ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ހިއްސާ އޮންނަ ރިޗްކްލަބް މޯލްޑިވްސް އިން އިންސްޓޯލްމަންޓަށް ގަތް "ފަސްކުރި" މަސް ދޯނި، އޭގެ ވެރިފަރާތާ ހަވާލުކުރަން ލ. ގަމު މެޖިސްޓްރޭޓް ކޯޓުން އިއްޔެ ވަގުތީ އަމުރެއް ނެރެނު ގާޒީގެ މައްސަލަ ޖޭއެސްސީއަށް ހުށަހަޅައިފިއެވެ.

ދޯނީގެ ވެރިފަރާތް، ލ. ގަމު އިދުރީސް ހުސެއިން ހުށަހެޅި މައްސަލައިގައި ދޯނީގެ އަގާއި އެމްޓީސީސީ އަށް އިންޖީނުގެ އަގު ދެއްކުމަށް ރިޗްކްލަބް މޯލްޑިވްސް އިން ހިލާފުވެފައިވާ ދުވަހުން ފެށިގެން އެއްބަސްވުން ނިމުމަކަށް އައިސްފައިވާ ކަމަށް ކަނޑައަޅައިދިނުމަށް އެދިފައިވެއެވެ. އަދި އިދުރީސަށް ދޯނި ހަވާލުކުރުމާ ހަމައަށް ކުލީގެ ގޮތުގައި އެ އުޅަނދަށް ދައްކަން ޖެހޭ ފައިސާ ދައްކަން ޖެހޭކަން ކަނޑައަޅައިދިނުމަށް ވެސް އެދިފައިވެ އެވެ.

އިދުރީސް ގެ މައްސަލައަށް ރިއާޔަތްކޮށް ގަމު މެޖިސްޓްރޭޓް ކޯޓުން އިއްޔެ ވަނީ ވަގުތީ އަމުރެއް ނެރެފައެވެ. އެ އަމުރުގައި ބުނެފައިވަނީ 2 ދޯނީގެ މައްސަލަ ވަކިގޮތަކަށް ނިމުމުގެ ކުރިން ފަސްކުރި ދޯނީގެ ވެރިފަރާތުގެ ހުއްދަނެތި އެއްވެސް މީހަކު އެ އުޅަނދަށް އަރައި ފޭބުމާއި ދޯނީގައި ތިން ވަނަ ފަރާތެއް ތިބުމަކީ އިދުރީސް އަށް އިއާދަނުކުރެވޭ ބޮޑު ގެއްލުންތަކެއް ކުރިމަތިވާނެ ކަމަށް ޝަރީއަތަށް ފެންނަ ކަމަށެވެ.

އެހެންވެ ޝަރީއަތުން ވަކި ގޮތެއް ކަނޑައަޅަންދެން ފަސްކުރި ދޯންޏާއި އެ ދޯނީގައި ހުރި ތަކެތި ވަގުތުން ހަވާލުކުރަން ރިޗްކްލަބް މޯލްޑިވްސްގެ މައްޗަށް އަމުރުކޮށްފައި ވެ އެވެ.

ދޯނީގައި ތިބި މީހުން ވެސް، އިދުރީސްގެ ހުއްދައާއެކު ހަ ގަޑިއިރުގެ ތެރޭގައި އެ މީހުންގެ އަމިއްލަ ތަކެއްޗާއެކު ފައިބަން އެ އަމުރުގައި ވެއެވެ.

މި ކަމާ ގުޅިގެން ރިޗްކްލަބް އިން ވަނީ އެ މައްސަލަ ޖޭއެސްސީ އަށް ހުށަޅާފައެވެ. ރިޗްކްލަބް މޯލްޑިވްސްގެ ފަރާތުން ޖޭއެސްސީއަށް ފޮނުވި ސިޓީގައި ބުނެފައިވަނީ، އެ މައްސަލަ ދޯނީގެ ވެރިފަރާތުން ކޯޓަށް ހުށަހަޅާފައި ވަނީ ތޫނު ހަތިޔާރާއެކު ބަޔަކު އަރައި، ދޯންޏާއި، އޭގައި ތިބި މީހުންނާއި މުދާ ހައިޖެކުކޮށް ހިންގި ޓެރަރިޒަމްގެ އަމަލު ދިފާއު ކުރުމަށް ކަމަށެވެ.

"މި މައްސަލަ ބައްލަވައި، އަމުރު ނެރެދެއްވި އިސް މެޖިސްޓްރޭޓް އަބްދުލްފައްތާހު އަބްދުލްޣަފޫރާމެދު ތިޔަ ކޮމިޝަނުން އެޅުއްވެން ހުރި ފިޔަވަޅުތައް އަޅުއްވައި، ހައްދުންމަތީ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅިފައިވާ މައްސަލަ އިންސާފުވެރިކަމާއެކު ބެލޭނެގޮތުގެ މަތިން މާލޭގެ ކޯޓަކަށް ތަހުވީލުކޮށް ދެއްވުމަށް އެދި ދެންނެވީމެވެ،" އެ ކުންފުނިން ޖޭއެސްސީގައި އެދިފައިވެ އެވެ.

ލ.ގަމާއި 11 މޭލު ބޭރުގައި އެންދަމަން އޮތް މަސް ދޯންޏަކަށް ތޫނު އެއްޗެއްސާއި އެކު ގްރޫޕަކުން އަރައި އެދޯނި ހައިޖެކްކޮށްފައިވަނީ އިއްޔެއެވެ.

ފުލުހުންބުނީ އެދޯނި ލ.ގަން ތުނޑި އަށް ބަނދަރު ކުރުމުން ފުލުހުން ގޮސް ބެލިއިރު އެދޯންޏަށް އިތުރު ބަޔަކު އަރައިފައިވާ ކަމަށާ ނަމަވެސް އެއްވެސް މާރާމާރީ އެއް ހިނގާފައި ނުވާކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ ދޯންޏަށް ގެންދިޔަ ކަމަށް ބެލެވޭ ތޫނު އެއްޗެހި ދޯނިތެރޭ ހުރުމުން އެތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. އަދި މިހާތަނަށް އެނގިފައިވާ ގޮތުގައި މިއީ އެއްބަސްވުމެއްގެ ދަށުން ގަނެފައިވާ ދޯންޏަކަށް ވެފައި އެއްބަސްވުމަށް އަމަލުނުކުރާ ކަމަށްބުނެ ދޯންޏަށް ދިޔަ ކަމަށް ބެލޭ ބައެއް ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލައިގައި ތިން މީހަކު ހައްޔަރުކޮށް ފުލުހުންދަނީ މައްސަލަ ތަހުޤީގު ކުރަމުންނެވެ.