ކޮރޯނާ ވައިރަސް އިން މަރުވެފައިވާ މީހުންގެ އާއިލާތަކަށް ބަދަލު ދިނުމަށް އިންޑިއާގެ ސަރުކާރުން ނިންމާފައިވާ ނިންމުމަށް އިންޑިއާގެ އެންމެ މަތީ ކޯޓުން އާނބަސް ބުނެފިއެވެ. އެގޮތުން ބަދަލުގެ ގޮތުގައި މަރުވެފައިވާ މީހާގެ އާއިލާގެ ވާރިސުންނަށް ބައިލައްކަ އިންޑިއާ ރުޕީސް ދޭނެއެވެ. ސީއެންއެން އިން ލާފާ ކުރިގޮތުގައި މިހާރު އިޢުލާން ކޮށްފައިވާ މަރުވެފައިވާ މީހުންގެ އަދަދުތަކަށް ބަލާއިރު މިއީ ގާތްގަނޑަކަށް 300 މިލިއަން ޑޮލަރުގެ ބަދަލެކެވެ.

އިންޑިއާއިން އިޢުލާން ކޮށްފައިވާ ގޮތުގައި 448997 މީހުން ވަނީ ކޮވިޑް19އާ ގުޅިގެން މަރުވެފައެވެ.

މިނިސްޓްރީ އޮފް ހޯމް އެފެއާޒާ ދެކޮޅަށް ސުޕްރީމް ކޯޓުގައި އޮތް އަޑުއެހުން ތަކަށްފަހު މިހާރު ވަނީ ކޮވިޑް19 ޖެހިފައިވާ ކަމަށް ޑައިގްނޯސް ކުރުމުން އެކަމާ ހެދި ބިރުން އަމިއްލައަށް މަރުވި މީހުންގެ އާއިލާތައްވެސް މި ބަދަލު ދިނުމުގެ ތެރޭގައި ހިމެނުމަށް ނިންމާފައެވެ. އެގޮތުން ޑައިގްނޯޒް ކުރިތާ 30 ދުވަސް ތެރޭ މަރުވި މީހުންގެ އާއިލާތައް ބަދަލު ދިނުމުގައި ޝާމިލު ކުރެވޭނެއެވެ.

ސުޕްރީމް ކޯޓުން ޙުކުމް ކޮށްފައި ވަނީ ކޮވިޑް އާ ގުޅިގެން މަރުވެފައިވާ މީހެއްގެ މަރުގެ ބަދަލަށް އެއްވެސް ސްޓޭޓަކަށް ބަދަލު ހޯދަން އެދޭ މީހެއްގެ އެދުމާ ދެކޮޅަކަށް ނުނިންމޭނެ ކަމަށެވެ. އަދި މަރާ ގުޅުން ހުރި ޑޮކިއުމެންޓްތައް ވާރިސުން އެދުމުން ދިނުމަށް ހަސްފަތާލްތަކަށްވެސް އަމުރު ކޮށްފައި ވެއެވެ.