ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަސް ޓީމާއެކު "އިންޓަރ ސްކޫލް ކޯސްޓަލް ރޯވިން ބީޗު ސްޕްރިންޓް" މުބާރާތް މިއަދު ފަށާނެ ކަމަށް ރޯވިން އެސޯސިއޭޝަނުން ވިދާޅުވެއްޖެއެވެ.

އެންމެ ފަހުވަގުތި މި މުބާރާތުގައި ބައިވެރިވެފައިވަނީ ރާއްޖޭގެ އިތުރުން ތައިލެންޑާއި ޕާކިސްތާނުންނެވެ. އިޓަލީ، އިނގިރޭސިވިލާތް، ޗައިނާ، އިން ވެސް މިމުބާރާތުގައި ބައިވެރިވާނެ ކަމަށް ކުރިން އަންގާފައިވެއެވެ. އެހެންނަމަވެސް ފަހުވަގުތު ބައިވެރި ނުވާގޮތަށް އެގައުމުތަކުން ވަނީ ނިންމާއެވެ.

ތައިލެންޑާއި ޕާކިސްޓނުގެ ޓީމުތަކުގައި ހިމެނޭ ޓެކްނިކަލް އޮފިޝަލުންނާއި އެތުލީޓުން މިހާރުވަނީ މުބާރާތް ބާއްވާ އައްޑޫ ސިޓީއަށް އައިސްފައެވެ. މި ޓީމްތައް އައްޑުއަށް އައިސް ތިބުމަށް ހަމަޖެހިފައިވަނީ އެކި ގެސްޓުހައުސްތަކުގައެވެ. މި ހުރިހާ ޚަރަދެއް ކުރުމަށް ހަމަޖެހިފައިވަނީ އެ ޓީމްތަކުންނެވެ.

މި މުބާރަތް ކުރިއަށްދާނީ އައްޑޫ ހިތަދޫ ފަތާ ފެންގަނޑު (ޓްރެކް) ސަރަހައްދުގައެވެ. އެ ސަރަހައްދު މިކަމަށް ތައްޔާރު ކުރުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރިއަށެވެ. މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ މިއަދު މެންދުރުފަހު 2:30 ގައި ކަމަށް ރޯވިން އެސޯސިއޭޝަންގެ ރައީސް އަހުމަދު ހަބީބު ވިދާޅުވިއެވެ.

މި މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ އެމްޑަބްލިޔުއެސްސީއެވެ. ޑެސްޓިނޭޝަން ޕާޓްނަރ އަކީ ވިޒިޓް މޯލްޑިވްސްއެވެ. ޑިޖިޓަލް ޕާޓްނަރ އަކީ އުރީދޫއެވެ. އޮފިޝަލް ޖާޒީ ސްޕޮންސަރ ކޮށްދެއްވައިފައިވަނީ ސަނީ އެންޓަރޕްރައިސަސް އެވެ. ޑްރިންކް ޕާޓްނަރއަކީ މޮގުމޮގު އެވެ. މުބާރާތުގެ އޮފިޝަލް މީޑިއާއަކީ ރާއްޖެ ޓީވީއެވެ. މީގެ އިތުރުން ކޯޕަރޭޓް ސޮޕޮންސަރުންނަކީ ސަރުކާރުގެ މައިވިޔަފާރި ކުންފުނި ކަމަށްވާ އެސްޓިއޯ، ސިގްނޭޗަރ، ސޮނޭވާ، އައްޑޫ ސިޓީ ކައުންސިލް، ވެންޒަރ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑެވެ.