3 ނޮވެންބަރު 1988 ވަނަ އަހަރު ގައުމަށްޓަކއި ކެރިގެން ނުކުތް އެއް ޒުވާނަކީ ހ. މާބަނޑޭރިގޭ މުޙައްމަދު މުސްތާގެވެ. މިރޭ ޑީއެންއޭ އިން ނަސްރުގެ ދުވަސް ފާހަގަ ކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން މުސްތާގު ވިދާޅުވީ އޭނާގެ ބައްޕަ އޭނާ އަށް ދެއްވި މެސެޖު ފަހުމު ވުމަށް ދިހަ އަހަރު ހޭދަވިކަމަށެވެ.

"ބައްޕަ ދެއްވި މެސެޖަކީ އަޅުގަނޑުގެ ފުރާނައަށްވުރެ ގައުމުގެ މިނިވަންކަން މުހިއްމުކަން" މުސްތާގު ވިދާޅުވިއެވެ.

މި ޖަލަސާގައި އޭނާ އެދުވަހު ކުރެއްވި ތަޖުރިބާ ހިއްސާކުރައްވަމުން ވިދާޅުވިއެވެ. އެރޭފަތިހު ހަތަރުގަޑި ބައި ހާއިރު ހޭލެވުނީ ބަޑި ޖަހާ އަޑަށް ކަމަށް އޭނާ ވިދާޅުވިއެވެ. އެއަޑު އިވުމުން ތެދުވެ ޚަބަރު ބެއްލެވުމަށް ނުކުންނަން އުޅުއްވަނިކޮށް ކީއްވެގެންތޯ މި އުޅެނީ ބައްޕަ ސުވާލު ކުރެއްވިކަމަށެވެ. އެ ސުވާލުގެ ޖަވާބުގައި ސިފައިންގެ ތެރޭގައި ތަޅައިގަނެގެން އުޅެނީކަމަށް ލަފާކޮށް ބައްޕައަށް އެޖަވާބު އެރުވުމަށްފަހު ވެގެން އުޅޭގޮތެއް ބެއްލެވުމަށް ނުކުންނެވިއެވެ

އަދި މުންނާރު ކައިރިއަށް ވެއްޓިފައިއޮތް މީހަކު ފެނިވަޑައިގަތެވެ. އޭނަގެ އެއްވެސް ހަރަކާތެއް ނެތްކަމަށް މުސްތާގު ވިދާޅުވިއެވެ. މުސްތާގު މިރޭގެ ޖަލްސާގައި އެ ވެއްޓިފައިވާ މީހާގެ ވާހަކަ އިތުރަށް ވިދާޅު ނުވިޔަސް އެ ވެއްޓިއޮތްމީހާއަށް އެހީވެދެއްވީ މުސްތާގު ކަމަށް އަޅުގަނޑު ހޯދިމައުލޫމާތުން އެނގުނެވެ.

އެއަށްފަހު ހަކުރާ ގޯޅި ކަންމަތީގައި ހުންނަވަނިކޮށް މުސްތާގު އާއި ދިމަވީ ބައިސްކަލުގައި ދުރުވި ސިފައިންގެ ބޭކަލެކެވެ. އެވަގުތު އެބޭކަލެއްގެ އަތު އޮތް ޓޯކީއަކަށް ސިފައިންގެއިން ގުޅުއްވާފައި ދެއްކެވި ވާހަކަ އިވޭ ހިސާބު ހުންނެވިކަމަށްވެސް އޭނާ ވިދާޅުވިއެވެ. ސިފައިންގެއިން އެންގެވީ "ބޭރުބައެކޭ ހަމަލަދީގެން އުޅެނީ އެމީހުން ތިބި ތަންތަން ބަލާފަ މައުލޫމާތު ދޭށޭ" މުސްތާގު ވިދާޅުވީ ބޭރުބަޔެއްކަން އަރައިގެން އުޅެނީ އެނގުމުން ގައިން ހީބިހި ނަގައިގެންދިޔަ ކަމަށެވެ. އަދި ހަމަ އެވަގުތު ސިފައިންގެ މީހަކައެކު އެމީހުންގެ މައުލޫމާތު ހޯދަން ނުކުތުމަށް ގަސްތުކޮށް އޭނާގާތު އެވާހަކަ ވިދާޅުވިކަމަށެވެ. އެއީ ބޭރު މީހުނަކަށް މާލޭގެ ގެތައް ހުރި ގޮތެއް ނޭނގޭނެކަމަށް ގަބޫލު ކުރެވޭތީއެވެ. އެއީ އޭރު ގެތައް ހުންނަގޮތުން އެއްގޭ ފާރުމަތިން އަނެއްގެއަށް ވަދެވެން ހުންނާތީ ކަމަށް އޭނާ ވިދާޅުވިއެވެ. އެއަށްފަހު ސިފައިންގެ ބޭކަލަށް މަޑުކުރުމަށް ވިދާޅުވެ ގެއަށް ވަޑައިގަތީ ސައިކަލު ނެންގުމަށެވެ.

އެއަށްފަހު ބޭރު ބަޔަކު އަރައިގެން އުޅޭކަމުގެ މައުލޫމާތު ބައްޕަ އަށް އެރުވުމަށްފަހު ސައިކަލު ގައި ނުކުންނަށް އުޅުއްވަނިކޮށް ދައްތަ އެކަން މަނާކޮށް ހިފެހެއްޓެވިއެވެ. އަދި ބައްޕަ އަރިހުގައި ދައްތަ ދެންނެވީ މުސްތާގު ހިފެހެއްޓުމަށް ކަމަށް އޭނާ ވިދާޅުވިއެވެ. އެހެން ނަމަވެސް ބައްޕަ ވަރަށްބޮޑަށް ހިނިތުންވެެލައްވާފައި ނިތްކުރީގެ އިޝާރާތުން ދިއުމަށް އިޝާރާތް ކުރެއްވިކަމަށް މިރޭގެ ޖަލްސާގައި މުސާތު ވިދާޅުވިއެވެ.

މުސްތާގު ވިދާޅުވީ އޭނާ އަކީ ބައްޕަގެ ހުރި ހަމައެކަނި ފިރިހެންދަރިފުޅު ކަމށް ވީއިރު ގައުމަށްޓަކައި ނުކުތުމަށް ބައްޕަ އެ ވިދާޅުވި ވިދާޅުވުން ފުހުމު ވުމަށް 10 އަހަރު ނެންގެވިކަމަށެވެ.

ނަމަވެސް މިއަދު އޭނާވެސް ދަރިންނަށް ދޭނޭ ތަރުބިއްޔަތަކީ އަމިއްލަ ފުރާނައަށްވުރެ ގައުމު މުހިއްމުކަން އަންގައި ދިނުމެވެ.

މުސްތާގަކީ 1988 އަހަރު ނޮވެންބަރު 3 ދުވަހު ވަރަށް ގިނަ ފަރާތްތަކަށް އެހީވެދެއްވި ބޭފުޅެކެވެ. އެކަމުގެ އަގު ވަޒަންކޮށް ސަރުކާރުން ހަދާނީލިޔުންވެސް ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ.