އއ. އުކުޅަހުގައި ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްއިން ސެލްފް ސަރވިސް ބޭންކިންގ ސެންޓަރެއް ހުޅުވައި ހިދުމަތް ދޭން ފަށައިފިއެވެ.

ބީއެމްއެލުން ބުނީ މިއީ އަތޮޅުތެރޭގައި އެ ބޭންކުން ކުރަމުންދާ އިންވެސްޓްމަންޓް އިތުރަށް ފުޅާކުރުމުގެ ގޮތުންނާއި މުޖުތަމައަށް ފޯރުކޮށްދޭ އެހީތެރިކަމުގެދަށުން ހުޅުވާފައިވާ އޭޓީއެމް ސެންޓަރެއް ކަމަށެވެ.

މި އޭޓީއެމް ސެންޓަރ މެދުވެރިކޮށް ފައިސާ ނެގުމުގެ އިތުރުން އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ޖަމާކުރުމާއި، ފައިސާ ދެއްކުމާއި ޓްރާންސްފަރކުރުމުގެ ހިދުމަތް ލިބިގެންދާނެކަމަށް ބީއެމްއެލުން ހާމަކުރެއެވެ.

އަދި ކަސްޓަމަރުންނަށް އަމިއްލަ ރަށުގައި ތިބެ ފަސޭހަކަމާއެކު ފައިސާގެ މުއާމަލާތްކުރުމާއި ކޮންމެ ވަގުތަކު ފަސޭހަކަމާއެކު ބޭންކިން ހިދުމަތް ހޯދުމުގެ ފުރުސަތު އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް ފަހިވެގެންދާނެ ކަމަށްވެސް ބީއެމްއެލުން ހާމަކުރެއެވެ.

މި ބޭންކިންގ ސެންޓަރާއި އެކު އއ. އަތޮޅުގައި ބީއެމްއެލްއިން އޭޓީއެމްގެ ޚިދުމަތް 3 ރަށަކުން ލިބޭނެއެވެ.

ބީއެމްއެލުން ދާދި ފަހުން ވަނީ އއ. ރަސްދޫ ނ. ކެނދިކުޅުދޫ، ތ. ތިމަރަފުށި އަދި އއ. ތޮއްޑޫގައިވެސް އޭޓީއެމް ބަހައްޓައި ހިދުމަތް ދޭން ފަށާފައެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 38 ބްރާންޗް، 62 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 125 އޭޓީއެމް، ބޭންކުންވަނީ ޤާއިމްކޮށްފައެވެ.