ކޮވިޑް-19 އާއި ގުޅިގެން އައްޑޫ ސިޓީގައި އިއުލާންކޮށްފައިވާ ކާފިއު އިތުރު ހަފްތާއަކަށް ދަންމާލައިފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނީ އައްޑޫގައި ބަލީގެ ހާލަތު އޮތް ގޮތުން ކާފިއުގެ މުއްދަތު އިތުރު ހަފްތާއަކަށް ދަންމާލުމަށް ނިންމާފައިވާ ކަމަށެވެ.

އައްޑޫގައި ކާފިއު ހިންގަމުން އަންނަނީ ރޭގަނޑު 9 އިން ފެށިގެން ފަތިހު 4:00 އަށެވެ. އެ ވަގުތުތަކުގައި އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނިކުތުން ވަނީ މަނާކޮށްފައެވެ.

ކާފިއު ވަގުތުގައި ކެފޭ ރެސްޓޯރެންޓުތަކާއި ގާޑިޔާތަކުން ހިދުމަތް ދިނުން މަނާކޮށްފައިވީ ނަމަވެސް ހާއްސަ ހުއްދަތަކެއް ލިބިގެން ރޭގަނޑު 12 ޖަހަންދެން ޑެލިވަރީގެ ހިދުމަތް ދެވޭނެ އެވެ. އަދި ފިހާރަތައް ރޭގަނޑު 9 ގެ ނިޔަލަށް ހުޅުވާފައި ބެހެއްޓޭއިރު ހުއްދައާއެކު 10 ޖެހުމާ ހަމައަށް ޑެލިވަރީގެ ހިދުމަތް ދެވޭނެއެވެ.

ކާފިއު ހިންގި ނަމަވެސް އައްޑޫގެ ސްކޫލްތައް މިއަދު ހުޅުވުމަށް ވަނީ ނިންމާފައެވެ.