ތާލިބާނުން ކާބުލް ހިފުމަށްފަހު އަފްޣާނިސްތާނާއި އަވަށްޓެރި ސަރަހައްދުތަކަށް ކުރާނެ އަސަރުތަކާއި އަންނާނެ ބަދަލުތަކާ ބެހޭ ގޮތުން، ޔޫރަޕިއަން ފައުންޑޭޝަން ފޯރ ސައުތު އޭޝިއަން ސްޓަޑީޒްއިން ބޭއްވި ވެބިނާރގައި ތަޖުރިބާކާރުންނާއި މުޙައްލިލުންނާއި ސިޔާސަތުދާންގެ ޖަމާއަތަކުން ބައިވެރިވިއެވެ.

މި ވެބިނާރގައި ވާހަކަ ދެއްކެވި ފަރާތްތަކުން ފާހަގަ ކުރެއްވި މުހިންމު ނުކުތާތަކަށް އަލިއަޅުވާފައި ވާނެއެވެ.

އަފްޣާނިސްތާންގެ ކުރީގެ ސަރުކާރުގެ ޕެޓްރޯލިއަމް އާއި އަމއިން އަދި އިންޑަސްޓްރީޒް މިނިސްޓަރ ނަރްގިސް ނޭހާން ވިދާޅުވިގޮތުގައި ތާލިބާނުން އެކުލަވާލި ސަރުކާރުގައި އަފްޣާން އަންހެނުން ތަމްސީލުކުރުމަށް ފުރުސަތު ދީފައި ނުވުމަކީ ކެބިނެޓްގައި އަފްޣާނިސްތާންގެ މުޖުތަމައު ބައިވެރި ނުކުރުން ހާމަ ކޮށްދޭ ކަމެކެވެ. ނޭހާން އަކީ އެންޖީއޯ، އީކުއިޓީ ފޯރ ޕީސް އެންޑް ޑިމޮކްރެސީގެ މުއައްސިސެކެވެ. އެކަމަނާ ވިދާޅުވިގޮތުގައި، މި ކެބިނެޓު އެކުލަވާލާފައި ވަނީ އަފްޣާނިސްތާންގައި ބިންވަޅު ނެގިފައިވާ ކޮރަޕްޝަނާއި ދައުލަތުގެ މުއައްސަސާތަކުގެ ހީނަރުކަމާއި ގައުމީ ލީޑަރުންގެ އެއްބައިވަންތަކަން ނެތުމުގެ ސަގާފަތުން ފައިދާ ނަގައިގެންނެވެ. އަދި ތާލިބާނުންނަށް ލިބުނު ކާމިޔާބީ ހާސިލު ކުރެވިފައިވަނީ 2020ގެ ދޯޙާ އެއްބަސްވުމުގެ ސަބަބުންނެވެ. އަފްޣާނިސްތާންގެ އަސްކަރީ ހާލަތު ގޯހުން ގޯހަށް ގޮސްފައިވަނީ މި އެއްބަސްވުމުގެ ސަބަބުންނެވެ. އަދި ހާލަތު ގޯސްވެގެން ދިޔައިރު ބައިނަލްއަގްވާމީ މުޖުތަމައު އޮތީ ތާލިބާނން ބާރުވެރި ވުމަކީ، ނުވެ ނުދާނެ ކަމެއްކަމަށް ބަލައިގެން ވާނެ އެއްޗެއް ވަންދެން ބަލަހައްޓައިގެންނެވެ.

ކުރިއަށް ވުރެން ތަފާތު ގޮތަކަށް، ތާލިބާންގެ އައު ސަރުކާރުގެ ވިސްނުމާއި ސިޔާސަތަށް ބަދަލެއް އައިސްފައި ނުވާކަންވެސް އޭނާ ފާހަގަ ކުރެއްވިއެވެ. ނަމަވެސް މިދިޔަ މުއްދަތުގައި އަފްޣާން މުޖުމުތަމައުގެ އަފްރާދުންނަށް އެމީހުންގެ މަދަނީ ހައްގުތައް އިޙުސާސް ކުރެވިފައި ވުމުގެ ސަބަބުން، ތާލިބާނަށް ދެން ވެރިކަން ކުރާކަށް ފަސޭހައެއް ނުވާނެއެވެ. ތާލިބާނާ ދެކޮޅަށް މުޒާހަރާތައް ނިކުންނާނެ ކަން ފާހަގަ ކުރައްވަމުން އޭނާ ވިދާޅުވީ، ތާލިބާނަށް އެންމެ ރަނގަޅުވާނީ ޖަމާއަތުގެ އެންމެން ބައިވެރިކޮށްގެން ވެރިކަން ކުރުމަށާއި ޖަމާއަތުގެ ސުލްޙައަށް މަސައްކަތް ކުރުން ކަމަށެވެ. އަދި ތާލިބާނާ ދެކޮޅަށް މަސައްކަތް ކުރަމުންދާ ޕަންޖްޝޭޜް ޕްރޮވިންސަށް އެހީވެދިނުމަށްވެސް އޭނާ ގޮވާލެއްވިއެވެ.

ސެންޓަރ ފޯރ ސްޓަޑީ އޮފް ކްރައިސިސް އެންޑް އިންޓަރނޭޝަނަލް ކޮންފްލިކްޓްގެ ޑރ. ޑްރޮތީ ވެންޑޭމް ވިދާޅުވިގޮތުގައި ޕާކިސްތާނުން ގެންގުޅޭ ސިޔާސަތަކީ އިރުމަތިންނާއި ހުޅަނގުން އިންޑިއާ ވަށާލުމުގެ ސިޔާސަތެކެވެ. އަދި ޕާކިސްތާންގެ ދާޚިލީ ސިޔާސަތާއި ޚާރިޖީ ސިޔާސަތު އެކުލަވާލުމުގައި ބޮޑެތި ނުރައްކާތައް ކުރިމަތިވާން ހުރިކަމަށް ބަލައިގެން ސިފައިން، މަދަނީ ސަރުކާރަށް ކަންކަން އިމްލާ ކޮށްދޭކަމަށް ބެލުމަކީ ވަރަށް ޖާއިޒު ކަމެކެވެ. އަދި ގައުމީ ސަލާމަތަށް ނުރައްކާތަކެއް ކުރިމަތިވާން ހުރިކަމަށް ދެއްކުމުން އަސްކަރީ މުއައްސަސާއަށް ބާރުވެރި މަރުކަޒެއްގައި އޮތުމަށް ފަހިކޮށްދެއެވެ.

އޭނާ ވިދާޅުވިގޮތުގައި ޕާކިސްތާންގެ ޖާސޫސީ އިދާރާ އައިއެސްއައި އިން ވަނީ ސިޔާސީ ގޮތުން ހަމަނުޖެހުން އުފެއްދުމާއި އިސްލާމީ ފިކުރުގެ ހަރުކަށި ފަރާތްތަކާ ގާތުން ގުޅުން ބޭއްވުން އާންމު ކަމަކަށް ހަދައިފައެވެ.

ތާލިބާނާއި ހައްގާނީ ނެޓްވަރކަށް ވެދެމުންދާ މާލީ އަދި މައުނަވީ އެހީތެރިކަމަކަކީ މިކަން ސާބިތު ކޮށްދޭ ހެއްކެއް ކަމުގައި އޭނާ ފާހަގަ ކުރެއްވިއެވެ. މިއެހީތެރިކަމާއެކުވެސް ތާލިބާނުން ގެންގުޅެނީ އަމިއްލައަށް މިނިވަންވެ ގަތުމުގެ ފިކުރެކެވެ.

ސުއިޑްންއާއި ޔޫކޭގެ މިނިސްޓްރީ އޮފް ޑިފެންސްގެ ކުރީގެ ސީނިއަރ އެނަލިސްޓް ޓިމޮތީ ފޮކްސްލީ ފާހަގަ ކުރެއްވިގޮތުގައި އަފްޣާނިސްތާނަށް މިހާރު އަންނަމުންދާ ބަދަލުތަކާމެދު ބައިނަލްއަގްވާމީ މުޖުތަމައިން ފާރަވެރިކަމާއެކު ބަލަން އޮންނަން ވާނެއެވެ. އަފްޣާން ހަމަނުޖެހުމަށް އިޝާރާތް ކުރައްވައި އޭނާ ވިދާޅުވީ މިދިޔަ ވިއްސަކަށް އަހަރު ތެރޭގައި މާބޮޑެތި ބަދަލުތަކެއް އައިސްފައެއް ނުވެއެވެ.

އޭނާ ވިދާޅުވީ ތާލިބާނަކީ ބައިމަދު ބައެކެވެ. އަދި އެމީހުން ނުފޫޒާއި ބާރު ހޯދަނީ، ބިރުދެއްކުމުގެ އަމަލުތަކުންނެވެ. އަދި ތާލިބާނުންގެ ސަރުކާރުގައި ނަސްލީ ގޮތުންނާއި ސިޔާސީ ގޮތުން ތަފާތު ވައްތަރުގެ މީހުން ހިމެނިފައި ނެތުމަކީ ތާލިބާނަށް މީހުންގެ މެދުގައި ފުޅާގޮތަކަށް ތާއީދު ނެތްކަން ހާމަކޮށްދޭ ކަމެކެވެ. އަދ ޕަންޖްޝޭރް ވާދީގައި ހިނަގަމުންދާ ހަނގުރާމައަށ އިޝާރާތް ކުރައްވައި އޭނާ ވިދާޅުވީ އެކި ޖަމާއަތްތަކުން ތާލިބާނާ ދެކޮޅަށް ގެރިއްލާ އުކުޅުތައް ބޭނުން ކުރަން ފަށައިފިނަމަ، ތާލިބާނަށް ހިފަހައްޓާ ނުލެވޭނެ ކަމަށެވެ.

އަފްޣާނިސްތާންގެ ކަންކަން އޮތީ ކުރިންވެސް ހިނގަމުން އައި ގޮތަށްކަން ދައްކައި ދިނުމުގެ ގޮތުން ތާލިބާނުން ބާރުއަޅަނީ މީހުން ގައުމުން ބޭރު ނުވުމަށެވެ، އަދި ސަރުކާރު މުވައްޒަފުން ވަޒީފާއަށް ނުކުތުމަށެވެ. ތާލިބާނަށް މަޖުބޫރުވާނީ، އިންސާނީ ހައްގުތައް ޙިމާޔަތް ކުރާކަން ސާބިތުކޮށްދީ، ޓެރަރިޒަމާ ދެކޮޅަށް މަސައްކަތް ކުރާކަން އަމަލީ ގޮތުން ދައްކައި އޭގެ ބަދަލުގައި ބައިނަލްއަގްވާމީ އެހީ ލިބި ގަތުމަށެވެ. ހަމަ އެއާއެކު، ތާލިބާނަށް މަޖުބޫރުވާނީ ފާޑުކިޔުންތައް ހުއްޓުވައި އެމީހުންނާ ދެކޮޅުވެރިން ކޮންޓްރޯލް ކުރާށެވެ. އެހެންވެ، ވެރިކަން ކުރުމުގައި މިކަންކަމަކަކީ ތާލިބާނަށް ކާމިޔާބު ކުރެވޭނެ ކަންކަމެއް ނޫނެވެ.

ފޮކްސްލީ ފާހަގަ ކުރެއްވިގޮތުގައި ތާލިބާނާ ދެކޮޅަށް އައިސިސް ޚުރާސާނާއި ހަނގުރާމަވެރި ލީޑަރުންގެ ފަރާތުން ހަމަލަތައް ކުރިމަތިވާން ފަށާނެ އެވެ. އަދި މީގެ ސަބަބުން އެކި ދިމަދިމާލުގައި ކުދިކުދި ހަމަނުޖެހުންތައް ހިނގަމުން ދާނެއެވެ.

ހަނގުރާމަވެރި ލީޑަރުންގެ ސުލޫކާއި އެމީހުންގެ ބާރާ މެދު ދިރާސާ ކުރައްވާ ޔުނިވަރސިޓީ އޮފް އެކްޒިޓަރގެ ލެކްޗަރަރ ޑރ. ވަލީދާ މެހްރާން ވިދާޅުވިގޮތުގައި ތާލިބާނަކީ ދައުލަތެއް ތަމްސީލު ކުރާ ހަރުކަށި ޖަމާއަތެކެވެ. އަދި އެއީ، އަފްޣާން ރައްޔިތުންގެ މެދުގައި މަގްބޫލުކަން ލިބިގެންވާ ބަޔެއް ނޫނެވެ. ތާލިބާނުން ވެރިކަމުގައި އޮންނާން ބޭނުން ނަމަ، ހަރުކަށި ގޮތްތައް އަމިއްލަ ކުރަން މަޖުބޫރު ވާނެއެވެ. ނޫންނަމަ، ތާލިބާނާ ދެކޮޅަށް މީހުން އެކި ދިމަދިމާލުން އުތުރި އަރާނެއެވެ. ތާލިބާނަކީ ހަރުކަށި ބަޔެއް ނޫންކަމަށް ދައްކަން މަސައްކަތް ކުރިނަމަވެސް އެކަން ކާމިޔާބު ނުވާ އެންމެ ބޮޑު ސަބަބަކީ ތާލިބާންގެ ކެބިނެޓްގައި އަންހެނުންނާއި އެހެން ދަރިކޮޅުގެ މީހުން ހިމަނާފައި ނެތުމެވެ.

އެހެންވެ، ތާލިބާންގެ ވެރިކަމުގައި ތަފާތު ކުރުމަކީ އާންމު ސިފައަކަށްވާނެ ކަމެއްކަމުގައި އޭނާ ވިދާޅުވިއެވެ. އަދި އަފްޣާނިސްތާންގެ ދައުލަތުގެ މުހިންމު ދާއިރާތައް ކަމަށްވާ ސިއްޙީ ދާއިރާއާއި ތަޢުލީމާއި އިގްތިސާދު އަދި ބޭންކިންގ ގެ ދާއިރާތައް އެއްކޮށް ވިއްސިވިހާލި ވެގެން ގޮސްފައިވާ ކަން ހާމަ ކުރައްވަމުން އޭނާ ވިދާޅުވީ، ހުނަރުވެރި، އިލްމީ އަފްޣާން އިންސާނީ ރައުސްމާލުން ފައިދާ ނެގުމުގެ ބަދަލުގައި ތާލިބާނުން ވަނީ ދައުލަތުގެ އިދާރާތައް ހިންގަން އެމީހުންގެ އަމިއްލަ މުއްލާއިންތަކާ ހަވާލު ކޮށްފައެވެ.

މިމީހުންނަކީ ވެރިކަމެއް ހިންގުމަށްޓަކައި، އިލްމާއި ހުނަރާއި ތަޖުރިބާ ނެތް ބަޔެއްކަންވެސް އޭނާ ފާހަގަ ކުރެއްވިއެވެ.

ޑރ. މެހްރާން ވިދާޅުވި ގޮތުގައި ތާލިބާނުން އެމީހުންގެ ސޫރަ ރީތިކޮށް ދައްކަން ބޭނުންވިނަމަވެސް ތާލިބާނާއި އަލްގައިދާއާއި އޮންނަ ގުޅުމަކީ

ސިއްރެއް ނޫނެވެ. އަދިވެސް އަފްޣާނިސްތާންގައި އެތައް ބިދޭސި ހަނގުރާމަވެރިންނެއް ހަރަކާތްތެރިވާ ކަމަށާއި މީގެ އިތުރުން ޓެރަރިސްޓް ޖަމާއަތެއްކަމުގައިވާ ހައްގާނީ ނެޓްވަރކްގެ އިސް ލީޑަރުންނަށް ތާލިބާން ސަރުކާރުގެ އިސްމަގާމުތައް ލިބިފައިވާކަމީ ބަލައި ނުލައި ދޫކޮށް ލެވޭނެ ކަންކަމެއް ނޫން ކަމުގައި އޭނާ ވިދާޅުވިއެވެ.