މާލޭސިޓީގެ ސަރުކާރު ސްކޫލްތަކަށް ދަރިވަރުން ވެއްދުމާއި، ސްކޫލް ބަދަލުކުރަން ބޭނުންވާ ފޯމް ހުށައެޅުމަށް ޚާއްސަކޮށް އޮންލައިން ޕޯޓަލްއެއް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ތަޢާރަފް ކުރައްވައިފިއެވެ.

މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން އިފްތިތާހް ކުރެއްވި މި ޕޯޓަލްއަކީ ދަރިވަރުން ސްކޫލަށް ވެއްދުމަށް ފޯމު ހުށައެޅުމާއި، އެކަމާ ގުޅިގެން ކުރަންޖެހޭ އެހެނިހެން ކަންކަން ކުރިއަށް ގެންދިއުމުގައި ބެލެނިވެރިންނަށް ފަސޭހަ ކުރުމުގެ މަގުސަދުގައި ތައްޔާރުކުރެވުނު ޕޯޓަލްއެއް ކަމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަން އިން ވިދާޅުވެއެވެ.

މި ޕޯޓަލް މެދުވެރިކޮށް ސްކޫލަށް ކުދިން ވައްދާ ފޯމް ހުށައެޅުމުގެ އިތުރުން ފޯމާ ގުޅޭ އިތުރު ޑޮކިއުމެންޓްތައްވެސް އޮންލައިކޮށް ހުށައެޅޭނެ ކަމަށް އެޑިޔުކޭޝަން އިން މައުލޫމާތުދެއެވެ.. އަދި ޖާގަ ލިބޭ ސްކޫލްތަކަށް އިތުރު ޑޮކިއުމެންޓް ހުށައަޅަން ނުޖެހި ޕޯޓަލް މެދުވެރިކޮށް އެކަންކަން ހަމަޖެހިގެންދާނެ ކަމަށް ވެސް އެޑިޔުކޭޗަން މިނިސްޓްރީން ބުނެއެވެ.

މީގެ އިތުރުން ސްކޫލަށް ކުދިން ވެއްދުމާއި ގުޅިގެން ޝަކުވާ ހުށަޅަން ބޭނުންވާ ފަރަތްތަކަށްވެސް މި ޕޯޓަލް މެދުވެރިކޮށް ޝަކުވާ ހުށައެޅުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.

އޮންލައިންކޮށް ފޯމް ހުށައެޅުއްވުމުން ބެލެނިވެރިޔާގެ ފޯނަށް ޖަވާބު ސްލިޕް، ޕޯޓަލް މެދުވެރިކޮށް ފޮނުވޭ ގޮތަށްވަނީ ހަމަޖައްސާފައެވެ. މި ޕޯޓަލްއަށް މި މިނިސްޓްރީގެ ވެބްސައިޓް މެދުވެރިކޮށްވެސް ވަދެވޭނެއެވެ. މިއަދު މި އިފްތިތާހް ކުރެވުނު އޮންލައިން ޕޯޓަލްއާއެކު ދަރިވަރުން ސްކޫލަށް ވެއްދުމުގެ މަރުހަލާތަކުގައި ބެލެނިވެރިން މިނިސްޓްރީއަށާއި، ސްކޫލްތަކަށް އަންނަން ނުޖެހި ފަސޭހަ ކަމާއެކު ސްކޫލަށް ވެއްދުމުގެ ކަންކަން ކުރެވޭނޭ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށް އެޑިޔުކޭޗަން މިނިސްޓްރީން މައުލޫމާތުދެއެވެ.

ޕޯޓަލް ލިންކް: http://forms.moe.gov.mv