ޖުމްހޫރީ ޕާޓީ ދޫކޮށް އެހެން ޕާޓީއެއް ހަދަން ޖެހުނީ އެ ޕާޓީއާއެކު ކުރިއަށް ދެވޭނެ އެއްވެސް ގޮތެއް ނެތުމުން ކަމަށް ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު ވިދާޅުވުމުން ޖޭޕީގެ ނައިބު ރައީސް އަހުމަދު ސައުދު ރައްދު ދެއްވައިފިއެވެ.

ޖުމްހޫރީ ޕާޓީގެ ނާއިބު ލީޑަރުކަން ވެސް ކުރެއްވި އަބްދުﷲ ރިޔާޒު ވަނީ އޭނާއާ ގުޅޭގޮތުން ޖުމްހޫރީ ޕާޓީއާ އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ކުރައްވާ ތުހުމަތުތަކާއި ގުޅޭގޮތުން “އަވަސް” ނޫހުގައި ވަރަށް ތަފްސީލުކޮށް ވާހަކަ ދައްކަވާފަ އެވެ.އެގޮތުން ރިޔާޒު ވިދާޅުވީ އޭނާއާ ނާޒިމް ޖުމްހޫރީ ޕާޓީން ވަކިވީ ޕާޓީގެ ހިންގުން ހަވާލު ނުކޮށްގެން ކަމަށް ގާސިމް ވިދާޅުވާ ވިދާޅުވުމަކީ ހަމަޖެހޭ ވާހަކައެއް ނޫން ކަމަށެވެ. އެއާ ހިލާފަށް ޖޭޕީން ވަކިވީ ޕާޓީއަކީ ޑިމޮކްރަޓިކް ޕާޓީއަކަށް ހެދުމުގެ ފުރުސަތު ނެތުން ކަމަށާއި އެ ޕާޓީގައި ހުންނަވައިގެން ރައްޔިތުންނަށް ހިދުމަތް ކުރެވޭނެ ފުރުސަތު ލިބިވަޑައިނުގަތުމުން ކަމަށް ރިޔާޒު ވިދާޅުވިއެވެ.

ރިޔާޒުގެ މިވާހަކަތަށް ރައްދު ދެއްވައި ސައުދު ކުރެއްވި ޓްވީޓެއްގައި ވަނީ ރިޔާޒަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

”މާލީ މަންފާތައް ނެގީމެއްނު؟ ދެން ކޮންކަމެއް؟ އާން! ޕާޓީ ޖަހައިގަންނަން ކުރި މަސައްކަތް ދެއްތޯ؟“ ރިޔާޒު ޓެގް ކުރައްވައި ސައުދު ވިދާޅުވިއެވެ.

ރިޔާޒު ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ކޮންޓްރޯލް ހޯއްދަވަން ދުވަހަކު ވެސް މަސައްކަތް ކުރައްވާފައި ނުވާނެ ކަމަށެވެ. ނަމަވެސް ޖުމްހޫރީ ޕާޓީގެ ހިންގުން ހަރުދަނާ ކުރެއްވުމަށް ވަަރަށް ގިނަ މަސައްކަތް ކުރެއްވި ކަމަށެވެ.