މިއަދުން ފެށިގެން އެޕޮއިންޓްމަންޓް އުސޫލުން ބޫސްޓާ ޑޯޒް ޖަހަން ކިއޫ ނަމްބަރު ދޫކުރަމުން ގެންދާނެ ކަމަށް އެޗްޕީއޭއިން ބުނެފިއެވެ.

އެޗްޕީއޭއިން ބުނީ، މިއަދުން ފެށިގެން ކޮންމެ ދުވަހަކުވެސް ވަކި އަދަދަކަށް އޮންލައިންކޮށް ކިއޫބީ މެދުވެރިކޮށް ނަންބަރުތައް ދާނީ ދޫކުރަމުން ކަމަށާއި، އެގޮތުން އޭޑީކޭ ހޮސްޕިޓަލުން ބޫސްޓާ ޑޯޒް ޖަހައިދެމުން ގެންދާނެ ކަމަށެވެ.

ނަމަވެސް، ބޫސްޓާ ޑޯޒް ޖަހައިދޭނީ ހަމައެކަނި އެޕޮއިންޓްމަންޓް އުސޫލުން ކަމަށްވެސް އެޗްޕީއޭއިން ބުންޏެވެ.

މިހާރުވެސް އެޕޮއިންޓްމަންޓް އުސޫލުން ބޫސްޓާ ޑޯޒް ޖަހައިދެމުން ގެންދާއިރު، ރާއްޖޭގައި ބޫސްޓާ ޑޯޒް ޖަހަން ފަށާފައިވަނީ މިދިޔަ މަހުގެ ހަތަރުވަނަ ދުވަހުން ފެށިގެންނެވެ. މިގޮތުން ބޫސްޓާ ޑޯޒް ޖަހައިދެމުން ދަނީ ކޮވިޑުން ދިފާއުވުމަށް ޖަހާ ވެކްސިން ފުރިހަމަކޮށްފައި ތިބި ފަރާތްތަކުގެ ތެރެއިން ހަ މަސްދުވަސް ފުރިހަމަކުރި މީހުންނަށެވެ.