އެމެރިކާއިން މިއަހަރުގެ ފެބްރުއަރީގައި ފަރުމާނަކުން ނިންމައި ސިފަކޮށްފައިވަނީ ޗައިނާގެ މީޑިއާގެ ވަސީލަތްތައް ކަމަށްވާ ޝީހުއާއާއި، ސީޖީޓީއެންއާއި ޗައިނާ ރޭޑިއޯ އިންޓަރނޭޝަނަލްއާއި ޗައިނާ ޑެއިލީއާއި ދަޕީޕަލްސް ޑެއިލީއަކީ ޗައިނާ ސަރުކާރުގެ ޕްރޮޕެގެންޑާ ފަތުރާ ވަސީލަތްތައް ކަމުގައެވެ.

އެމެރިކާގެ މިނިންމުން އައިސްފައިވަނީ ޗައިނާގެ މީޑިއާގެ ވަސީލަތްތަކުގެ ނުފޫޒާއި މި ވަސީލަތްތަކުން އެމެރިކާގެ ފިކުރީ ގިންތީގައި ހަރަކާތްތެރިވާ މީހުންނަށް ކުރާ އަސަރާ ބެހޭ ގޮތުން ކަންބޮޑުވުން ފާޅުކުރާތާ އެތައް ޒަމާނެއްގެ ފަހުންނެވެ. އެމެރިކާއިން ދެކޭ ގޮތުގައި މި ވަސީލަތްތަކަކީ އެމެރިކާގައި އިންދާފައިވާ ޗައިނާގެ ލޯތަކާއި ކަންފަތްތަކެވެ. އެމެރިކާގެ ސިޔާސީ އިޖުތިމާއީ ދާއިރާތަކުގައި ހިނގާ ކަންކަން މި މީޑިއާގެ ވަސީލަތްތަކުން ޗައިނާ ސަރުކާރާއި ޗައިނާގެ ވެރިކަން ކުރާ ކޮމިއުނިސްޓް ޕާޓީއާ ހިއްސާ ކުރެވެމުން ދެއެވެ.

ޗައިނާގެ މީޑިއާގެ ވަސީލަތްތަކަކީ ކޮމިއުނިސްޓް ޕްރޮޕެގެންޑާގެ ވަސީލަތްތައް ކަމަށް ސިފަކޮށް، އެމެރިކާގެ މިނިންމުން ބިނާވެފައިވަނީ ހަރވަރޑް ޔުނިވަރސިޓީގައި ޗައިނާގެ ޖާސޫސީ އިދާރާއާ ގުޅިފައިވާ ފަރާތްތަކުން ސައިންޓިފިކް ރިސާޗް ހިންގުމާއި އެމެރިކާގެ ކްރެޑިޓް ރިޕޯޓް ކުރާ އެޖެންސީ އިކުއިފެކްސްއަށް ފޭދިގެން މަޢްލޫމާތު ވަގަށް ނެގުމުގެ މައްސަލަތަކެއް ފެންމަތިވެ، ތަހްގީގު ފެށުމާ ގުޅިގެންނެވެ. ހަމައެފަދައިން ހުއާވީން އެމެރިކާ ސަރުކާރުގެ ވިޔަފާރި ސިއްރުތަކުން ވައްކަން ކުރަން އުޅުނުކަމުގެ ތުހުމަތުވެސް ހުއާވީގެ ދަށުން ހިންގާ ދެ ކުންފުންޏަކަށް ކޮށްފައި ވެއެވެ.

އެމެރިކާ ސަރުކާރުގެ މިނިންމުމަކުން ނޫސްވެރިކަން ކުރުމަށް މި އިދާރާތަކަށް ހުރަހެއް ނެތެވެ. ނަމަވެސް ކުރާ މަސައްކަތާއި މުވައްޒަފުންގެ ނަމާއި ލިބޭ އާމްދަނީ އެމެރިކާގެ ޚާރިޖީ ވުޒާރާއަށް ހާމަ ކުރަން ޖެހޭނެއެވެ.

މާނައަކީ އެމެރިކާގައި މިތަންތަނުން މަސައްކަތް ކުރިއަސް އެމެރިކާގެ ނަޒަރުގައި މިއީ ނޫސްވެރިކަންމުގެ އިދާރާތަކުގެ ގިންގީގައި ހިމެނޭނެ ތަންތަނެއް ނޫނެވެ. މިތަންތަން އެމެރިކާއިން ބަލާނީ ޗައިނާގެ އެމްބަސީން ހިންގާ އޮފީސްތަކެއްގެ ގޮތުގައެވެ.

މިއީ ބޮޑެތި ބާރުތަކާ ކުރިމަތިލުމަށް އެމެރިކާގެ ރައީސް ހިންގާ ސިޔާސަތުން ބައެކެވެ. އެމެރިކާއިން ހިސާބު ޖަހާފައިވާ ގޮތުގައި މިފަދަ ގޮތަކަށް ފިޔަވަޅު އެޅުމަކުން އެމެރިކާއަށް މިއިން ކުރާނެ އަސަރެއް ނޯންނާނެއެވެ. އެހެނީ، މިހާރުވެސް ޗައިނާއަކީ ގަދައަށް ނޫސްވެރިކަން ސެންސަރު ކުރާ ގައުމެކެވެ.

ޗައިނާއިން ވެސް، އެމެރިކާގެ މިފިޔަވަޅުތަކާ ގުޅިގެން ރައްދު ފިޔަވަޅުތަކެއް އެޅިއެވެ. އެމެރިކާގެ މި ނިންމުން ނިންމިތާ އެއްދުވަސްފަހުން (19 ފެބްރުއަރީގައި) ޗައިނާއިން ވަނީ ވަރލް ސްޓްރީޓް ޖަރނަލްގައި މަސައްކަތް ކުރާ ތިން ނޫސްވެރިންގެ ހުއްދަ ހިފަހައްޓާފައެވެ.

މިމީހުންގެ މައްސަލައެއްކަމަށް ޗައިނާއިން ދެއްކީ، 3 ފެބްރުއަރީގައި ލިޔުނު ރިޕޯޓެއްގައި ޗައިނާއަށް ފާޑުކިޔާފައި އޮތުމެވެ. އެ ރިޕޯޓްގެ ސުރުޚީއަކީ “އޭޝިއާގެ އެންމެ ބަލި މީހަކީ ޗައިނާ” މިއެވެ.

"އޭޝިއާގެ ބަލި މީހާ" އަކީ 19 ވަނަ ގަރުނުގައި ޔޫރަޕްގެ އިސްތިއުމާރީ ބާރުތަކުން އޭޝިއާއަށް ގަދަކޮށްގެން އުޅުނު އިރު ޗައިނާގެ ޝިންގ ދަރިކޮޅުގެ ރަސްކަން ސިފަ ކުރުމަށް ބޭނުންކުރި އިބާރާތެކެވެ. "އޭޝިއާގެ އެންމެ ބަލި މީހަކީ ޗައިނާ" ރިޕޯޓް ލިޔެގެން ހުއްދަ ހިފެހެއްޓި 3 މީހުންނަށް ޗައިނާ ސަރުކާރުން އެންގީ ފަސް ދުވަސް ތެރޭ ޗައިނާއިން ބޭރުވުމަށެވެ.

އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕިއޯ ވިދާޅުވީ ނޫސްވެރިކަމުގެ މިނިވަންކަން ދަންނާނީ ހަރުދަނާ ގައުމުތަކުގެ ވެރިން ކަމަށެވެ. އޭނާ ވިދާޅުވީ މިކަމުގައި ޗައިނާއިން ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ކޮންޓްރޯލުނުކޮށް އެފަރާތަށް ޗައިނާއިން ފެންނަ ގޮތް ކިޔައިދިންނަމަ ރަނގަޅުވީސް ކަމަށެވެ.

ޗައިނާ ބޭނުންވީ ވޯލްސްޓްރީޓް ޖަރނަލްއިން މައާފަށް އެދޭށެވެ. ޗައިނާގެ ނޫސްވެރިންގެ ޖަމުއިއްޔާއިން ވަނީ ސަރުކާރުގެ މިފިޔަވަޅަށް މަރުހަބާ ކިޔާފައެވެ.

ޗައިނާގައި ނޫސްވެރިންގެ ބޯކޮޅު ބަލައި އެމީހުންނަށް ދުއްތުރާ ކުރާކަމަށް ބޭރުގެ ނޫސްވެރިން ޝަކުވާ ކުރެއެވެ.

ޗައިނާ ސަރުކާރުގެ ސަންގު، ގްލޯބަލް ޓައިމްސްއިން ބުނެފައިވަނީ ބޮޑު ދެ ބާރު ދަނީ އެއް ބާރު އަނެއް ބާރާ ދުރަށެވެ. މިއީ 21 ވަނަ ގަރުނަށް ހެޔޮ ފާލައެއް ނޫންކަމަށް ކޮމިއުނިސްޓް ޕާޓީގެ ނޫހުން ސިފަ ކުރެއެވެ.

ވޯލްސްޓްރީޓް ޖަރނަލްއާއި ޗައިނާގެ ވެރިންނާ ދެމެދު ޚާއްސަ ކަމެއް އޮވެއެވެ.

އޮގަސްޓް 2019ގައި ޗައިނާއިން ވަނީ ވޯލްސްޓްރީޓް ޖަރނަލްގެ އެހެން ރިޕޯޓަރަކުވެސް ގައުމުން ބޭރުކޮށްލާފައެވެ. އެ ރިޕޯޓަރު ލިޔުނު ހަބަރެއްގައި ބުނެފައިވަނީ އޮސްޓްރޭލިއާގައި ޗައިނާ ރައީސްގެ ދެބޭންގެ ދެދަރި މީހަކު ޖުވާ ކުޅުމާއި މަނީލޯންޑާ ކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ.

ޗައިނާގެ މިފިޔަވަޅާ ގުޅިގެން އެންބީސީގެ ރިޕޯޓަރަކު ބުނެފައިވަނީ ޗައިނާގެ ވާހަކަ ރިޕޯޓް ކުރުމުގައި ތަންފުކެއްވެސް ދޫކޮށްނުލައި އޭނާ ތެދު ރިޕޯޓް ކުރުން މަތީ ދެމި ހުންނާނެ ކަމުގައެވެ.