ފުލުހުންނަކީ ރައްޔިތުންގެ އިތުބާރާއި ލޯބި ލިބޭ ބަޔަކަށްވުމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައިފިއެވެ.

ނ.މަނަދޫ ޕޮލިސް ސްޓޭޝަންގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ ޢިމްރާން ޢަބްދުالله ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ މިއަދަކީ ފުލުހުންގެ ޚިދުމަތުގައި ވަރަށް އުފާވެރި ދުވަހެއް ކަމަށާއި ސިފައިންގެ ނުވަތަ އަސްކަރީ ފުލުހުންގެ ޚިދުމަތުން މަދަނީ ފުލުހުންގެ ޚިދުމަތަކަށް ބަދަލުވިތާ 17 އަހަރު ފުރޭ ދުވަސް ކަމަށެވެ.

އިމްރާން ވިދާޅުވީ ފުލުހުންނަށް 17 އަހަރު ފުރޭދުވަހު އަޅުގަނޑުމެން މިއަމާޒު ހިފަނީ ޤާނޫނީ ތަސައްރަފް ފުދިގެންދާއިރު ފުލުހުންގެ މުއައްސަސާއަކީ 21 ވަނަ ޤަރުނުގައި ރައްޔިތުން އެދޭފަދަ ފުރިހަމަ ޚިދުމަތެއް ފޯރުކޮށްދީ ރައްޔިތުންގެ އިތުބާރާއި ޔަޤީންކަން ލިބި ރައްޔިތުންގެ ލޯބިލިބިގެންވާ މުއައްސަސާއަކަށް މިމުއައްސަސާ ހެދުމަށް ކަމަށާއި މިމަގުން ސަރުކާރުން ވަރަށްގިނަ މަސައްކަތްތަކެއް ކުރާ ކަމަށެވެ."ފުލުހުންގެ އާޤާނޫނެއް ވުޖޫދުކުރެވިއްޖެ. އޭގެދަށުން ޤާނޫނުތައް ހެދިއްޖެ. އަތޮޅުތެރޭގައި ފުލުހުން އިންތިޒާމްވާގޮތް އިތުރަށް ތަރުތީބުކުރެވިއްޖެ. ފުލުހުންނަށް ފުރިހަމަ ތައުލީމާއި ތަމްރީން ލިބިގެންދާނެ ގޮތުގެ މަސައްކަތްތައް އިތުރަށް އަމުނާ އެކުލެވި ހަރުދަނާ ނިޒާމެއްގެ ތެރެއަށް ފައްތާ, ފުރިހަމަކުރުމުގެ މަސައްކަތް މިދަނީ ކުރަމުން." އިމްރާން ވިދާޅުވިއެވެ.ފުލުހުންގެ ރޭންކްތަކަށް ކުރިއަށްވުރެ ބޮޑަށް ބަދަލުތައް ގެނެވި، މަސައްކަތްކުރުމުގައި ޗޭންއޮފް ކޮމާންޑަށް އިތުރަށް ހަރުދަނާކަން ލިބިގެންދާނެގޮތަށް ތަރުތީބުކުރެވިއްޖެ ކަމަށް އިމްރާން ވިދާޅުވިއެވެ. އަދި ފުލުހުން ރައްޔިތުންނަށް ޖަވާބުދާރީވާނެ ނުވަތަ ދައުލަތަށް ޖަވާބުދާރީ ކުރެވޭނެ ރަނގަޅު ނިޒާމާއި އޮނިގަނޑުތައް އެކުލެވިގެން ހިނގައްޖެ ކަމަށް ވެސް މިނިސްޓަރުގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ.

އިމްރާން ވިދާޅުވީ ފުލުހުންގެ ޚިދުމަތަކީވެސް ރައްޔިތުންނަށް ޖަވާބުދާރީވާންޖެހޭ ރައްޔިތުންނާއެކުގައި މަސައްކަތްކުރަންޖެހޭ މުއައްސަސާއެއް ކަމަށް ސަރުކާރުން ޤަބޫލުކުރާތީ އެގޮތަށް މުއައްސަސާ ބައްޓަންކުރުމުގެ މުހިއްމު މަސައްކަތްތަކެއް ކުރެވިގެން ހިނގައްޖެ ކަމަށެވެ.“އަޅުގަނޑު މިއަދު ހުރިހާ ލޮބުވެތި ފުލުހުންގެ ކިބައިން އެދެންބޭނުންވާ އެއްކަމަކީ ފުލުހުންގެ މުއައްސަސާއަށް ރައްޔިތުންގެ ފުރިހަމަ ލޯތްބާއި އިތުބާރާއި އިހުތިރާމް ހޯދުމަށްޓަކައި ސަރުކާރުން ކުރާ މަސައްކަތުގައި ގެންނަ ބަދަލުތައް ވަރަށް ލޯތްބާއި އިހުތިރާމާއެކު ބަލައިގަންނަ އޮފިސަރުންނަށް ތިޔަބޭފުޅުންވެވަޑައިގަތުން. އޭގެ ނަތީޖާއެއްގެ ގޮތުން ފުލުހުންގެ މުއައްސަސާއަށް އިތުރު ކުރިއެރުމާއި ކާމިޔާބީ ލިބިގެންދާނެ. މިމުއައްސަސާއަކީ ރައްޔިތުން އެދޭފަދަ މުއައްސަސާއަކަށް ވެގެންދާނެ. މިއީ ވަރަށްބޮޑު، ވަރަށް ބުރަ މަސައްކަތެއް.” މިނިސްޓަރު ވިދާޅުވިއެވެ.އިމްރާން ވިދާޅުވީ މިއަދު ލޮބުވެތި ރައްޔިތުންގެ ކިބައިން އެދެން ބޭނުންވާ އެއްކަމަކީ، އެންމެ އޮފިސަރަކު ނުވަތަ ދެ އޮފިސަރަކު ކުރާކަމަކުން މުޅި މުއައްސަސާ ބަދުނާމްވެ, މުއައްސަސާގެ ރީތިނަން ގެއްލިގެންދާ އެއްވެސް ކަމެއް ނުކުރުމަށާއި ދިވެހި ފުލުހުންނަކީވެސް ދިވެހިންގެ ތެރޭގައި، ދިވެހިންގެ ކިބައިން ދިވެހި އާއިލާތަކުން އުފެދިފައިވާ މުއައްސަސާއެއް ކަމަށް ގަބޫލު ކުރުމަށެވެ. އެހެންކަމުން ދިވެހިންގެ ތެރޭގައި ހުރި ބައެއްކަހަކަ އާދަތަކާއި، ބައެއްކަހަލަ ސިފަތައް މުއައްސަސާގައި ދެވޭ ތަމްރީނުތަކާއި, ދެވޭ ހުނަރުތަކުންވެސް ކެނޑިގެން ނުދާ އޮފިސަރަކު ފަހަރުގައި ހުރެދާނެ ކަމަށް އިމްރާން ވިދާޅުވިއެވެ.

"ފުލުހުންގެ މުއައްސަސާ ކުރިއަރައިގެން ދިއުމަކީ ހުރިހާ ރައްޔިތުންނަށް ލިބޭ ކުރިއެރުމެއް. ފުލުހުންގެ މުއައްސަސާއަކީ ރައްޔިތުންގެ މުއައްސަސާއެއް. އެކަން އެގޮތުގައި ދެނެތިބެގެން ޤަބޫލުކޮށްގެން މިމުއައްސަސާ އަބަދުވެސް ފަޚުރުވެރިކަމާއެކު ދެމިއޮންނަ ގޮތަށް މުއައްސަސާއަށް ރީތިނަން ލިބޭގޮތަށް ރައްޔިތުން މަސައްކަތްކޮށްދިނުމަކީ އަޅުގަނޑު ރައްޔިތުންގެ ކިބައިން އެދޭކަމެއް." އިމްރާން ވިދާޅުވިއެވެ.މިސަރުކާރުން ދަނީ ފުލުހުންގެ މުއައްސަސާ ހަރުދަނާކޮށް ކުރިއެރުވުމަށްޓަކައި ވަރަށް ބޮޑަތި މަސައްކަތްތަކެއް ކުރަމުން ކަން ފާހަގަކޮށް އިމްރާން ވިދާޅުވީ އަތޮޅުތެރޭގައި ފުލުހުންގެ ޚިދުމަތް ފުރިހަމަކޮށް ދެވޭ ޚިދުމަތް އިތުރުކުރުމަށްޓަކައި، ވަރަށްގިނަ ކަންކަން ރޭވިގެންދާ ކަމަށެވެ.

ފުލުހުންގެ ޚިދުމަތަށް މިވޭތުވެދިޔަ 86 އަހަރުގެ ތެރޭގައި ނުކުރެވޭފަދަ ބޮޑަތި މަސައްކަތްތަކެއް، މިސަރުކާރުން ކުރަމުންގެންދާ ކަމަކީ ފެންނަންއޮތް ވަރަށް ސާފް ހަޤީޤަތެއް ކަމަށާއި މިއަދު އަތޮޅުތެރޭގެ 52 ރަށަށްވުރެ ގިނަ ރަށުގައި ސްޓޭޝަންތައް އެޅުމަށް ތައްޔާރުވަމުންދާ ދިއުމަކީ އަތޮޅުތެރޭގައި ފުލުހުންގެ ޚިދުމަތް އިތުރަށް ވަރުދަކުރުމަށް މިސަރުކާރުން ކުރާ ވަރަށްބޮޑު މަސައްކަތެއް ކަމަށް އޭނާ ވިދާޅުވިއެވެ.މިނިސްޓަރު ވިދާޅުވީ މިސްޓޭޝަންތަކާއެކު 5 ރީޖަންގައި ފުލުހުންގެ ހިދުމަތް ދިނުމަކީ ރައްޔިތުންގެ އަމާންކަމާއި ރައްކާތެރިކަން އިޤުތިސާދީ ދުވެލި ހަލުވިކުރުމަށް ކުރެވޭ މަސައްކަތްތައް ހިމާޔަތްކުރުމަށް ދެވޭ ވަރަށްބޮޑު ޚިދުމަތެއް ކަމަށާއި އެންމެން ގުޅިގެން ކުރެވޭ މަސައްކަތުން ފުލުހުންގެ މުއައްސަސާއަކީ ރައްޔިތުން އެންމެ ލޯބިވާ، އެންމެ އިތުބާރުކުރާ، އިހުތިރާމްކުރާ, މުއައްސަސާގެ ފަރާތުން ރައްޔިތުންނަށް އަމާންކަމާއި ރައްކާތެރިކަން ކަށަވަރުވެގެންދާ މުއައްސާކަމުގައި ވެގެންދާނެ ކަމަށެވެ.