ދަރިއަކު ތަރުބިއްޔަތުކޮށް ހާނާ ދުނިޔެއަށް ލޯހުޅުވައިދީ ޖަމާއަތަށް ބޭނުންތެރި ދަރިއަކަށް އެދަރިން ހަދަން މަޔަކު ކުރާ ފޮނި އުންމީދަކީ އެތައް ދުވަހެއްގެ ބުރަ މަސައްކަތެެވެ. ދަރީންނަކީ އަޅުގަނޑުމެންގެ ލޮލުގެ ފިނަކަމެވެ. ހިތުގެ ހިތްހަމަ ޖެހުމެވެ. މާދަމާއަށްޓަކައި ހިތްވަރާއިއެކީ މަސައްކަތްކުރުމުގެ ބާރުލިއްބައިދޭ ކާނާއެވެ.

ޤަރުބަގަތީއްސުރެ ދަރިންނާއިމެދު ވިސްނާ އެތައް ކަންކަމަކަށް މައިންނާއި ބަފައިން ހޭނެން ޖެހެއެވެ. ގާތުންދިނުމެވެ. ގަދަ ނިދިން އިރުއިރުކޮޅާ ހޭލާ ރޭގަނޑުގެ ނިންޖާ ހަނގުރާމަކުރަންޖެހުމެވެ. އަމިއްލަ ނަފްސުގެ ހިތްހަމަޖެހުމަށް ދެވޭ ވަގުތު ކުޑަވުމާއި ގޭތެރޭގެ މަސައްކަތް ފުނިޖެހިފައި ހުރުމެވެ. ދެމަފިރިން އެކަކު އަނެކަކަށް ދެވޭ ވަގުތު ކުޑަވުމާއި އަޅާލެވޭ މިންވަރު ކުޑަވުމެވެ. މިހުރިހާ ކަމެއްގެ ސަބަބުން އާއިލީ މައްސަލަތައް ނިކުންނަން ފަށައެވެ. މިއީ އަލަށް މައިންނަށްވާ ދެމަފިރިންނަށް ނުވަތަ އެއްކުއްޖަކަށް ވުރެ ގިނަ ކުދިން ގެންގުޅޭ އާއިލާތަކުގައި އާންމު މައްސަލަ އެކެވެ.

ޢާއިލީ ހަމަޖުހުމަކީ، ކުދިން ތަރުބިއްޔަތުކުރުމުގައި ވަރަށް މުހިއްމުކަމެކެވެ. ގިނަ މައިންބަފައިންނަކީ ދަރިފުޅުގެ ބަރުދަނާ މެދު ވަރަށް ކަންބޮޑުވާ މައިންބަފައިންނެވެ. ދަރިފުޅަށް އާހެދުން ހޯދައިދީ ކުޅޭއެއްޗެހި ގަނެދީ ދުޅަހެޔޮ ކާނާދޭން މަސައްކަތްކުރެއެވެ. އެކަމަކު ދަރިފުޅުގެ ނަފްސާނީ ދުޅަހެޔޮކަމަށް ވިސްނާ މައިންަަބަފައިން ވަރަށް މަދެވެ. ބައެއް އާއިލާ ތަަކަކީ އެއް އާއިލާ އަކަށްވުރެ ގިނަ އާއިލާ އެއްތަނެއްގައި ދިރިއުޅޭ އާއިލާތަކެވެ. ނުވަތަ ކުޑަތަންކޮޅެއްގައި ދިރިއުޅޭ އާއިލާ ތަކެވެ. ބައެއް ފަހަރު އާއިލާ ތެރޭގައި ނުވަތަ މައިންބަފައިންގެ މެދުގައި މައްސަލަޖެހި ޒުވާބުކުރެއެވެ . މައިންބަފައިންގެ ފަރާތުން ދަރިންނަށް ވަގުތު ނުދެވޭ އިރު އާއިލާ ތެރޭގައި ހަަމަނުޖެހުން ބޮޑުވެ ދެމަފިރިން ނުވަތަ އާއިލާ މީހުން އަބަދު ކޯޅޭތަން ފެންނަ ނަމަ ދަރިންނަށް އޭގެ ނުރަނގަޅު އަސަރުކުރެއެވެ.

ބައެއްމީހުންނަކީ އަންނަ ރުޅީގައި ދަރިފުޅު ކުރިމަތީގައިވެސް ޒުވާބުކޮށްލާ ބައެކެވެ. އެފަދަ މާހައުލެއްގައި ދަރިފުޅު ބޮޑުވަމުންދާއިރު އެތުއްތު ކުއްޖާ އަށް ކުރާނެ އަސަރު ތަކާމެދު ނުވިސްނުނީތީ މާދަމާ ކަރުނަ އަޅާންޖެހިދާނެ ކަން ދަންނާށެވެ. ކުޑަކުދިންނަކީ އެހެންމީހުންގެ ފަރާތުން ރައްކާތެރިކަން ބޭނުންވާ ކުދިންނެވެ. އެކަމަކު އަރާރުންވެ ކޯޅޭ މަންޒަރު ފެންނަކުދިންނަށް އަމާންކަމާ ރައްކާތެރިކަމެއް އިހުސާސެއް ނުވާނެއެވެ. ބައެއް ކުދިންނަކީ އެކަންކަމުން ސަލާމަތްވާން ފުރާވަރުގައި މަގުމަތިން ރައްޓެހިން ހޯދާ ކުދިންނެވެ. އެފަދަ އެތައް ކުދިންނެއް ކުށުގެ ވެށީގައި ގިނަވެފައި އެބަތިއްބެވެ.

އާއިލީ ހަމަޖެހުންނެތް ނަމަ މައިންބަފައިންނާމެދު ކުއްޖާގެ ހިތުގައި ބިރުވެރިކަމެއް އުފެދި ކަންކަން ހިއްސާ ކުރަން ދަތިވެއެވެ. އަމިއްލަޔަށް މީހުންގެ ތެރޭގައި އިސްނެގުމާ ސުކޫލު މާހައުލުގައި ކަންކަމުގައި ފަސްޖެހުމާއި އަމިއްލަ ނަފްސަށް އިތުބާރު ނުކުރެވޭ ތިމާ އަކީ ބޭކާރު ކުއްޖެއް ގޮތުގައި އެކުެއްޖާ ޤަބޫލުކުރެއެވެ. އެކުދިންނަކީ އެހެން ކުދިންނާ ތަފާތު ކުދިންކަމަށް ޤަބޫލުކުރެވި އެހެން ކުދިންނާއެކީ އުޅެން އެފަދަ ކުދިންނަށް އުނދަގޫވެއެވެ. ވިސްނުން ކޮށިވެ ކަންކަމުގައި ނާއުންމީދުވެ ކަންކަން ހާސިލުކުރަން ހިތްވަރުނެތް ކުއްޖެއްގޮތުގައި އެފަދަ ކުދިން ފާހަގަވެއެވެ.

މިއަސަރުތައް ދާއިމަށް އެކުއްޖާގެ ކިބަިގައި ހަރުލާފައި ހުރެއެވެ. މަތީތައުލީމުގެ ދުވަސްވަރު އަދި ވަޒީފާގެ މާހައުލުގައި ކަންކަމުން ފެއިލްވެ މީހުންގެ ތެރޭގައި އަރާރުން ބޮޑު ކުއްޖަކަށް އެކުއްޖާވެސް ވެދާނެއެވެ. ނުވަތަ އެކުއްޖާ އަކީ ދިރިއުޅުމުގައި ކާމިޔާބު ތަކަށް އުންމީދު ނުކުރާ ކުއްޖަކަށް ވެދާނެއެވެ. ނިދުމުގެ ދަތިތަކާއި މިފަދަ ކުދިންނަށް ޅައިރުއްސުރެ ދިމާވެއެވެ. ނުވަތަ އެކުދިންނަކީ އެކުދިންގެ ޒަވާޖީ ހަޔާތުގައި ބައިވެރިޔާ އާ ޒުވާބުކޮށް އަނިޔާ ކުރާ ކުއްޖަކަށް ވެދެއެވެ. ނުވަތަ އެކުއްޖާ އަކީ މީހުންގެ މައްޗަށް ރަހުމް ނުކުރާ ކުއްޖަކަށް ވެސް ބައެއް ފަހަރު ވެއެވެ. އަދި ޒުވާން އުމުރުގައި ނާކާމިޔާބު ކުއްޖަކަށް އެފަދަ ކުދިންވެއެވެ.

ގިނަ ފަހަރަށް މައިންބަފައިންނަށް ކުއްޖާގެ މައްސަލަތައް ފާހަގަކުރެވެނީ ކުއްޖާއަށް ބޮޑެތި ގެއްލުންތަކެއްވެ ވަގުތުފާއިތުވާ ފަހުންނެވެ، އެހެންކަމުން ދަރިންގެ ކުރިމަތީގައި ޒުވާބުކޮށް އާއިލީ ހަމަޖެހުމަށް ހޭލުންތެރިވެ ކަންކަން ހައްލުކުރާ ކެތްތެރި ބަޔަކަށް މައިންބަފައިން ވާށެވެ. ހަނދާނުގާ ބަހައްޓާށެވެ. އާއިލީ ހަމަނުޖެހުމުން ކުރާ އަސަރު ދަރިފުޅުގެ މުޅި މުސްތަގުބަލު ބަނަކޮށްލައެވެ. ދަރިފުޅުގެ ހުނަރުވެރިކަމާއި އުޅުންތެރިކަން ބިއްލޫރިގަނޑެއްހެން ފުނޑު ފުނޑު ކޮށްލައެވެ. މިއީ މިއަދުގެ މައިންބަފައިންނާއި އާއިލާ ތަކުން ވިސްނާ ހޭލުންތެރިވާން ޖެހޭ ކަމެކެވެ