"ނެތްތަ ސުޕާރީއެއް؟" މިއީ އާއިލާގެ ތެރެއިން ނުވަތަ ރައްޓެހި ގުރޫޕުތަކުގެ ކުދިންގެ ފަރާތުން ވަރަށް ގިނައިން އަންނަ ސުވާލެކެވެ.

ސުޕާރީ އިން ލިބޭ ގެއްލުންތައް އެނގޭއިރުވެސް އެ ކެއުމަށް އާދަވެފައި ތިބި ކުދިންނަށް އެއާ ދުރަށް ނުދެވެއެވެ.

2004 ވަނަ އަހަރު ވޯލްޑް ހެލްތު އޮގަނައިޒޭޝަންގެ "އިންޓަނޭޝަނަލް އެޖެންސީ ފޯ ރިސާޗް އޮން ކެންސަރ " އިން ނެރުނު ބަޔާނުގައި ވާގޮތުގައި ސުޕާރީގައި ކެންސަރު ބައްޔަށް މަގުފަހިކޮށްދޭ މާއްދާތައް އެކުލެވިގެންވެ އެވެ. ސުޕާރީގައި ފޮނިރަހަ ލެއްވުމަށް ބޭނުންކޮށްފައިވާ "އަލްކޮލޮއިޑްސް" އާއި "ޕޮލިފެނޮލްސް" ގެ ސަބަބުން ކެންސަރު ޖެހުމަށް މަގުމަގުފަހިއެވެ.

ދިރާސާތަކުން ދައްކާގޮތުގައި އަނގަޔަށް ޖެހޭ "އޯރަލް ސަބް މިއުކަސް ފިބްރޯސިސް" ބަލި އެންމެ ގިނައިން ފެންނަނީ ދެކުނު އޭޝިޔާއިންނާއި އިރު ދެކުނު އޭޝިޔާއިންނެވެ. މި ސަރަހައްދު ތަކަކީ ދުނިޔޭގައި އެންމެ ގިނައިން ސުޕާރީއާއި ދުފުމުގެ އެހެނިހެން ބާވަތްތައް ބޭނުން ކުރާ ގައުމުތަކެވެ. އަދި ދުފުމުގެ ސަގާފަތް ދެމި އޮތީވެސް މި ގައުމުތަކުގައެވެ.

މީގެ އިތުރަށް ސުޕާރީ ބަންދުކޮށްފައިހުންނަ ޕެކެޓަކީވެސް އަޅުގަނޑުމެންގެ މާހައުލަށާއި ޞިއްހަތަށް ވަރަށް ބޮޑު ގެއްލުމެއް ދޭ އެއްޗެކެވެ.

ކޮންމެ ކުއްޖަކުވެސް ޕެކެޓްގައިވާ ސުޕާރީކޮޅު ކާލުމަށްފަހު ކޮންމެވެސް ތަނަކަށް އެއްލާލަނީއެވެ ނުވަތަ ކުންޏާއެކު އުކާލެވެނީއެވެ. ދެން މި ޕްލާސްޓިކު ކޮޅު ކުދިކުދިވެ "މައިކްރޯޕްލާސްޓިކް" އުފެދެއެވެ. މިއީ 5 މިލިމީޓަރަށްވުރެވެސް ކުދި އެތި އެތި ކޮޅެވެ. އަދި އެތައް މިލިޔަން އަހަރެއްވާއިރުވެސް މި ތަކެތި ހަލާކުނުވެހުރެ އެވެ. މިތަކެތި މޫދަށާއި ފެނަށްގޮސް އަހަރެމެންގެ ބުއިންތަކާއި ކެއުންތަކުގައި ހިމެނެވެ. އެހެންކަމުން ސުޕާރީ ނުކާމީހުނަށްވެސް އޭގެ ވިހައިގެ އަސަރު ކުރެއެވެ.

މިފަދަ ނުރައްކާ އެއްޗަކަށް ސުޕާރީ ކޮތަޅުވުމުން 1 ޖޫން 2021 ފެށިގެން ރާއްޖެއަށް އެތެރެ ނުކުރެވޭ ޕްލާސްޓިކުގެ ބާވަތްތަކުގެ ތެރޭގައި ސުޕާރީ ޕެކެޓު ހިމަނާފައި ވެއެވެ. ނަމަވެސް ރާއްޖޭގެ ވިޔަފާރި ވެރިން އުޅުއްވަނީ އެއަށްވުރެ ކުރީގައެވެ. ސުޕާރީ ޕެކެޓް ވިއްކުން މަނާކުރިތާ 5 މަސްދުވަސް ވީއިރުވެސް ފިހާރަތަކުން ބޭނުންވަރަކަށް އެ ގަންނަން ލިބެއެވެ. އެކުއްޖަކު ބޭނުން ވައްތަރެއްގެ ޕެކެޓެއް ގަނޑުކޮށް އަދި ވަކި ވަކިން ވެސް ލިބެން ހުރެއެވެ.

ވިޔަފާރިވެރީން ބައްލަވަނީ ލިބޭ ނަފާއަށެވެ. ސުޕާރީ ކާން އާދަވެފައި ތިބި ކުދިން ބަލަނީ އެ ލިބޭނެ ގޮތެކެވެ. އެއިން ލިބޭ ގެއްލުމަކަށް ވިސްނާ އެކަކުވެސް އުޅޭހެން ހިއެއްނުވެއެވެ.

ދާދި ފަހުން އަޅުގަނޑު ބައިވެރިވި ބައްދަލުވުމެއްގެ ބައިވެރިޔަކު ބުނުއްވިއެވެ. ސުޕާރީ ތައްޔާރުކޮށްފައި ހުންނަނީ ހަމަ، ދިވެހިރާއްޖެއަށް އަމާޒުކޮށްގެނެވެ. އެއީ ސުޕާރީ ޕެކެއްޓެއްގައި "50 ލާރި" ލިޔެފައި އޮއްވާ އޭނާ އަށް ފެނުމުންނެވެ. މިކަމުގެ ހަގީގަތް ބެލުމަށްޓަކައި ފިހާރައެއްގައި އުޅޭ ރައްޓެއްސަކަށް ގުޅާލައިގެން އެ ފިހާރައިގައި ހުރި ހުރިހާ ސުޕާރީއެއްގެ ފޮޓޯ ހޯދީމެވެ. ތެދެކެވެ. އެއިން "ޓޮޕް ސުޕާރީ" ޕެކެޓްގައި 50 ލާރި ލިޔެފައި އޮތެވެ.

ރާއްޖެއަށް ގިނަ ބާވަތްތަކުގެ ސުޕާރީ އެތެރެކުރަނީ އިންޑިޔާއިންނެވެ. ކޮންމެތަނަކުން ކޮންމެ އެއްޗެއް އެތެރެ ކުރިނަމަވެސް ވިޔަފާރިވެރީން ބޭނުން ގޮތަކަށް އެއެއްޗެއް ފަރުމާ ކުރެވޭނެ އެވެ.

ސުޕާރީ އާއި އެ ބަންދުކޮށްފައި ހުންނަ ޕެކެޓުން ލިބޭ ގެއްލުންތައް ކިތަންމެ ވަރަކަށްވެސް ލިޔެފައި އެބަހުއްޓެވެ. ދިރާސާތައް ކޮށްފައި އެބަހުއްޓެވެ. ނަމަވެސް ޢަމަލީ ސިފައެއްގައި ސުޕާރީ ކެއުން ހުއްޓާ ތަނެއް ނުފެނެއެވެ. ޕެކެޓްތައް ހުސްވަންވާއިރަށް ފުޅި ފުޅިއާއި ދަޅު ތަކުގައިވެސް ބަންދުކޮށް އެ އެތެރެކުރަމުން ގެންދަނީ އެވެ.