މުމްބާއިގެ މާފިޔާއާއި ފިލްމީ ދުނިޔޭގެ މީހުންގެ ގުޅުމަކީ އައު ވާހަކައެއް ނޫނެވެ. އައްބާސް މަސްތާންއާއި ކަރީމް ލާލާ މެންފަދަ މީހުންނާއި އަޑީ ދުނިޔެއާ އޮންނަ ގުޅުމަކީ ފިލްމުތަކުގައިވެސް އެވާހަކަ ގެނަސްދީފައިވާ ކަންކަމެވެ.

ކަންގަނާއަށް މި ވާހަކަ ދެއްކުނު އިރުވަރު ގޯސްވީއެވެ.

މުމްބާއީގައި ވެރިކަން ކުރަނީ ހައްދުފަހަނަޅާފައިވާ މަރާޓީންގެ ޝީވް ސޭނާ ޕާޓީންނެވެ. ކަންގަނާ ދެއްކި ވާހަކާ ގުޅިގެން އޭނާއަށް އިންޒާރުދޭން ފެއްޓީ ޝީވް ސޭނާއިންނެވެ. ޝީވް ސޭނާގެ ވަޒީރުންގެ އިންޒާރުގައި ބުނީ ކާންދޭ އަތުގައި ދަތް އަޅައިގެން ނުވާނެ ކަމަށާއި ކަންގަނާ މުމްބާއިއަށް ވަދެގެން ނުވާނެ ކަމަށެވެ.

މުމްބާއި މުނިސިޕަލްޓީން ވަނީ ބުލްޑޯޒަރު ޖައްސައިގެން ކަންގަނާގެ އޮފީސްތަޅާލާފައެވެ.

އިއްޔެ ކަންގަނާ މުމްބާއި އަށް ފޭބިއިރު އޭނާއަށް ތާއީދުކޮށް މުޒާހަރާ ކުރި ބަޔަކުވެސް ތިއްބެވެ. އަދި މުމްބާއި ސަރުކާރު ހިންގާ ޝީވް ސޭނާއިން ތިބީ އޭނާއާ ދެކޮޅަށް ނިކުމެއެވެ.

ކަންގަނާގެ އޮފީސް ތަޅާލި މައްސަލަ ހައިކޯޓަށް ވެއްދުމާއެކު މިކަމުގައި މުނިސިޕަލްޓީގެ ނުބައި ނިޔަތެއް އޮތްކަން ސާފުވާކަމަށް ކޯޓުން ވަނީ ބުނެފައެވެ. ބުރާސފަތި ދުވަހު މިކަމުގެ އަޑުއެހުމެއް ތާވަލް ކުރެވިފައި ވެއެވެ.

ކަންގަނާގެ ފުރާނައަށް ނުރައްކާވެފައިވާ މިންވަރުން އިންޑިއާގެ މަރުކަޒީ ސަރުކާރުން ވަނީ އޭނާއަށް ވައި ޕްލަސް ސެކިއުރިޓީ ދީފައެވެ. މިއީ އިންޑިއާގެ އުއްތަމަ ފަނޑިޔާރާއި ހޯމް މިނިސްޓަރަށްވެސް ދޭ ވަރުގެ ސެކިއުރިޓިއެކެވެ. މީގައި ފަންސާހަކަށް ހަށިފާރަވެރިން ހަރަކާތްތެރިވާނެއެވެ.

މި ރޭގެ ވަގުތެއްގައި މަހަރާޝްޓްރާގެ ޗީފް މިނިސްޓަރ އުއްދާވް ތާކަރޭ ވެސް ވަނީ މުނިސިޕަލްޓީގެ މަސްއޫލުވެރިންނާއި އޭނާގެ ގޭގައި ބައްދަލު ކުރައްވާފައެވެ. މަޝްވަރާތަކުގެ ތަފްސީލެއް އަދި ލިބިފައެއް ނުވެއެވެ.