އަހެރެމެންގެ ތެރެއިން ގިނަމީހުންނަކީ ދިރިއުޅުމުގެ ކޮންމެވެސް ހިސާބެއްގައި ކޮންމެވެސް ސިފައެއްގައި އެކަނިވެރިކަން ތަހައްމަލު ކޮށްފައިވާ މީހުންނެވެ.

ގިނަ މީހުނަށް ބައެއްފަހަރަށް ވާގޮތަކީ އެހެންމީހުނާއި ބައްދަލުކުރާހިތް ނުވުމާއި ވާހަކަދައްކާހިތްނުވުމާއި މޫޑު ގޯސްވުމުން މާ ބޮޑު ކަމަކަށް ނުހަދާ ދޫކޮށްލެވެނީއެވެ. މޫޑު ރަނގަޅުވުމުން ނުވަތަ އެހާލަތު ބަދަލުވުމުން އެހެން މީހުނާއި ބައްދަލުކުރާނިއްޔޭ ނުވަތަ ގުޅާނިއްޔޭ ހިތަށް އަރުވާ ހިތްހަމަޖައްސާލަނީއެވެ. ނަމަވެސް އެކަނިވެރިކަމަކީ ސިއްހަތަށް އެތަކެއް އަސަރުތަކެއްކުރުވާ ކަމެކެވެ. އަދި އެކަމުން އިންސާނާގެ ނަފުސާނީ ދުޅަހެޔޮކަމަށް ނުރަނގަޅު އަސަރުކުރުވައެވެ. އެހެންކަމުން އެކަނިވެރިކަމަކީ ކޮބައިކަމާއި އަދި އެކަމުގެ ސަބަބުން ކުރާނެ އަސަރާއި އެހާލަތްތައް ބަދަލުކުރާނެ ގޮތްތައް ކޮންމެ މީހަކަށްވެސް އެނގިފައިއޮތުން ވަރަށް މުހިންމެވެ.

އެކަނިވެރިކަމަކީ ކޮބާ؟

ދުވަހަކުވެސް ތިބާ އެކަނިވެރިވިތަ؟ މިދަންނަވަނީ އެކަހެރިކޮށް ނުވަތަ އެކަނި ހުރުމެއް ނޫނެވެ. އެހެނަސް ތިމާއާއި އަޅާލާނެ މީހަކު، ތިމާއާއި ގުޅުން ބާއްވާނެ މީހަކު ނެތްކަމުގެ އިހުސާސެވެ. "ވެރީވެލްމައިންޑް" ބުނާގޮތުގައި އެކަނިވެރިކަމަކީ ތިމާގެ ސިކުނޑިއަށް ކުރެވޭ އިހުސާސެކެވެ. އެއީ ޖިސްމާނީ ގޮތުން އެކަނިވެރި ވުމެއްނޫނެވެ. އެކަނިވެރިކަމަކީ މީހާއަށް ހުސްކަމެއް އިހުސާސްވުމާއި އެހެންމީހުނާއި ގުޅުން ނެތްކަން އަދި ތިބާ އާއި ގުޅުން ބާއްވަން އެހެންމީހުން ބޭނުންނުވާކަމުގެ އިހުސާސްތަކެއް ސިކުނޑިއަށް ވެރިވުމެވެ. މިފަދަމީހުންނަކީ އެހެންމީހުނާއި އެކު އުޅެން ބޭނުންނުވާ މީހުނެއް ނޫނެވެ. ނަމަވެސް އެމީހުންނަކީ އެހެންމީހުނާއި ގުޅުން ބަދަހިކުރަން ސިކުނޑި ހުރަސް އަޅާ މީހުންނެވެ. މިފަދަ މީހުން، އެތައްބައިވަރު މީހުންތަކެއް ތޮއްޖެހި ބާރުވެފައިވާ ތަނެއްގައި ހުރިނަމަވެސް އެކަނިވެރިކަން އިހުސާސްކުރެއެވެ. މިފަދަ އިހުސާސްތައް ގުޅެނީ "އިންޓްރޮވޯޝަން، ޑިޕްރެޝަން،" އިޖުތިމާއީ އެކަހެރިކަން އަދި އިޖުތިމާއީ ގުޅުންތައް ބަލިކަށި ފަރާތްތަކާ އެވެ. މިފަދަމީހުންނަށް ހީކުރެވޭގޮތުގައި އެމީހުންގެ އެކަނިވެރިކަން ނުވަތަ ދިމާވެފައިވާ ހާލަތު އަޑުއަހަންބޭނުންވާ މީހަކު ނުހުރެ އެވެ. އެއީ އެމީހުންގެ އަމިއްލަ ކަމެއްގެ ގޮތުގައި ދެކެއެވެ. މި އިހުސާސްތައް އެމީހުން އެކަހެރިވުމަށް މަގުފަހުކޮށްދެ އެވެ.

އެކަނިވުމުން ހަށިގަނޑަށް ކުރާ އަސަރު

އެކަނިވެރިކަމުން ހަށިގަނަޑަށް ކުރާނީ ސީދާ މިވެނި އަސަރުތަކެކޭބުނުން އެއީ ދަތި ކަމެކެވެ. އެކި މީހުނަށް މިކަމުން ކުރަނީ އެކި ކަހަލަ އަސަރެވެ. ނަމަވެސް އެންމެ އާންމުކޮށް ދިމަވާކަންތައްތަކެއް ހުރެއެވެ. މިގޮތުން ދިފާއީ ނިޒާމަށް ދިމަވާމައްސަކަތަކާއި ނާރުގެ ބލިތަކާއި ހިތުގެ ބަލިތައް ފާހަގަކުރެވެއެވެ. ބައެއްފަހަރު އެކަނިވެރިކަން ބޮޑުވާވަރަކަށް އެ އިހުސާސް ތަހައްމަލު ނުކުރެވި އަމިއްލަ ނަފުސަށް ގެއްލުންދެއެވެ. މިގޮތުން ސިނގިރޭޓް ބުއިމާއި ކަންކަމަށް އަވަހަށް ރުޅި އައުމާއި ގިނައިން ކެއުމާއި އަދި ހަށިގަނޑު ޒަޚަމްކުރުންފަދަ ކަންތައް ހިމެނެއެވެ. އެކަނިވެރިކަމަކީ އެކަމުގެވާހަކަނުދައްކާނަމަ ޑޮކްޓަރަކަށްވެސް ދެނެގަންނަން އުނދަގޫ ބައްޔެކެވެ. އަދި ދިމަވާ ސިއްޚީ މައްސަލަތައް ތަފާތު އެހެން ގޮތްގޮތަށް ތަރުޖަމާކޮށް ދޭހަކޮށްދެވޭކަމެކެވެ. އެކަނިވެރިކަން އިހުސާސްވާނަމަ، އެންމެފުރަތަމަވެސް ތިމާގެ ދިރިއުޅުމުގެ ވައްޓަފާޅި ބަދަލުކޮށްލުން މުހިންމެވެ.

އެކަނިވެރިވާން ދިމާވާ ބައެއް ސަބަބު

އެކަނިވެރިކަން އެކި މީހުނަށް ދިމާވާނީ ތަފާތު އެކި ސަބަބުތަކުންނެވެ. މިގޮތުން ބައެއްފަހަރު ތިމާ ލޯބިވާމީހަކު ނިޔާވުން ނުވަތަ އެފަދަ މީހަކު ތިމާގެ ހަޔާތާއި ވަކިވުން ހިމެނެއެވެ. އަދި ދިރިއުޅޭ މާހައުލު ބަދަލުވުން ފަދަ ކަންތަކުންވެސް އެކަނިވެރިވެއެވެ. އަދި ތިބާ އިތުބާރުކެރެވޭ މީހަކު އެ އިތުބާރު ގެއްލޭފަދަ ކަމެއް ކުރުމުންވެސް އެކަނިވެރިކަމަށް ހުށަހެޅެއެވެ. ހަމައެހެންމެ ނަފުސާނީ ދުޅަހެޔޮކަމަށް އަންނަ ބަދަލުވުންވެސް އެކަނިވެރިކަން ކުރިމަތިވެއެވެ. މީގެ އިތުރުން ތިމާގެ އަމިއްލަ ނަފުސަށް ކުރާ އިތުބާރާއި އަދި އަމިއްލަ ނަފުސާ ދޭތެރޭ ދެކޭ ގޮތުންވެސް އެކަނިވެރިކަމަށް މަގުފަހިކޮށްދެއެވެ.

އެކަނިވެރިވުމާއި އެކަހެރިވުން

އެކަނިވެރި ވުމާއި އެކަހެރި ވުމަކީ ވަރަށް ގިނަމީހުން ބަދަލުކޮށްލައިގެން ބޭނުންކުރާ ދެ ލަފުޒެވެ. އެކަހެރި ވުމަކީ ގަސްތުގައި އެހެންމީހުނާއި އަދި ކާރޫބާރޫ ބޮޑު ދިރިއުޅުމާއި ދުރަށްޖެހިލުމެވެ.

އެކަނިވެރިވުމަކީ އެހެންމީހުނާއި އަދި ދިރިއުޅުމާއި ވަކިވުމުގެ ނުވަތަ ދުރަށްދިއުމުގެ އިހުސާސެކެވެ. އެކަނިވެރިވުމަކީ ސިއްޚަތަށް ގެއްލުންހުރި ކަމެކެވެ. ނަމަވެސް އެކަހެރިވުމަކީ ސިއްޚަތަށް ފައިދާހުރި ކަމެކެވެ.

އެކަހެރި ވުމަކީ ގަސްތުގައި އެހެންމީހުނާއި ދުރަށް ޖެހިލައި މީހާގެ ސިކުޑިއާއި ނަފްސު ތާޒާކޮށްލުމަށް ކުރާ ކަމެކެވެ.

އެކަނިވެރިކަން ތައްހަމަލުކުރާމީހުންގެ ތެރޭގައި ނިދަން އުނދަގޫވާ މީހުންނާއި ކަންކަމަށް ސަމާލުކަން ދިނުމަށް އުނދަގޫވާމީހުން ފާހަގަކުރެވެއެވެ. އަދި މޫޑު އަވަސްއަވަހަށް ބަދަލުވާމީހުންނާއި ކަންކަމާއި މެދު އަބަދުވެސް ނުރަނގަޅު ވިސްނުން ގެންގުޅޭ މީހުންވެސް މި މީހުންގެތެރޭގައި ހިމެނެއެވެ. މިފަދަ ފަރާތްތަކަކީ އާންމުކޮށް މީހުންގެ ތެރޭގައި އުޅުނުނަމަވެސް އަދި ޑޮކްޓަރަށް ދެއްކިނަމަވެސް އެމީހުންގެ އިހުސާސްތައް ހިއްސާ ނުކުރާނަމަ އެކަމަށް ފަރުވާއެއް ދިނުން ދަތި ބައެކެވެ.

އެކަނިވެރިކަން ތަހައްމަލުކުރާ މީހުންނަށް ވަރަށް ގިނަފަހަރު ބަނޑުގެ އުނދަގޫތާކާއި ބޮލުގައި ރިއްސުން، ބޮލަށްބަރުވުންފަދަ ކަންތައްތައް އިހުސާސް ކުރެވެ އެވެ. އަދި މިފަދަމީހުން ވަރަށް އަވަހަށް ރޯގާޖެހި ފަސޭހައިން ބަލިވެ އެވެ. އަދި މިމީހުންނަކީ ކަންނެތް، ކަންކަމަށް ފަރުވާކުޑަ ބައެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.

ބަރުދަން ލުއިކުރަން އުޅުމަކީވެސް އެކަނިވެރިކަމަށް ވަރަށް ގިނަފަހަރު މަގުފަހިވާ ކަމެކެވެ. އެހެންކަމުން ބަރުދަން ލުއިކުރާއިރު އަބަދުވެސް ކަންތައްތައް ހިއްސާކުރާނެ މީހަކު ބެހެއްޓުން މުހިންމެވެ. އަދި ގިނަ ގިނައިން ޑޮކްޓަރަށް ދާންޖެހުމަކީވެސް އެކަނިވެރި ވުމުގެ ނިޝާނެކެވެ. ހަމަ އެހެންމެ ގިނައިން ޖަންކް ފުޑް ކާހިތްވުމާއި ކަންކަމާއި އަވަސްއަވަހަށް ހާސްވުމަކީވެސް އެކަނިވެރިކަމަށް މަގުފަހިވާ ކަމެކެވެ.

އެކަނިވެރިކަމުން ދުރުހެލިވުމަށް ކުރެވިދާނެ ގިނަ ކަންތައްތައް އެބަހުއްޓެވެ. މިގޮތުން އެކަނިވެރިކަން އިހުސާސް ކުރެވޭނަމަ ދިރިއުޅުމުގެ ވައްޓަފާޅި ބަދަލުކޮށް ހިތަށް ހަމަޖެހުން ލިބޭ ކަންތައް ގިނަކުރުން، ދަރުމައަށް ކަންތައްތައްކުރުމަށް ބައިވެރިވުން އަދި ތިމާ އެހެން މީހުނަށް އަޅާލާކަން އަންގައި ދިނުމާއި ތިމާ ކުރާހިތްވާކަހަލަ ކަންތައް ކުރާ ރަހުމަތްތެރީން ހޯދުން ހިމެނެއެވެ.

މައުލޫމާތު: މެޑިކަލްނިއުސް