އަހަރެމެންގެ ތެރެއިން ގިނަ މީހުންނަށް ޤަބޫލު ކުރެވޭގޮތުގައި އުރަމަތީގެ ކެންސަރުގެ ޝިކާރައަކަށް ވަނީ ހަމައެކަނި އަންހެނުންނެވެ. ނަމަވެސް ހަޤީޤަތަކީ ފިރިހެނުންނަށް ވެސް އުރަމަތީގެ ކެންސަރު ޖެހޭ ކަމެެވެ. އިންޑިޔާގެ ވެރިރަށް ދިއްލީގައި ދިރިއުޅޭ 70 އަހަރުގެ ފިރިހެނަކަށް ވަނީ އުރަމަތީ ކެންސަރު ޖެހިފައެވެ.

ޑޮކްޓަރުން ވިދާޅުވާގޮތުގައި ފިރިހެނުނަށް އުރަމަތީގެ ކެންސަރު ޖެހުން ވަރަށް މަދެވެ. ނަމަވެސް ހަޤީގަތަކީ އުރަމަތީގެ ކެންސަރަކީ ފިރިހެނުންނަށް ވެސް ދިމާވެދާނެ ނުރައްކަލެއްކަމެވެ.

އިންޑިޔާގެ މުމްބާއީގެ ފޯރޓިސް ހޮސްޕިޓަލްގެ އެޑްވާންސް އޮންކޯސާރޖަރީ ޔުނިޓްގެ ޑިރެކްޓަރ ޑރ. އަނިލް ހަރޫރު ވިދާޅުވި ގޮތުގައި ތަފާސް ހިސާބުތައް ދައްކާގޮތުން އުރަމަތީގެ ކެންސަރު ޖެހޭ ފިރިހެނުން ވަރަށްމަދެވެ. ނަމަވެސް އުރަމަތީގެ ކެންސަރު ޖެހޭ ފިރިހެނުން މަރުވާ ރޭޓު މައްޗެވެ. މި ކަމުގެ ސަބަބެއް ކަމުގައި ދިމާވެދާނެ އެއްކަމަކީ ފިރިހެނުންގެ ތެރޭގައި އުރަމަތީގެ ކެންސަރާއި ގުޅޭގޮތުން ހޭލުންތެރިކަން ހުރި މިންވަރެވެ. އަދި ބަލި ދެނެ ގަނެވެން ނަގާ މުއްދަތު ނުވަތަ ޑޮކްޓަރުންނާ ހިސާބަށް ދެވޭލެއް ލަސްވުން ހިމެނެއެވެ. ދެވަނަ ސަބަބަކީ ގިނަ މީހުން ޤަބޫލުކުރާގޮތުގައި އުރަމަތީގެ ކެންސަރު ޖެހެނީ އަންހެނުންނަށް ކަމަށް ވުމެވެ. މިހެންކަމުން އުރަމަތީގެ ކެންސަރާ ބެހޭ ގޮތުން ޑރ. ހަރޫރު ހިއްސާކުރެއްވި ބައެއް މަޢުލުމާތު ހިމަނާލެވޭތޯ ބަލައިލާނަމެވެ.

އުރަމަތީގެ ކެންސަރު ޖެހެނީ އުރަމތީގެ ޓިޝޫތަކަށެވެ. އަދި އުރަމަތީގެ ކެންސަރުގެ 2 ބާވަތެއްވެއެވެ.

"ޑަކްޓަލް ކާސިނޯމާ" މިއީ އުރަމައްޗަށް ކިރުގެނެސްދޭ ހޮޅިތަކަށް ޖެހޭ ކެންސަރެވެ. ފިރިހެނުންގެ އުރަމައްޗަށް ޖެހެނީ މި ވައްތަރުގެ ކެންސަރެވެ.

"ލޮބިއުލަރ ކާސިނޯމާ" މިއީ އުރަމަތީގައި ކިރުއުފައްދައިދޭ ގްލޭންޑްސްއަށް ޖެހޭ ކެންސަރެވެ. މި ބާވަތުގެ ކެންސަރު ފިރިހެނުންނަށް ޖެހުން ވަރަށް މަދެވެ.

އާންމު ގޮތެއްގައި ފިރިހެނުންނަށް އަންހެނުންނަށްވުރެ އުރަމތީގެ ކެންސަރުގެ ނުރައްކާ ބޮޑެވެ. ސަބަބެއްކަމަށް ޑރ. ހަރޫރު ވިދާޅުވަނީ ފިރިހެނުންގެ މެމަރީ ގްލޭންޑްސް މަދުވުމުން ވަރަށް އަވަހަށް މަސްގަނޑަށާއި ކަށްޓަށް އަދި އެހެނިހެން ގުނަވަންތަކަށް ފެތުރިގެންދާން ނަގާ ވަގުތު ކުޑަވުކެވެ. މި ބާވަތުގެ ކެންސަރުން އާންމުކޮށް ފެންނާނެ ނިޝާންތައްކަމަށް ޑރ. ހަރޫރު ވިދާޅުވަނީ އުރަމަތިން ތަންކޮޅެއް ބޯވުން ނުވަތަ ނުރިހުނު ނަމަވެސް ގަނޑެއް ހުރުން، އުރަމަތީގެ ހަނގަނޑު ރަތްވުން، ހަންފޮޅުން ނުވަތަ ކުރަކިވުން، އުރަމަތިން ދިޔަ ފޭބުން، ވައްގަނޑު ރަތްވުން ނުވަތަ ހަންފޮޅުން ހިމެނެއެވެ.

ޑރ. ހަރޫރު ވިދާޅުވާގޮތުގައި ފިރިހެނުންގެ ކިބައިން އުރަމަތީގެ ކެންސަރު ދެނެގަތުން ލަސްވަނީ ވަރަށް ގިނަ ފިރިހެނުންނަކީ ޑަކްޓަރީ ފަރުވާ ނުވަތަ އެނޫންވެސް ފަރުވާއެއް ހޯދުމަށް ވަރަށް ގިނަ ފަހަރު ފަސްޖެހޭ ބައަކަށްވުމެވެ. ޚާއްސަކޮށް މެމޯގްރޮފީ (އުރަމަތީގެ ސްކޭން) ހެދުމަކީ ދަތިކަމަކަށްވުމެވެ. މިކަމުގައިވެސް ހައްލެއް އޮތްކަން ޑރ. ހަރޫރު ވިދާޅުވިއެވެ. މީގެ ހައްލަކީ ސޮނޯގްރަފީ އާއި ބައޮޕްސީހެދުމެވެ. ފަހު ބަހެއްގެ ގޮތުގައި ޑރ. ހަރޫރު ވިދާޅުވީ ސިއްހަތާ ޖެހުމުން އެއްވެސް ލަދެއް ގަންނާކަށް ނުވާނެކަމެވެ. އެއީ ފުރާނަޔާ ގުޅިފައިވާ ކަމެކެވެ.

ވީމާ، ކޮންމެ މީހަކުވެސް އިސްވެދެންނެވުނު ފަދަ އަލާމަތެއް ފެނިއްޖެނަމަ ނުވަތަ ޝައްކުވީނަމަވެސް ސިއްހީ އެހީތެރިކަން ހޯދުމަށް އަވަސްވެ ގަތުމަކީ އެންމެ ބޮޑު ފަރުވާކަމަށެވެ.

މައުލޫމާތު: ހެލްތުޝޮޓް.ކޮމް