އެސްޓީއޯއިން ޑިޖިޓަލް ބޭންކުގެ ހިދުމަތް ފަށަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް ލައިސަންސް ހޯދުމަށް މިއަދު ހުށަހަޅައިފި އެވެ.

ލައިސަންސަށް އެދި ހުށަހެޅުއްވުމަށްފަހު އެމްއެމްއޭ ކުރިމަތީ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން އަމްރު ވިދާޅުވީ މި ބޭންކަކީ މުޅިން ޑިޖިޓަލްކޮށް ހިންގޭނެ ބޭންކެއް ކަމަށެވެ. އެގޮތުން އެކައުންޓް ހުޅުވަން މީހެއް ކައިރިއަށް ދާކަށް ނުޖެހޭނެކަމަށާއި، އެންމެ ލަސްވެގެން ފަސް މިނެޓް ތެރޭގައި އަމިއްލަ އަށް އެކައުންޓް ހުޅުވައިލެވި، 60 ސިކުންތު ތެރޭގައި ލޯނަށް އެޕްލައިކޮށް، ލޯނުގެ ފައިސާ އެކައުންޓަށް ޖަމާވާނެކަމަށެވެ.

އަމްރު ވިދާޅުވިގޮތުގައި މަރުކަޒީ ބޭންކަށް ލައިސަންސް ލިބެން ތިން މަސް ދުވަސް ނަގާނެ އެވެ. އަދި ލައިސަންސް ލިބުމުން ކުރަން ޖެހޭ ބައިވަރު ކަންކަން އެބަހުރި ކަމަށާއި، އެ ކަންކަން ނިންމައި އަންނަ އަހަރުގެ މެދުތެރޭގައި ބޭންކު ހުޅުވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އަމްރު ވިދާޅުވީ ބޭންކިންގެ ދާއިރާގައި މުޅި ދުނިޔެއަށްވެސް މިއަންނަނީ ރިވޮލިއުޝަނެއްކަމަށާއި، މިކަން އަންނައިރު މިކަމުގެ ކުރީސަފުގައި ރާއްޖެވެސް އުޅެފިއްޔާ ދުނިޔޭގެ ފެންވަރުގައި ރަނގަޅު ބޭންކަކަށް ޑިޖިޓަލް ބޭންކް ވެގެންދާނެކަމަށެވެ.