ރައީސް ސޯލިހަކީ ޝަރީއަތަށް ނުފޫޒު ފޯރުވާނެ ބޭފުޅެއް ނޫންކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މެއި 6 ވަނަ ދުވަހުގެ ރޭ އެމަނިކުފާނަށް އަމާޒުކޮށްދިން ޓެރަރިސްޓު ހަމަލާއަށް ފަހު، ފުރަތަމަ ފަހަރަށް ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ނެވެ.

އޮންލައިންކޮށް ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ނަޝީދު ވިދާޅުވީ މިހާރު މީޑިޔާގައި ފެތުރެމުންދާ އޯޑިޔޯތަކަކީ ރައީސް ޔާމީނުގެ ސަރީޢަތް ހިންގެވި 3 ފަނޑިޔާރެއްގެ އޯޑިޔޯ ކަމަށެވެ.

މީގެ އިތުރުން އެމަނިކުފާނު ވިދާޅުވީ އެމަނިކުފާނުގެ މުސާރަ ނަންގަވާ ކަމަށާއި މުސާރަ ނުނަގައިފި ނަމަ ދިރިއުޅެވޭނެ ގޮތެއް ނެތް ކަމަށެވެ. ނަމަވެސް ނަންގަވަނީ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ނަންގަވާ ކަމަށާއި ކޮމިޓީތަކުގައި ބައިވެރި ނުވާތީ ކޮމިޓީ އެލަވެންސް ނުލިބޭ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނަށް އާމްދަނީ ލިބޭނެ އެހެން ގޮތްތައް ހުރި ނަމަވެސް އެމަނިކުފާނަށް އެ ފަދަ ގޮތެއް ނެތްކަމަށް ރައީސް ނަޝީދު ވަނީ ފާހަގަކުރައްވާފަ އެވެ.

"އަޅުގަނޑަށް ކުރިމަތިވެފައިވާ ހާލަތު ހުރިހާ ފަރާތްތަކަކަށް ވެސް އެނގޭނެ. މިއީ އަޅުގަނޑު އަމިއްލައަށް ކުރިމަތި ކުރުވި ހާލަތެއް ނޫން." ރައީސް ނަޝީދު ވިދާޅުވި އެވެ.