ސ. ހިތަދޫ އިހުގެ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ދެވަނަ ޝިޕްމަންޓް ގެންގޮސްފައިވާ ކަމަށް އެމްޓީސީސީ އިން ބުނެފި އެވެ.

އެ ކުންފުނިން ބުނީ މި ޝިޕްމެންޓު ޕްރޮޖެކްޓު ސައިޓަށް ގެންދިޔައީ އޯގަސްޓު 29 ވަނަ ދުވަހު ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން 234,297 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 800 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 284 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމުގެ މަސައްކަތް ހިމެނެ އެވެ. އަދި 1420 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހަދައި، ބަނދަރު ބައްތި އާއި ނެރުބައްތި ހަރުކުރުމުގެ މަސައްކަތް ވެސް ހިމެނެ އެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެ ކުންފުންޏާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުއަކީ 52.4 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.