ގިނައިން މޭވާއާއި ތަރުކާރީ ކާ ކުދިން ނަފުސާނީ ދުޅަހެޔޮކަން އިތުރު ވާކަމަށް ނޯފޯލްކް ކަންޓްރީ ކައުންސިލް އާއި އީސްޓު އެންޖަލިއާ (ޔޫއޭއީ)ހެލްތު އެންޑް ސޯޝަލް ކެއާ އިން ކުރި ދިރާސާއަކުން އެނގިއްޖެއެވެ. މި ދިރާސާގެ މައުލޫމާތު ޝާއިއުކޮށްފައިވަނީ ޖާނަލް ބީއެމްޖޭ ނިޔުޓްރިޝަން ޕްރިވެންޓް އެންޑް ހެލްތުގައެވެ.

މި ދިރާސާ އަކީ ހެނދުނު ސަޔާއި މެންދުރު ކެއުމުގައި މޭވާއާ ތަރުކާރީ ހިމެނުމުން ކުދިންގެ ނަފުސާނީ ދުޅަހެޔޮކަމަށް އަންނަ ބަދަލު ހޯދުމަށް އިނގެރޭސިވިލާތުގެ ސުކޫލުތަކުގައި ކުރި ފުރަތަމަ ދިރާސާއެވެ.

މި އާ ހޯދުމުން އެނގުނީ ގިނައިން ތަރުކާރީ އާއި މޭވާ ކާ ސެކަންޑަރީ ސުކޫލު ދަރިވަރުން ދުޅަހެޔޮ ޞިއްޙަތެއްގައި ދެމި ތިބޭކަމެވެ. އަދި ދުވާލަކު ފަހެއް ނުވަތަ އެއަށްވުރެ ގިނައިން ތަރުކާރީއާއި މޭވާ ކާ ކުދިން ވިސްނުންތޫނުވާކަމެވެ.

މި ދިރާސާކުރި ޓީމުން ބުނާގޮތުގައި ކުދިން ސުކޫލަށް އައުމުގެ ކުރިންނާއި ސުކޫލުގައި ހޭދަކުރާ ވަގުތުގައިވެސްރަނގަޅު ނިޔުޓިރިޝަން ލިބޭތޯ ބެލޭނެ ގޮތްތަކާއި ގަވާއިދުތައް ހިމަނަން ޖެހެއެވެ. އޭރުން ދަރިވަރުން ކިޔެވުމުގަޔާއި އެހެނިހެން ޙަރަކާތްތަކުގައި ވަރުބަލިކަމެއް ނެތި ކުރިއަށް ދެވޭނެއެވެ.

މި ދިރާސާގައި އިސްކޮށް އުޅުނު ޔޫއޭއީގެ ނޯވިޗް މެޑިކަލް ސްކޫލުގެ ޕްރޮފެސަރ އެލިސާ ވެލްޗް ހާމަކުރިގޮތުގައި ނަފުސާނީ ދުޅަހެޔޮކަން ކުޑަވުމަކީ ޅަކުދިންނަށް ދިމާވާނެ ވަރަށް ބޮޑު މައްސަލައެކެވެ. އަދި ދިގު މުއްދަތަކަށް އެކަމުގެ ނުރަނގަޅު އަސަރު ކުރާނެކަމެކެވެ.

ސޯޝަލް މީޑިއާ އާއި ޒަމާނީ ސުކޫލުތަކުގެ ސަގާފަތުގެ ސަބަބުން ކުދިންނާއި ޒުވާނުންގެ ނަފުސާނީ ދުޅަހެޔޮކަމަށް ވަރަށް ބޮޑަށް އަސަރުކުރެއެވެ.

ރަނގަޅު ކާނާއާއި ޖިސްމާނީ ދުޅަހެކަމުގެ ގުޅުން އެންމެންނަށްވެސް އެނގެއެވެ. ނަމަވެސް ރަނގަޅު ކާނާގެ ސަބަބުން ނަފުސާނީ ދުޅަހެޔޮކަމަށް އަސަރުކުރާކަން ހޯދިފައެއް ނެތެވެ. އަދި ކުއްޖާގެ އުޅުމާއި އިހުސާސްތަކަށްވެސް ރަނގަޅު ކާނާއިން އަސަރު ފޯރާކަމަށް މިދިރާސާއިން އެނގުނުކަމަށް ވެލްޗް ފާހަގަ ކުރިއެވެ.

މި ދަރާސާ ކުރީ ނޯފޯލްކްގެ 50 ސުކޫލެއްގެ 9000 ދަރިވަރުން ބައިވެރި ކޮށްގެނެވެ. އެއީ ޕްރައިމަރީ ސްކޫލު ކުދިންނާއި ސެކަންޑާރީ ސުކޫލު ކުދިންގެ އިތުރުން ޒުވާނުން ވެސް ހިމަނައިގެންނެވެ. މި ހުރިހާ ބައިވެރިންނަކީވެސް އަމިއްލަ އަށް ބޭނުންވެގެން މި ދިރާސާގައި ބައިވެރިވި ފަރާތްތަކެވެ.

އަދި މި ދިރާސާ ކުރި ފަރާތްތަކުން ފާހަގަ ކުރި ގޮތުގައި އެކި ބާވަތްތަކުގެ ކެއުން ހެދުނުސަޔާއި މެންދުރުކެއުމުގައި ހިމަނާ ކުދިންގެ ސިއްޞަތަށް ތަފާތު އަސަރުކޮށްފައިވެއެވެ.

އެއީ " ފާސްޓް ފުޑް ނުވަތަ ސްނެކްސް" ކާ ކުދިންނަށްވުރެ އާންމުގޮތެއްގައި ގޭގައި ހަދާ ކާނާ ކާ ކުދިން ދުޅަހެޔޮވެފައި ވިސްނުން ތޫނުވެއެވެ. އަދި ސެކަންޑަރީ ސުކޫލު ކުދިންގެ ތެރެއިން " ހެނދުނު ސަޔަށް އެނަރޖީ ބުއިންތައް ބޯކުދިންގެ ވިސްނުން ކޮށްޓެވެ.

މި ދިރާސާއިން ދެއްކި ޝައުގުވެރި އަނެއްކަމަކީ ނިއުޓިރިޝަންގެ ސަބަބުން ދުޅަހެޔޮ ސިއްޙަތެއްގައި ކުދިން ބޮޑެތި ވުމުގެ އިތުރަށް ކުދިންގެ އުޅުމާއި އަޚުލާގަށްވެސް ރަނގަޅު އަސަރުކުރެއެވެ. އެއީ ކުދިންނަށް ގޭތެރެއިންނާއި އެހެނިހެން މާހައުލުތަކުން ފެންނަ ނޭދެވޭ ކަންތައްތަކުގެ ނުރަނގަޅު އަސަރާއި އިދިކޮޅަށް ނިއުޓިރިޝަންގެ ރަނގަޅު އަސަރު ކުދިންނަށް ކުރާކަމެވެ.

މި ދިރާސާވެރިން ނިންމުމުގައި ފާހަގަކޮށްފައިވަނީ ސުކޫލުތަކުގެ އުސޫލުތައްވެސް ރަނގަޅު ކާނައަށް ބާރުއެޅޭގޮތަށް ބައްޓަންކޮށްފައި ހުރުމަކީ ދަރިވަރުންނަށް އޭގެ ފައިދާ ކުރާނެކަމެއް ކަމުގައެވެ.