ބަނޑުގައި ޖަހާފައިހުންނަ ސަރުބީ ވިރުވާލަން ބޭނުން ނުވާނީ ކާކުހެއްޔެވެ؟ ބަނޑުގައި މަސްޖަހާފައިވާނަމަ، ކޮންމެ މީހަކުވެސް އެމަސްތައް ވިރުވާލަން ބޭނުންވާނެއެވެ. މިކަމަށްޓަކައި ބައެއްމީހުން ބޮޑު އަގުދީގެން ޖިމްތަކަށް ގޮސް ކަސްރަތުކޮށް ހަދައެވެ. ކުރަންޗާސް، ސިޓަޕް، ޕްލޭންކް ފަދަ ގިނަ ކަސްރަތުތައް ކޮށް ބަނޑުހިންދުމަށް މަސައްކަތް ކުރެއެވެ. އަނެއްބަޔަކު ގޭގައި ޓީވީތަކާއި ވީޑިއޯތައް ބަލައިގެން ކަސްރަތުކޮށް ހަދައެވެ. އަދި ބައެއްމިހުން ބަނޑުހިންދުމަށްޓަކައި މަގުމަތީގައި ދުވެ ހިނގާ ހަދައެވެ.

މި ހުރިހާ ކަސްރަތުތަކެއް ކޮށްގެންވެސް ބަނޑުގައިޖަހާފައި ހުންނަ ސަރުބީތައް ވިރުވާއިލުމަކީ އެހާ ފަސޭހަކަމަކަށް ނުވެއެވެ.

ބަނޑުގައި ޖަހާފައި ހުންނަ ސަރުބީތައް ވިރުވުމަށް ކުޑަނަމަވެސް ބަދަލެއް ގެނެވެނީ މަހަކަށްވުރެ ގިނަދުވަހު މަސައްކަތް ކޮށްގެނެވެ. ކަސްރަތު ކުރުމުގެ އިތުރުން ކެއުމަށް ބަދަލުގެނެސް ގެނެވެ.

ވަރަށްފަހުން ސޯޝަލް މީޑިއާއިން ހިއްސާކުރަމުންދިޔަ ވީޑިއޯ އަކުން ދައްކަނީ 5 މިނެޓުގެ "ޖަޕަނީސް ޓަވަލް" ކިޔާ ކަސްރަތެއް ކުރުމުން ދިހަ ދުވަސްތެރޭ ބަނޑުގެ ސަރުބީ ވިރުވައިދީ ބަނޑުހިންދާލަދޭކަމަށެވެ. މިއީ ޖަޕާނުގެ "ރިފްލެކްސްޓޮލޮޖީ އެންޑް މަސާޖު ސްޕެޝަލިސްޓް" އެއް ކަމަށްވާ ޑޮކްޓަރ ފުކުތު ސުދިޒީ މީގެ ބައި ގަރުނުކުރިން ހާމަކުރި އުކުޅެކެވެ. އޭނާ ހާމަ ކުރިގޮތުގައި މި ކަސްރަތުކޮށްގެން ބަނޑުގެ ސަރުބީތައް ވިރުވުމުގެ އިތުރަށް ހަށިގަނޑު ތެދުކޮށްދީ ބުރަކަށީގެ ރިހުމަށްވެސް ލުއި ލިއްބައި ދޭނެއެވެ.

މި ކަސްރަތަށް ބޭނުންވާނީ ކުނައެއް ނުވަތަ މެޓެކެވެ.

ކަސްރަތު ކުރާގޮތަކީ

އެންމެ ފުރަތަމ އުއްޑުން އޮށޯންނަނީއެވެ. އެއަށްފަހު އަތާފައި ހަށިގަނޑާއި ދުރުކޮށްލަނީއެވެ. ދެން މެދުމިނުގެ ތުވާއްޔެއް ބުރކަށިދަށަށް ލައެވެ. އެއީ ފޫޅާ ދިމާއަށް ވާނޭގޮތަށެވެ. މިގޮތަށް އޮންނަ އިރު ފައި ބަހައްޓަނީ ކޮނޑާ އެއްހަމައެއްގައެވެ. އެއަށްފަހު ދެފައިގެ ބޮޑުވާއިނގިލި ޖައްސައެވެ. ދެން ދެއަތް ދެކޮޑާދިމާއަށް ބޯމަތިން ދަމާލާ ސީދާކޮށްލައެވެ. އެއަށްފަހު ދެއަތުގެ ކުޑަވާނައިނގިލިން ހިފާއްޓާލައެވެ. މިގޮތަށް 5 މިނެޓު ވަންދެން އޮވެލުމަށްފަހު އަރާމުކޮށްލާށެ ބުނެއެވެ.

ދިހަ ދުވަހުގެތެރޭ ބަނޑު ހިންދާލެވިދާނެހެއްޔެވެ؟

މިއީ ޖާދޫއެއް ނޫނެވެ. އެއްވެސް ކަސްރަތެއް ކޮށްގެން 10 ދުވަހުން ބަނޑުގެ ސަރުބީތައް ވިރުވައި ލެވޭނެކަމަކަށް ގަބޫލެއް ނުކުރެވެއެވެ. އެއީ އެއްވެސް ކަސްރަތަކުން އެހާ އަވަހަށް ނަތީޖާ ނުފެންނާތީއެވެ. އެހެންނަމަވެސް މި ކަސްރަތުން ހަށިގަނޑު ތެދުކޮށްދީ ބުރަކަށީގެ ރިހުމަށް ލުޔެއް ލިބިދާނެއެވެ.

މެދުހަށީގައި ޖަހާފައި ހުންނަ ސަރުބީތައް ވިރުވުމަކީ އެހާ ފަސޭހަކަމެއްނޫނެވެ. އެއީ ވިރުވަން އެންމެ އުނދަގޫ އަދި އެންމެ ގިނަދުވަހުން ވިރުވާލެވޭ ސަރުބީއެވެ.

ބަނޑުގައި ޖަހާފައިހުންނަ ސަރުބީތައް ވިރޭނީ އެންމެ ފަހުންނެވެ. އެތައް ދުވަހަކު އެތައް މަސައްކަތެއް ކޮށްގެނެވެ.

އެންމެންވެސް ހަނދާންކުރަންވީ ބަރުދަން ލުއިކުރުމުގެ ޕްރޮގްރާމެއްގައި ބައިވެރިވުމާއެކު މީހާގެ ހަށިގަނޑު ލުއިވާކަށް ނުފަށާނެކަމެވެ. އެހެންނަމަވެސް ކަސްރަތުކޮށް ރަނަގަޅު ކެއުން ޚިޔާރުކުރާނަމަ، ސަރުބީ ވިރޭނެއެވެ. ބަރުދަން ލުއިވެސް ވާނެއެވެ. ނަމަވެސް މިކަމަށް ދުވަސް ނަގާނެއެވެ. ހަށިގަނޑުގެ އެކި ހިސާބުތަކުގައި ޖަހާފައިހުންނަ ސަރުބީތައް ވިރެމުންދާނީ އެކިވަރަށެވެ.

ސަރުބީ ވިރުވައި ހަށިގަނޑުގެ ބަރުދަން ލުއިކުރަން ބޭނުންނަމަ ރަނގަޅު ކެއުން ޚިޔާރު ކުރަންވާނެއެވެ. އަދި ކަސްރަތުކޮށް ނިދިހަމަ ކުރަންވާނެއެވެ. ހަމަ އެހެންމެ ދުންފަތުގެ އިސްތިޢުމާލުކުރާނަމަ، އެކަމުންވެސް ދުރުވާން ވާނެއެވެ. މިގޮތަށް ޢަމަލުކުރުމުން ނަތީޖާ ފެންނާނެއެވެ. ކެއްތެރިކަމާއެކު މަސައްކަތް ކުރާށެވެ. މިއީ އެއްދުވަހުން، ދެދުވަހުން އަދި ދިހަދުވަހުން ވާނެކަމެއް ނޫނެވެ.