ދަރިފުޅު ތުއްތުއިރުން ފެށިގެން ދަރިފުޅުގެ ހިތުގައި ނަމާދަށް ލޯބި ޖެއްސުމަކީ މައިންބަފައިންނަށް ދަރީންނަށްޓަކައި ކޮށްދެވޭނެ އެންމެ ފައިދާ ހުރި އެއް ކަމެކެވެ. ފިތުރަތުގެ ސާފުކަން މަތީ ދުނިޔެ އަށް އުފަންވާ ކުއްޖާ ބޮޑުވަމުންދާއިރު މައިންބަފައިންގެ ފަރާތުން ފެންނަ ނަމޫނާ ކަންތައްތަކަކީ ދަރިންގެ ހިތުގައި އެކަންކަމާއިމެދު ލޯބިޖެހި އެކުދިންގެ ކިބައިގައި އެއާދަތަކެއް ހަރުލާނެ ކަންކަމެވެ.

އެހެން ކަމުން އަދުގެ ޖީލަށް މަންފާކުރާނެ ހެޔޮދަރިއެއް ތިބާގެ އުނގުން ތަރުބިއްޔަތުކުރާއިރު ތިޔަ މަންމައިންގެ ދަރީންނަކީ މާދަމާ ތިބާ އަށް ސުވަރުގެ ވަދެވޭ ދޮރަކަށް އެދަރިފުޅު ހަދާށެވެ. ދަރީންނަކީ ޑިގްރީ އެއް ނުވަތަ މާސްޓާރ އެއް ނަގާ ޤައުމުގެ މަތީ ފަންތީގައި މަސައްކަތް ކުރާނެ ދަރިޔަކަށް ހެދުމަށް ނިޔަތް ގަތުމުގެ ކުރިން ދަރިފުޅަކީ ނަމާދަށް ލޯބިޖެހިފައިވާ ކުއްޖަކަށް ހެދުމަށް މަސައްކަތް ކުރައްވާށެވެ. މާދަމާ ތިބާގެ ދަރިފުޅުގެ ފަރާތުން ފެންނަ ކަމަކުން ތިބާގެ ހިތް ކުދިކުދި ވިޔަ ނުދޭން އެކުދީންނަށް ޅައިރު ނަމާދު ކުރަން ދަސްކޮށްދޭށެވެ. ނަމާދުގެ ހަރަކާތްތައް އެކަންޏެއް ނޫނެވެ. ނަމާދުގައި ކިޔާ އެއްޗެހި ހިތުން ދަސްކުރުމެއް ނޫނެވެ. އެތަކެތީގެ މާނަވެސް ދަސްކޮށްދެއްވާށެވެ. ދަރިފުޅު ކިޔާ ދުއާތަކަކީ ކަލިމަތަކަކީ އެކިޔާ އިރު ދަރިފުޅުގެ ހިތަށް ހަރަކާތްތެރިކަން ގެނެސްދޭ އެއްޗަކަށް ހަދާށެވެ. އެހެނީ ނަމާދުގެ މާތްކަމާއި މުހިންމު ކަމާއި ގުރުއާނުގައިވާ އާޔަތްތަކާއި ހަދީޘްތަކާއި ރަސޫލުންނާއި ނަބީންގެ ވާހަކައިން އެކުދިންގެ ހިތުގައި އީމާންތެރިކަމުގެ އޮށް އިންދާށެވެ. އެހިތުގައި އީމަންތެރިކަން ބިންވަޅު ނަގުވަން މަސައްކަތް ކުރާށެވެ.

މަންމަ އާއި ބައްޕަ އަކީ ދީނީ އިލުމު އުނގެނޭ ، އަމަލުގައި ﷲ ތައާލާ އަށް ބިރުވެތިވާ ބަޔަކަށް ވާށެވެ. ދަރިންނަށް ތިބާ ފަތިހުގެ ފިނިކަމުގައި ތެދުވެ ނަމާދުކުރާތަން ދައްކާށެވެ. ތިބާގެ ދަރިންގެ ދުވަހުގެ ފެށުަމަކީ ފަތިސް ނަމާދު ކަމަށް ކުޑައިރުން ފެށިގެން ހަދާށެވެ.މައިންބަފައިން ނަމާދު އޭގެ ވަގުތުގައި އަދާކުރާށެވެ. ނަމާދުގެ މުހިންމުކަން ގިނަގިނައިން ވިސްނައިދޭށެވެ. ކޮންމެ ކަމެއް ކުރަން ހުރި ކަމުގައިވިޔަސް ނަމާދު ވަޤުތުވުމުން އެކަން ހުއްޓާލުމަށް އާދަކުރައްވާށެވެ. އަދި ނަމާދަށް އަވަސްވެގަންނާށެވެ. ދަރިފުޅު ތަންދޮރު އެނގޭވަރުވުމުން ބައްޕަ މިސްކިތަށް ދާއިރު ދަރިފުޅު ގެންދަވާށެވެ.

މަންމަ ނަމާދު ކުރާއިރު ދަރިފުޅު ކައިރީގައި ބަހައްޓައިގެން ނަމާދުކުރައްވާށެވެ.ފުރާވަރަށް އަރާ ދަރިފުޅުގެ އެކުވެރިންނަކީ ނަމާދުކުރާ ބައެއްތޯ ބައްލަވާށެވެ. ނަމާދު ނުކުރާނަމަ އެފަދަ އެކުވެރިންނާ ގުޅުންބަދަހި ވިޔަނުދޭށެވެ. ރަނގަޅު ރަހުމަތްތެރިންގެ ސިފަތަކާއި އެކަމުން ދަރިފުޅަށް ކުރާނެ ފައިދާ ބުނެދޭށެވެ. ނުބަިއ ރައްޓެހިންގެ ފަރާތުން ލިބިދާނެ ގެއްލުންތައް ބުނެދޭށެވެ. ދަރިފުޅު ނަމާދަށް ރައްކާތެރިވާނަމަ އެކަމުގެ އަގު ވަޒަންކުރައްވާށެވެ. ދަރިފުޅަށް ކުދި ހަދިޔާދީ ދަރިފުޅު އުފާވާފަދަ ވަގުތު މައިންބަފައިން ދަރިންނާއި އެކު ހޭދަކުރާށެވެ. ދަރިފުޅުގެ އަމަލުތަކުން މަންމައާ ބައްޕަ އުފާވާ ކަން ދަރިފުޅަށް އިހުސާސްކޮށްދޭށެވެ. ދަރިފުޅު ނަމާދު ކުރުމުން މައިންބަފައިންނަށް ސުވަރުގޭގައި ލިބޭނެ ދަރަޖައިގެ ވާހަކަތައް ބުނެދޭށެވެ. ސުވަރުގޭގައި ނަމާދުގެ އަހުލުވެރިންނަށް ހުރި ނިއުމަތްތަކުގެ ވާހަކަ ބުނެދޭށެވެ. އަދި ނަރަކަ ވަންތަވެރިންގެ އަޒާބުގެ ވާހަކަ ބުނެދީ އެއަޒާބުގެ ތެރެއަށް ކުޑަހިނދުކޮޅަކަށް ނަމަވެސް ދަރިފުޅު ދާން ނޭދޭ ވާހަކަ ބުނެދޭށެވެ. އިސްލާމީ އުންމަތަށް ހެޔޮދަރިއަށް ހަދިޔާކުރާށެވެ. ދަރިފުޅު ނަމާދަށް ލޯބިޖެއްސުމަށް އަވަސްވެ ގަަންނާށެވެ. ވަރަށް ތުއްތުއިރުވެސް މައިންބަފައިން ނަމާދުކުޜާތަން ދަރިފުޅަށް ދައްކާށެވެ.