ގޭގެ ކުޑަދޮރުން ބޯދިއްކުރުމަކީ މަނާ ކަމެއް ކަމަށް އެއްވެސް ގާނޫނެއްގައި ބަޔާންކޮށްފައި ނުވާ ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ބުނެފިއެވެ.

އެ ކޯލިޝަނުން މިހެން ބުނެފައިވަނީ މިއަދު އިދިކޮޅުން މާލޭގައި ކުރިއަށްގެންދިޔަ އިހުތިޖާޖުގައި ޔާމީން ބައިވެރިވެ ވަޑައިގަތުމުން އެމަނިކުފާނުގެ މައްސަލަ ބައްލަވައި ފިޔަވަޅު އަޅުއްވާނެ ކަމަށް ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދު ވިދާޅުވުމާ ގުޅިގެންނެވެ.

އެކަމާ ގުޅިގެން އިދިކޮޅުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ މިއަދުގެ ސުލްޙަވެރި ހިނގާލުމުގެ ބައިވެރިން ޔާމީންގެ ގެކޮޅާ ހަމައަށް އެރުމުން، އެމަނިކުފާނު ދެކިލުމަށް ބޭނުންވެފައި ތިބި އެތައް ސަތޭކަ ރައްޔިތުންނަށް ފެނިލުމަށް ގޭގެ ކުޑަދޮރުން ބޯދިއްކޮށްލައްވާ ބައިވެރިންނަށް އެމަނިކުފާނު އަތް ހޫރުވާ ސަލާމް ކުރައްވާފައިވާ ކަމަށެވެ.

އެގޮތުން މިއީ އެއްވެސް ޙާލެއްގައި ގޭ ބަންދުގައި ހުންނަވާ ބޭފުޅަކަށް ނުކުރެއްވޭނެ ކަމެއްގެ ގޮތުގައި ރާއްޖޭގައި ހެދިފައިވާ އެއްވެސް ޤާނޫނެއް، ޤަވާއިދެއް ނުވަތަ އުސޫލެއްގައިވެސް ބަޔާންކޮށްފައިވާ ކަމެއް ނޫން ކަމަށާއި އަދި މިއީ އެމަނިކުފާނާއި އެކު ދައުލަތުން އެއްބަސްވެފައިވާ އެއްވެސް އެއްބަސްވުމެއްގައި ވެސް އޮތް ވާހަކައެއް ނޫން ކަމަށް އިދިކޮޅުން ބުނެއެވެ.

އަދި އެއްވެސް އިންސާފުވެރިކަމެއް ނެތް ސަރުކާރަކުން ހިންގަމުން ގެންދާ ކަންތައްތަކާއިމެދު ދިވެހި ރައްޔިތުންގެ ހިތްހަމަނުޖެހުން ފާޅުކުރުމަށް ހިންގާ ސިޔާސީ ޙަރަކާތްތައް ހަޖަމު ނުވެގެން، އެކަމުގެ އަދަބު ޔާމީނަށް ދިނުމަށް ކުރަމުން ގެންދާ މަސައްކަތް ހަރުކަށި އިބާރާތުން ކުށްވެރިކޮށް އެ ކަންތައްތައް ހުއްޓާލުމަށް އިދިކޮޅުން ވަނީ ސަރުކާރަށް ގޮވާލާފައެވެ.