކާނިވާ ސަރަހައްދުގަ އެވެ.

އިދިކޮޅުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާލޭ ސިޓީ ކައުންސިލުގެ ހުޅުމާލޭ ދާއިރާގެ ކައުންސިލަރު އަދި ޕީއެންސީގެ ނައިބު ރައީސް އިބުރާހިމް ޝުޖާއު ވިދާޅުވީ އެ ޖަލްސާގައި ބައވެރިވުމުގެ ފުރުސަތު ރާއްޖޭގެ ހުރިހާ ރައްޔިތުންނަށްވެސް އޮންނާނެކަމަށާއި ރާއްޖޭގެ މިނިވަންކަމާއި އިސްތިގްޅާލް ރައްކާތެރިކުރުމަށް ބޭނުންވާ ހުރިހާ ރައްޔިތުންނަށްވެސް ޖަލްސާގެ ބައިވެރިވުމަށް ދައުވަތު އަރުވާކަމަށެވެ.

މި ޖަލްސާގެ މައިގަނޑު މަގްސަދަކީ ރައްޔިތުންނާއި ގުޅުންހުރި މައްސަލަތަކާއި ކަންބޮޑުވުންތައް ސަރުކާރާ ހަމަޔަށް ތިލަކުުރުން ކަމަށް ޝުޖާއު ވިދާޅުވިއެވެ. ޝުޖާއު ވިދާޅުވީ އެ ޖަލްސާގައި ހާއްސަ ކަންތައްތަކެއް އެކުލެވިގެންވާކަމަށާއި ޖަލްސާ ކުރިއަށް ގެންދާނީ އެޗްޕީއޭގެ ގައިޑުލައިނާ އެއްގޮތަށް ގައިދުރުކޮށް ކަމަށެވެ.