ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީން ގާއިމުކޮށްފައިވާ، އޮންލައިން ޕްލެޓްފޯމް gov.mv މެސެޖުގެ ޚިދުމަތް ބޭނުންކޮށްގެން ސަރުކާރުގެ އިދާރާތަކަށް ކަންކަން ހުށަހެޅުމުގެ ފުރުޞަތު އާންމު ރައްޔިތުންނަށް މިއަދު ހުޅުވާލައިފިއެވެ.
މިއަދު ރައީސް އޮފީހުން ނެރެފައިވާ ދެންނެވުމުގައި ވަނީ ރައީސް މުޙައްމަދު ޞާލިޙްގެ އިރުޝާދުގެ ދަށުން މި ގޮތަށް ހަމަޖެއްސެވުމުން، އަމިއްލަ މީހުން ސަރުކާރުގެ އިދާރާތަކަށް "GOV.MV" މެސެޖުގެ ޒަރީއާއިންނާއި، ސިޓީން ހުށަހަޅާ ކަންކަމަށް ޖަވާބު ދެއްވުމުގައި ސަރުކާރުގެ އިދާރާތަކުން ޢަމަލުކުރަންވާނެގޮތް ހާމަކޮށްފައެވެ.
އެގޮތުން އަމިއްލަ މީހުން "GOV.MV" މެސެޖުގެ ޒަރީއާއިން ނުވަތަ ސިޓީން ހުށަހަޅާ ކަންކަމަށް ލިޔުމުން އެ މީހަކަށް ޖަވާބު ދިނުމަށާއި އަދި އަމިއްލަ މީހަކު "GOV.MV" މެސެޖުގެ ޒަރީއާއިން ނުވަތަ ސިޓީއަކުން ކަމަކަށް އެދިއްޖެނަމަ، އެ އިދާރާއެއްގެ ސަރވިސް ޗާޓަރުގައި ކަނޑައަޅައިފައިވާ މުއްދަތުގެ ތެރޭގައި އެ މީހަކަށް ޖަވާބު ދިނުމަށް ވަނީ އަންގާފައެވެ.
އަދި "GOV.MV" މެސެޖުގެ ޒަރީއާއިން ނުވަތަ ސިޓީއަކުން ސަރުކާރުގެ އިދާރާއަކަށް ދިވެހި ރައްޔިތަކު، ބޭރު ބަހަކުން ކަމެއް ހުށަހެޅި ނަމަވެސް، އެ އިދާރާއަކުން އެ މީހަކަށް ދިވެހިބަހުން ޖަވާބު ދިނުމަށާއި އަމިއްލަ މީހަކު ކަމަކަށް އެދިގެން ސަރުކާރުގެ އިދާރާއަކަށް ހުށަހެޅުމުން، އެ އިދާރާގެ ވަކި ގަވާއިދެއްގައި ނުވަތަ ވަކި އުސޫލެއްގައި ނުވަތަ ވަކި އިޢުލާނެއްގައި ބަޔާންކޮށްފައިވާ ގޮތަށް އެ ކަމެއް އަލުން ހުށަހެޅުމަށް ޖަވާބުދެއްވާނަމަ، އެ ގަވާއިދެއް ނުވަތަ އެ އުސޫލެއް ނުވަތަ އެ އިޢުލާނެއް ބެލޭނެ ފަސޭހަ ގޮތެއް އެ މީހަކަށް އޮޅުން ފިލާނޭހެން ޖަވާބު ދިނުމަށް ވެސް ވަނީ އަންގާފައެވެ.
ރައީސް އޮފީހުން ބުނީ "GOV.MV" މެސެޖުގެ ޚިދުމަތް ފެށުމުން، މި ޚިދުމަތް ބޭނުންކޮށްގެން ސަރުކާރުގެ އިދާރާތަކަށް ކަންކަން ހުށަހެޅުމަށް އަމިއްލަ ފަރާތްތަކަށް ބާރުއެޅުއްވުމަށް ރައީސް ދަންނަވާފައިވާ ކަމަށެވެ.
އަދި މި ޚިދުމަތް ފެށުމާ ހަމައަށް ސަރުކާރުގެ އިދާރާތަކަށް އަމިއްލަ މީހުންގެ ފަރާތުން ލިބިފައިވާ ސިޓީތަކާ މެދުގައްޔާއި، އީމެއިލްތަކާމެދުގައި ޢަމަލުކުރައްވާނީ މިހާތަނަށް ވެސް އަމަލުކުރަމުން އައި ގޮތަށް ކަމަށްވެސް ބުނެފައިވެއެވެ.