އަފްޣާނިސްތާންގައި ކުރިއަށް އޮތް ދުވަސްތަކުގައި ކަންކަން ބަދަލު ވެގެންދާނެ ގޮތަކީ އެއްވެސް މީހެއްގެ ޚިޔާލަށް އަންނާނެ ކަމެއް ނޫނެވެ. ދެކުނު އޭޝިއާގެ މައްސަލަތައް ދިރާސާ ކުރާ އަދި ވަކިން ޚާއސަކޮށް އިންޑިއާއާއި ޕާކިސްތާނާ ގުޅުވައިގެން ކަންކަން ބަލާ ފަރާތްތައް ދާނީ ނުހަނު ޝައުގުވެރިކަމާއެކު މި ބަދަލުވަމުންދާ މަސްރަހު ދިރާސާ ކުރަމުންނެވެ. ތާލިބާނުން ސަރުކާރު އެކުލަވާލުން ލަސް ވެގެން ދިޔައީވެސް 20 އަހަރުގެ ހަނގުރާމައާއި އެތަކެއް ގުރުބާނީއަށް ފަހު ލިބެންވާ ހުރިހައި ޣަނީމާއެއް ލިބިގަނެވޭ ގޮތަށް ސަރުކާރު ފަހި ކުރުމަށް މަސައްކަތް ކުރުމުގެ ސަބަބުންނެވެ.

ތާލިބާން ސަރުކާރަށް ދިމާވާން އޮތް އެންމެ ބޮޑު ގޮން ޖެހުމަކީ ބައިނަލްއަގްވާމީ މުޖުތަމައިން ތާލިބާންގެ ސަރުކާރެއް ބަލައި ގަތުމެވެ. ކުރިންވެސް ތާލިބާންގެ ސަރުކާރު ބަލައިގެންފައި ވަނީ މަދު ގައުމުތަކަކުންނެވެ. ޗައިނާއާއި ޕާކިސްތާނުން އެއިރުވެސް ބަލައިގަތެވެ. މިހާރުވެސް ބަލައި ގަންނާނެކަން ކަށަވަރެވެ.

ތާލިބާނުން މެދުމިނުގެ ސޫރައެއް ދެއްކުމަށް މަސައްކަތް ކުރަމުންދާ އިރު ބައިނަލްއަގްވާމީ މުޖުތަމައުގައި ބަސްވިކޭ މުހިންމު ގައުމުތަކުން ތާލިބާންގެ ސަރުކާރު ބަލައި ނުގަތަސް ތާލިބާނާއެކު މުއާމަލާތު ކުރާކަން ދެއްކުން ނުވަތަ ފެނިގެން ދިއުމަކީ ތާލިބާނަށް ލިބޭނެ ވަރަށް ބޮޑު ކާމިޔާބީއެއް ކަމުގައި ވާނެއެވެ.

ތާލިބާނުންގެ ފުށުން ފެނިގެން ގޮސްފައިވާ، ވަޠަނިއްޔަތުގެ ކުލަވަރުން ބުނެވޭނީ، އަވަށްޓެރި ގައުމަކުން ތާލިބާނުންގެ ކަންކަމުގެ ތެރެއަށް ވައްދަން ބޭނުން ނުވާނެ ކަމަށެވެ. އެހެންވެ، ޕާކިސްތާންގެ ނުފޫޒަށް ނުވަތަ ޕާކިސްތާނުގެ މާޒީގެ އިހުސާން ތެރިކަމަށް ބަދަލު ދިނުމުގައި ތާލިބުން ފާރަވެރިވާނެއެވެ. އަދި ޗައިނާގެ ދަރަނީގެ ދަންތުރައިގެ ތެރެއަށް ނުވަދެ ވޭތޯވެސް ބަލާނެއެވެ.

މިފަސް މަންޒަރުގައި ފެންނާން އޮތީ އިންޑިއާއިން އަފްޣާނިސްތާންގައި ކޮށްފައިވާ މަސައްކަތާއި ތާލިބާނުން އިންޑިއާއާ ބެހޭ ގޮތުން މިއަދާ ހަމައަށް ދީފައިވާ ބަޔާންތަކެވެ.

އިންޑިއާއިން ވަނީ އިންޑިއާ ޑޮކްޓަރުންނާއި ނަރުހުންނާއެކު އަފްޣާނިސްތާންގައި ސިއްޙީ ދާއިރާގައި މުހިންމު ޚިދުމަތްތަކެއް ކޮށްފައެވެ. މަގުތަކާއި ޑޭމްތައް ހަދައި ދީފައެވެ. ސްކޫލުތައް އިމާރާތް ކޮށްދީފައެވެ.

އިންޑިއާއިން ތާލިބާނުންގެ ފުށުން އެދިފައި ވަނީ އެންމެ ކަމަކަށެވެ. އަފްޣާނިސްތާންގެ ފަސްގަނޑު އިންޑިއާއާ ދެކޮޅު އެއްވެސް ހަރަކާތަކަށް އެއްވެސް ޖަމާއަތަކަށް ނުވަތަ އެއްވެސް ފަރާތަކަށް ބޭނުން ކުރިޔަ ނުދިނުމަށެވެ. ތަރުޖަމާން ޒަބީހުﷲ މުޖާހިދު ވަނީ މިކަން ކަށަވަރު ކޮށްދީފައެވެ.

ތާލިބާނުން ދެކޭ ގޮތުގައި އިންޑިއާގެ ތާއީދު ތާލިބާނަށް ލިބުމުން ބައިނަލްއަގްވާމީ މުޖުތަމައުގައި ތާލިބާންގެ ގަދަރު އުފުލިގެން ދާނެއެވެ. ތާލިބާންގެ އިސް ފަރާތެއްކަމަށްވާ ސުހައިލް ޝާހިން ބުނެފައި ވަނީ އިންޑިއާއިން ވަނީ ކުރީގެ ރައީސް ޣަނީގެ ސަރުކާރަށް ވާގިވެރިވެފައެވެ. އެކަމަކު އެއީ، ތާލިބާނަށް މައްސަލައެއް ނޫން ކަމަށެވެ. ތާލިބާނުން ބޭނުން ވަނީ އިންޑިއާއިން އަލުން އަފްޣާނިސްތާނަށް އައިސް، ފަށާފައިވާ ޕްރޮޖްކްޓްތަކުގެ މަސައްކަތް ކުރިއަށް ގެންދާށެވެ. އިންޑިއާ އިން އަފްޣާނިސްތާންގެ އިގްތިސާދަށް އަޅާފައިވާ ބިލިއަން ޑޮލަރުގެ އުމްރާނީ ތަރައްގީގެ ފައިދާ ތާލިބާނުން ވަނީ އަމިއްލަ ލޮލުން ދެކެ ކަށަވަރު ކޮށްފައެވެ.

ތާލިބާނުން އިންޑިއާ ދޭތެރޭ ގޮތް ހާމަ ކުރުމަށާއި ތާލިބާނުން އިންޑިއާއަށް ދޭން ބޭނުންވާ މެސެޖް ދިނުމުގެ މަސައްކަތް ޙަވާލު ކުރީވެސް ވަރަށް ޚާއްސަ ފަރާތަކާއެވެ. ތާލިބާންގެ ސިޔާސީ އޮފީގެ ނާއިބް ލީޑަރު ޝޭރް މުޙައްމަދު ޢައްބާސް ސްޓެނިކްޒާއީ އަކީ އިންޑިއާއަށް ބީރަށްޓެހި މީހެއް ނޫނެވެ. ދޯހާގައި ހުންނަވާ އިންޑިއާގެ އެމްބެސެޑަރާ ބައްދަލު ކުރައްވައި އޭނާ ވަނީ ތާލިބާން ސަރުކާރަށް އިންޑިއާގެ އެހީތެރިކަން ބޭނުންވާނެ ކަން ހާމަކޮށްފައެވެ. އަދި މިދިޔަ 20 އަހަރުގެ ތެރޭގައި އިންޑިއާއިން އަފްޣާނިސްތާންގައި މަސައްކަތް ކުރިގޮތަށް އަލުން ތަރައްގީގެ މަސައްކަތުގައި ބައިވެރިވެ ދިނުމަށް ތާލިބާނުން ބޭނުންވާކަން އޭނާ ވަނީ ހުށަހަޅާފައެވެ. ސްޓެނިކްޒާއީ ވަނީ އިންޑިއާއާއެކު ވިޔަފާރީގެ ގުޅުމެއް ބޭއްވުމަށް ތާލިބާނުންގެ ޝައުގުވެރިކަން ހުރިކަމަށްވެސް ބުނެފައެވެ. އަދި އިންޑިއާއަށް ވަރަށް މުހިންމު ގެރެންޓީއެއްގެ ގޮތުގައި ސްޓެނިކްޒާއީ ބުނެފައި ވަނީ އީރާންގައި އިންޑިއާއިން ހަހދާ ޝާބާރު ބަނދަރުގެ މަސައްކަތަށްވެސް ތާލިބާނުންގެ ތާއީދު އޮންނާނެ ކަމަށެވެ. މިއީ މި ބަނދަރުގެ އިތުރުން މި ބަނދަރުން ލައިގެން އަފްޣާނިސްތާނަށް ދާ މުދާ އުފުލާ ރޭލްވޭއެއް ބިނާ ކުރުމުގެ ޕްރޮޖެކްޓެއްވެސް އޭގައި ހިމެނޭ މަސައްކަތެކެވެ.

ސްޓެނިކްޒާއީ އަކީ އިންޑިއާގެ ދެހެރާދުންގެ މިލިޓްރީ ކޮލްޖެގެ ގްރެޖުއޭޓެކެވެ.

އިންޑިއާއިން ތާލިބާނާ މެދު އަދިވެސް މުއާމަލާތު ކުރަމުން ދަނީ ވަރަށް ރައްކާތެރި ހައްސާސް ގޮތަކަށެވެ. މާޒީގައި އިންޑިއާއަށް ތާލިބާނުންގެ ފުށުން ލިބިފައި ވަނީ އެހާ އުފާވެރި ތަޖުރިބާތަކެއް ނޫނެވެ. އޭގެ ތެރޭގައި 1999ގައި ކަންދަހާރަށް އިންޑިއާގެ މަތިންދާބޮޓެއް ވައިފޭރިގެން ދިއުންވެސް ހިމެނެއެވެ. އަދި ހަމައެފަދައިން މާޒީގައި ތާލިބާނުން ޕާކިސްތާންގެ ޖާސޫސީ އިދާރާ އައިއެސްއައިއާ ގުޅިގެން އުޅުމަކީވެސް އިންޑިއާއަށް އެހާ އުފާވެރި ކަމެއް ނޫނެވެ.

ސްޓެނިކްޒާއީ އާއި އިންޑިއާ އެމްބެސެޑަރާ ބައްދަލު ކުރުން ވެގެން ގޮސްފައިވާ ޕާކިސްތާނަށް ބަލަން ފަސޭހަ ކަމަކަށް ނޫނެވެ. ޕާކިސްތާނުން ބުނެފައި ވަނީ މިއިން ދައްކައި ދެނީ އިންޑިއާގެ ލަދުހުތުރު ކަމެވެ.

ޕާކިސްތާނުން އެހެން އުކުޅު ތަކެއްވެސް ގެންގުޅެއެވެ. ޕާކިސްތާނުން ބުނެފައި ވަނީ އެމރރިކާއިން ތާލިބާނުންގެ ސަރުކާރެއް ބލައި ނުގެންފިނަމަ، އައު ސެޕްޓެމްބަރު 11 އަކާ ކުރިމަތިލާން ޖެހިދާނެ ކަމަށެވެ. މި އިންޒާރު ދެއްވާފައި ވަނީ ޕާކިސްތާންގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު މުއީދު ޔޫސުފް، ޔޫކޭގެ ދަ ސަންޑޭ ޓައިމްސްއަށް ދެއްވި އިންޓަރވިއުއެއް ގައެވެ.