ވަޒީފާ އަދާކުރާ މީހުންނަށް އުޖޫރައިގެ ގޮތުގައި ދެވޭނެ އެންމެ ކުޑަ މިންވަރު ނުވަތަ މިނިމަމް ވޭޖް ކަނޑައަޅައިފިއެވެ.

މިނިމަމް ވޭޖް ކަނޑައަޅާ އިއުލާންކޮށްފައިވަނީ މިއަދު ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލެވެ.މިނިމަމް ވޭޖްގެ ބޯޑުން ލަފާ ދިން ގޮތަށް ބަލާއިރު އެންމެ ކުޑަ އުޖޫރައަކަށް ޕްރައިވެޓް ސެކްޓަރަށް ލަފާ ދިނީ ކުދި ފަންތީގެ ވިޔަފާރިތަކަށް ގަޑިއިރަކަށް 24.04 ރުފިޔާ އެވެ. އެއީ އެންމެ ގިނަވެގެން ހަފްތާއަކަށް މަސައްކަތް ކުރެވޭނެ 48 ގަޑިއިރުގެ ނިސްބަތުން މަހަކަށް 5،000 ރުފިޔާ އެވެ.

މެދު ފަންތީގެ އަމިއްލަ ވިޔަފާރިތައް: މަހެއްގެ މައްޗަށް ދެވޭނެ އެންމެ ދަށް މުސާރަ އަކީ 7،000 ރުފިޔާ.

ބޮޑެތި އަމިއްލަ ވިޔަފާރިތައް: މަހެއްގެ މައްޗަށް ދެވޭނެ އެންމެ ދަށް މުސާރަ އަކީ 8،000 ރުފިޔާ.

ޕަބްލިކް ސެކްޓާ: ހަ ގަޑިއިރު މަސައްކަތްކުރާ ދާއިމީ މުވައްޒަފުންނަށް މަހަކު 7،000 ރުފިޔާ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ފައްޔާޒް ވިދާޅުވީ މިނިމަމް ވޭޖް ކަނޑައެޅުމުގައި ވަރަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވި ކަމަށެވެ. އަދި ވިދާޅުވީ މިއީއެއްވެސް ސަރުކާރަކަށް ނުކުރެވުނު އަދި ކުރަން ނުކުރެވުނު ކަމެއް ކަމަށެވެ.