މިހާތަނަށް 38 ގެސްޓުހައުސެއް އަލުން ހުޅުވުމުގެ ހުއްދަ ދީފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ކޮވިޑް 19 ގެ ސަބަބުން މިދިޔަ މާރިޗުމަހުގެ 17 ވަނަ ދުވަހު ގެސްޓްހައުސްތައް ބަންދުކުރުމަށްފަހު މިމަހުގެ 15 ވަނަ ދުވަހު އަލުން ގެސްޓް ހައުސްތައް ހުޅުވާލުގެ ހުއްދަ ޓޫރިޒަމް މިނިސްޓްރީން ވަނީ ދީފައެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މިމަހުގެ 26ވަނަ ދުވަހާއި ހަމައަށް ރާއްޖޭގެ ހަތަރު އަތޮޅަކުން 10 ރަށެއްގައި ހިންގާ 38 ގެސްޓުހައުސްއެއް އަލުން ހުޅުވުމުގެ ހުއްދަ ވަނީ ދޫކޮށްފައެވެ.

އެގޮތުން އެ ރަށްތަކަކީ، -ނ. ފޮއްދޫ -ކ. ހުރާ -ކ. މާފުށި -ކ. ގުރައިދޫ -އއ. މަތިވެރި -އއ. އުކުޅަސް -އއ. ތޮއްޑޫ -އއ.ރަސްދޫ -ވ.ތިނަދޫ -ވ. ފުލިދޫގެސްޓް ހައުސްތައް އަލުން ހުޅުވުމުގެ ހުއްދަ ޓޫރިޒަމް މިނިސްޓްރީން ދެމުންދަނީ ރަށު ފެންވަރުގައި އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް ފުރިހަމަކުރުމުންނެވެ.

ޓޫރިޒަމް މިނިސްޓްރީން ހާމަކުރާގޮތުގައި ގެސްޓް ހައުސްތައް އަލުން ހުޅުވުމަށް މިނިސްޓްރީން ހުއްދަދޭއިރު ކަރަންޓީނާއި، އައިސޮލޭޝަންގެ އިންތިޒާމްތަކާއި، ޞިއްޙީގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކޮށްފައިވާކަން އެ ރަށެއްގެ ކައުންސިލުން މިނިސްޓްރީއަށް ކަށަވަރުކޮށްދޭންޖެހެއެވެ.

އަދި ލޯކަލް ޓޫރިޒަމްގެ ޚިދުމަތްދޭ ރަށްރަށުގައި ގެއިން ބޭރުގައާއި، އާއްމު ތަންތަނުގައި އުޅޭއިރު، މާސްކް އެޅުން ވަނީ މަޖުބޫރު ކޮށްފައެވެ.