ޗައިނާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު ހަރ އެކްސެލެންސީ ވަން ލިޒިން، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް މިއަދު އަރުވައިފިއެވެ.

މިއަދު މެންދުރުކުރީގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ރަސްމިއްޔާތުގައި، ފަތްކޮޅު އެރުވުމަށްފަހު، ޗައިނާގެ އައު ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، އެކަމަނާ ރާއްޖެ ވަޑައިގެން ސަފީރުކަމާ ހަވާލުވެވަޑައިގަތުމާ ގުޅިގެން މަރުޙަބާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ލިޒިންގެ ކުރިން ޗައިނާގެ ސަފީރުކަމާ ހަވާލުވެވަޑައިގެން ހުންނެވި ބޭފުޅާ ރާއްޖެއާ ޗައިނާގެ ގުޅުން އިތުރަށް ވަރުގަދަކުރެއްވުމަށް ކުރެއްވި މަސައްކަތް ފާހަގަކުރައްވައި، ލިޒިންގެ ސަފީރުކަމުގެ ދައުރުގައި ވެސް އިތުރަށް ދެ ޤައުމުގެ ގުޅުން ބަދަހިވާނެކަމަށް ޔަޤީންކުރައްވާކަމުގައި ވިދާޅުވެފައެވެ.

ކުރިޔަށް އޮތް އަހަރަކީ ރާއްޖެއާއި ޗައިނާއާ ދެމެދުގައި ސިޔާސީ ގުޅުން ޤާއިމުކުރިތާ 50 އަހަރު ފުރޭ އަހަރުކަމުގައި ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެޤައުމުގެ ދެމެދުގައިވާ ވަރުގަދަ ގުޅުމުގެ މައްޗަށް ބައްލަވާލައްވައި، މިދިޔަ ޖުލައި މަހު ޗައިނާގެ ރައީސް ޝީ ޖިންޕިންގ އާ ފޯނުން ގުޅުއްވައި ދެއްކެވި ވާހަކަފުޅުތަކަށް އަލިއަޅުއްވާލައްވާފައެވެ. އަދި މި ފޯން ކޯލްގައި ދެ ޤައުމުގެ ވެރިންވެސް ރާއްޖެއާއި ޗައިނާގެ ގުޅުން އޮތް އިރު ދެޤައުމުންވެސް ޝާއުޤުވެރިވާ ދާއިރާތަކުން އިތުރަށް ގުޅުން ވަރުގަދަކުރެއްވުމަށް މަސައްކަތްކުރައްވާނެކަމުގައި ވަނީ ތަކުރާރުކޮަށް ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ޗައިނާއިން ރާއްޖޭގެ އިޖްތިމާޢީ އިޤްތިޞާދީ ތަރައްޤީއަށް ވެދެއްވާ އެހީތެރިކަން ފާހަގަކުރައްވައި އެކަމަށް ޝުކުރުއަދާކުރެއްވިއެވެ. އަދި، ޗައިނާ ސަރުކާރުން ކުރިން ރާއްޖެއަށް ހަދިޔާކޮށްފައިވާ 200،000 ޑޯޒްގެ ސައިނޯފާމް ވެކްސިންގެ އިތުރުން 400،000 ޑޯޒްގެ ސިނޯފާމް ވެކްސިން ހަދިޔާކުރައްވާފައިވާތީ އެކަމަށްޓަކައި ޗައިނާގެ ރައީސްއަށާއި، އެޤައުމުގެ ސަރުކާރަށް އިޚުލާސްތެރިކަމާއެކު ޝުކުރުއަދާކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވިގޮތުގައި މި އެހީތެރިކަމުގެ ސަބަބުން ރާއްޖޭގެ އާބާދީގެ އެންމެނަށް ވެކްސިން ޖެހުމަށް ވަނީ މަގުފަހިވެފައެވެ.

މި ބައްދަލުކުރެއްވުމުގައި ޗައިނާ ސަފީރު ވަނީ ޗައިނާ ސަރުކާރުގެ ހެޔޮއެދުންތައް ރައީސުލްޖުމްހޫރިއްޔާއަށާއި، ދިވެހި ރައްޔިތުންނަށް ފޮނުއްވާކަމުގައި ވިދާޅުވެފައެވެ. އަދި ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާ ސަފީރުކަމުގެ މަޤާމު އެކަމަނާއަށް ލިބިވަޑައިގަތުމަކީ ލިބުނު މަތިވެރި ޝަރަފެއްކަމަށާއި، އެކަމަނާގެ ސަފީރުކަމުގައި ދެޤައުމުގެ ގުޅުން އިތުރަށް ވަރުގަދަކުރެއްވުމަށް މަސައްކަތް ކުރައްވާނެކަމުގައި ވިދާޅުވިއެވެ. އަދި އެކަމަނާ ވަނީ ރާއްޖޭގެ ސަރުކާރުން ކޮވިޑް ކޮންޓްރޯލް ކުރުމުގައި ނަގާފައިވާ ފިޔަވަޅުތަކަށް މަރުޙަބާ ވިދާޅުވެ ތަޢުރީފުކުރައްވާފައެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ދެބޭފުޅުން ވަނީ ރާއްޖެއާ ޗައިނާއާ ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތްކުރައްވާނެކަމުގައި ވިދާޅުވެފައެވެ.