ބޭރުގެ އިއްޒަތްތެރިންނަށް، ދައުލަތުން މިހާރު ދޭ އެންމެ މަތީ ޝަރަފު ކަމަށްވާ ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިކަމުގެ ލަގަބް، އދ. ގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ އަރުއްވައިފި އެވެ.

އެމަނިކުފާނަށް މި ޝަރަފު އަރުވާފައިވަނީ ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައެވެ. މިނިސްޓަރު ޝާހިދަށް މިރޭ އެރުވި ލަގަބު ނިސްބަތް ވަނީ އެމަނިކުފާނުގެ ހަވަނަ ކާފާފުޅަށެވެ.

ރައީސަށް ގާނޫނުއަސާސީގެ ދަށުން ލިބިދޭ ބާރުގެ ދަށުން މި ޝަރަފް ޝާހިދަށް އަރުވަން ނިންމީ، ރައީސް އޮފީހުން ބުނިގޮތުގައި ރާއްޖޭގެ ހާރިޖީ ދާއިރާގެ ކުރިއެރުމަށާއި ބޭރު ދުނިޔޭގައި ރާއްޖޭގެ ތަސައްވުރު ރަނގަޅު ކުރުމަށާއި ބޭރު ގައުމުތަކުން ރާއްޖެ އަށް ކުރާ އިތުބާރު އިތުރުކޮށް ދެމެހެއްޓުމަށް ދެއްވާ ހާއްސަ އަހައްމިއްޔަތުކަމަށްޓަކާ ކަމަށެވެ.ޝާހިދަށް ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ (ނ.ޢ.ޢ.ވ.) ލަގަބު އެރުވުމުގެ ކުރީން އެމަނިކުފާނުގެ ގައުމީ ހިދުމަތާއި ގުޅޭގޮތުން ތައްޔާރުކޮށްފައިވާ ހާއްސަ ރިޕޯޓެއް ވަނީ ގެނެސްދީފައެވެ.

ރާއްޖޭގެ ފޮރިން މިނިސްޓަރު ކަން ދެ ފަހަރަށް ކުރައްވާފައިވާ ހަމައެކަަނި ބޭފުޅަކީ ޝާހިދުކަމަށާއި އޭނާ ވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ކަމާއި އެ މަޖިލީހުގެ ރައީސްކަން ވެސް ކުރައްވާފައިކަމަށް ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާގެ ލަގަބު އެރުވުމުގެ ކުރިން ގެނެސްދިން ރިޕޯޓުގައި ވަނީ ބުނެފައެވެެ.

އދ.ގެ އާއްމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރިޔާސަތާ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ހަވާލުވެ ވަޑައިގަންނަައިފައި ވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. މިއީ ތާރީހުގައި ވެސް އދ. ގެ މިހާ އިސް މަގާމަކަށް ދިވެއްސަކު އިންތިހާބުވި ފުރަތަމަ ފަހަރެވެ.