ޕާކިސްތާންގައި ނިޒާމުން ގެއްލުވާލާ މީހުންގެ ހައްގުގައި އެގައުމުގެ ހިއުމަން ރައިޓްސް ކޮމިޝަނުން ހިނގާލުމެއް ބާއްވައިފިއެވެ. ޕާކިސްތާން ހިއުމަން ރައިޓްސް ކޮމިޝަނުން ބޭއްވި ހިނގާލުން ބާއްވާފައި ވަނީ ކަރާޗީގެ ގޯރާ ގަބުރުސްތާނުން ކަރާޗީގެ ނޫސްވެރިންގެ ކްލަބަށެވެ.

މިހިނގާލުމުގައި ބައިވެރިވި ފަރާތްތަކުން ދިން ތަގްރީރުތަކުގައި ބުނެފައި ވަނީ ޕާކިސްތާނުގައި ނިޒާމުން މީހުން ގެއްލުވާލަނީ ދުސްތޫރީ މުއައްސަސާތަކުން އެ މުއައްސަސާތަކާ މަތިކޮށްފައިވާ ގާނޫނީ ޒިންމާ ފުރިހަމައަށް އަދާ ނުކުރާތީ ކަމަށެވެ.

ޕާކިސްތާންގައި ގާނޫނު ހަދާ މަޖިލިސްތަކާއި ޖުޑީޝަރީގެ ގުނަންތައް އޮވެމެ، މީހުން ހުށަހަޅާ ޝަކުވާތައް ނުބެލުމުގެ ނަތީޖާއަކީ، ނިޒާމުން ގެއްލިފައިވާ އެތައް ބަޔަކު ތޭރިތަކުގެ ފުރަގަހުގައި ވާނުވާ ނޭނގިފައި ތިބުމެވެ. އަދި މި އަމަލުތައް ހިންގާ އިދާރާތަކަކީ ބިރަކާ ފަސްޖެހުމެއް ނެތި އެމީހުންގެ ޣެއިރު ގާނޫނީ އަމަލުތައް ހިންގުމުގައި ދެމިތިބޭ ބައެއް ކަމަށްވެސް މި އެއްވުމުގައި ވާހަކަ ދެއްކި ފަރާތްތަކުން ބުންޏެވެ.

ޕާކިސްތާންގައި ސަރުކާރާއި ސިފައިންނާ ދެކޮޅުވެރި ފަރާތްތައް ނިޒާމުން ގެއްލުވާލުމުގައި އެންމެ އިސް ދައުރެއް އަދާކުރަނީ ސިފައިންނާއި ފުލުހުންނެވެ.

ޕާކިސްތާންގައި އިދިކޮޅު ޚިޔާލު ފިއްތާލެވެނީނަމަ، އަދި މިނިވަން ޚިޔާލަށް ހުރަސް އަޅލަނީނަމަ، ދުވަހަކުވެސް ފާގަތި ކަމެއް ގައުމަށް ނާންނާނެ ކަމަށްވެސް ވާހަކަ ދެއްކި ފަރާތްތަކުން ބުންޏެވެ. ޕާކިސްތާނަކީ ނޫސްވެރިންނަށްޓަކައި ދެކުނު އޭޝިއާގެ އެންމެ ނުރައްކާތެރި ގައުމެވެ.