ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު، އަދި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު ކުޅިވަރުގެ ޤާނޫނަށް ހުށަހެޅުއްވި އިސްލާހުތަކުގެ ސަބަބުން، ކުޅިވަރު މުއައްސަސާތައް ދެފުށް ފެންނަ ގޮތަށް ހިންގޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ، ކުޅިވަރުގެ ގާނޫނަަށް އިސްލާޙު ހުށަަހަޅުއްވާފައިވާ ކަމަށް ވިދާޅުވެ ހަސަން ލަތީފު މިއަދު ކުރެއްވި ޓްވީޓަކާ ގުޅިގެން އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައެވެ.

ރައީސް ނަޝީދު ވިދާޅުވީ، ކުޅިވަރު މުއައްސަސާތައް ޑެމޮކްރެޓިކްކޮށް، ދެފުށް ފެންނަގޮތަށް ހިންގުމަކީ، އެމްޑީޕީގެ ވިސްނުމެއް ކަމަށެވެ.

ކުޅިވަރާއި ކުޅިވަރު ވަސީލަތްތައް ދެމެހެއްޓެނިވި ގޮތަކަށް ބެލެހެއްޓޭނެ ނިޒާމެއް އޮތުން ބޭނުންތެރި ކަމަށާއި، ހަސަން ލަތީފު ހުށަހެޅުއްވި ބިލުން އެކަންތައް ހާސިލްވާނެ ކަމަށްވެސް ނަޝީދު ވިދާޅުވެފައިވެއެވެ.

ހަސަން ލަތީފު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ކުޅިވަރުގެ ގާނޫނަށް އިސްލާހު ހުށަހަޅުއްވާފައިވާ ކަމަށާއި، ކުޅުންތެރިންނާއި، ކުޅިވަރު ހިންގެވުމުގެ ތަޖުރިބާކާރުންގެ ދުވަސްވީ ކަންބޮޑުވުންތަކަށް އެ އިސްލާހުތަކުން ރަނގަޅު ހައްލެއް ލިބިގެންދާނެ ކަމަށެވެ.

އެ ގާނޫނަށް އިސްލާހު ހުށަހެޅުއްވި މަގުސަދު ތަކުގެ ތެރޭގައި، ރާއްޖޭގެ ކުޅިވަރާބެހޭ އެކިއެކި މުއައްސަސާތަކުގައި ހުރި ފުށުއެރުންތައް ނައްތާލުމާއި އެ މުއައްސަސާތައް ޑިމޮކްރަޓައިޒްކޮށް ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން ހިންގޭނެ ނިޒާމެއް ގާއިމް ކުރުން ހިމެނޭކަމަށް ހަސަލް ލަތީފު ވިދާޅުވިއެވެ.

އޭގެ އިތުރުން ކުޅިވަރުގެ ވަސީލަތްތައް ބިނާކޮށް ތަރައްގީކުރާއިރު އެ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތަކަށް ބެލެހެއްޓޭނެ ނިޒާމެއް ގާއިމް ކުރުމާއި އެފަދަ ވަސީލަތްތައް ގާއިމްކޮށް ބެލެހެއްޓުމުގައި ދައުލަތުގެ ބަޖެޓަށް ބުރަ ކުޑަވާނެ އުސޫލެއް ގާއިމް ކުރުން ހިމެނޭ ކަމަށްވެސް ވިދާޅުވެފައި ވެއެވެ.

ކުޅިވަރުގެ އެކި އެކި މުއައްސަސާތަކުގެ އިންތިހާބު ތަކަކީ ދެފުށް ފެންނަ އިތުބާރު ކުރެވޭ ނިޒާމެއްގެ ތެރެއިން ހިންގޭ އިންތިހާބުތަކެއް ކަމުގައި ހެދުމާއި، ކުޅިވަރާބެހޭ މިނިސްޓަރުގެ މަސްއޫލިއްޔަތުތަކާއި ބާރުތައް ކަނޑައެޅުން ވެސް އެ ގާނޫނަށް އިސްލާހު ހުށަހެޅި މަގުސަދުތަކުގެ ތެރޭގައި ހިމެނޭ ކަމަށް ހަސަން ލަތީފު ވިދާޅުވިއެވެ.

ހަސަން ހުށަހެޅުއްވި ބިލަށް ތާއީދު ކުރައްވާ ކަމަށް އެމްޑީޕީގެ ޕީޖީ ލީޑަރު މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމްވެސް ވަނީ ވިދާޅުވެފައެވެ.