މިނިވަންކަމަކީ މާﷲ ސުބުޙާނަހޫ ވަތަޢާލާ މީސްތަކުންނަށް ދެއްވާފައިވާ މަތިވެރި ނިޢުމަތަކެވެ. އިންސާނުންނަށް ލިބިދޭންޖެހޭ އަސާސީ ހައްޤެކެވެ. މިނިވަންކަން ލިބިދޭ ތަފާތު ގޮތްތައް ހުރެއެވެ. ފަރުދީ މިނިވަންކަމެވެ. އިޖުތިމާއީ މިނިވަންކަމެވެ. ގައުމަށް ލިބިގެންވާ މިނިވަންކަމެވެ. މި ހުރިހާ މީނިވަންކަމެއްގައިވެސް ވަކި ހުދޫދެއް އޮންނަން ޖެހެއެވެ. ތިމާއަށް ލިބޭ މިނިވަންކަމުގެ ސަބަބުން އަނެކާގެ އަބުރު ނަގާލުމަކީ ތަހުޒީބީ އޮއިވަރުގައިޖެހި ދިވެހިންގެ ފަރުދީ އަދި ޢިޖުތިމާޢީ މިނިވަންކަން ގެއްލިދާކަމުގެ ހެއްކެކެވެ.

މަގުމަތީގައި ހިންގާބިނގާ އުޅުމަކީ ކޮންމެމީހަކަށްވެސް ލިބިފައިވާ މިނިވަންކަމެކެވެ. އެހެންނަމަވެސް ދުވާރުމަތީގައި ހިނގާފައިދާ، އަނެއްމީހާ ކޮއްޕާ ވައްޓާލާފައި ކުރިއަރައި ދިއުމަކީ ތިބާ އަށް ލިބިފައިވާ މިނިވަންކަމުގެ ހުދޫދުން ބޭރު ވުމެވެ.

ދިވެހި ކޮންމެ ރައްޔިތަކަށްވެސް އަބުރުވެރިކަމާއި ރައްކާތެރިކަން ލިބުމަކީ މި މުޖުތަމައުގެ ކޮންމެ އަފުރާދަކަށްވެސް ލިބެންޖެހޭނެ ހައްޤެކެވެ. ނަމަވެސް ފަހަކަށް އައިސް ދިވެހި މުޖުތަމަޢުގައި ހިންގަމުންދާ ނޭއްގާނީ ނާތަހުޒީބު ޢަމަލުތަކުގެ ސަބަބުން އެތައްބައެއްގެ މިނިވަންކަން މިވަނީ ގެއްލިފައެވެ. ބޭރަށް ނުކުމެ އުޅުމުގެ ޙައްޤުވެސް އެމީހުންގެ ކިބައިން ނިގުޅައި ގަންނަ ހިސާބަށް މި މުޖުތަމަޢުގެ ހާލަތު ހިނގައްޖެއެވެ. ދުނިޔެއަށް ކުރިމަތިވެފައި އޮޔާއި ވައިގެ ބާރުގައެވެ.

މީސްތަކުންގެ މިނިވަންކަމާއި އަބުރާޢިއްޒަތް ނަގާލުމުގައި ފުޅާ ދައުރެއް އަދާކުރަމުންދާ އެއް ވަސީލަތަކީ މީސް މީޑިއާއެވެ. މީސްމީޑިއާގެ ތަފާތު ވަޞީލަތްތައް ބޭނުންކޮށްގެން މީހުންގެ އަގުވައްޓާލުމަށް ތަފާތު ވާހަކަތައް ފެތުރުން މިވަނީ މި މުޖުތަމަޢުގައި އާންމު ވެފައެވެ. މީހުންގެ އަބުރާ ޢިއްޒަތް ނަގައިލައި އެމީހުނަށް މުޖުތަމައުގައި އުޅެންދަތިވާވަރު ކުރަމުންދަނީ މަދެއްކޮށެއްނޫނެވެ. ގެއިން ނުކުމެ މީހަކާ ވާހަކަ ދައްކާލަންނުކުރޭވަރަށް މުޅި އާއިލާ ފަޟީހަތް ކޮށްލުމަކީ ބައެއްމީހުނަށް ލިބޭ އުފަލަކަށް މިހާރު މިވަނީ ވެފައެވެ. މީހަކު ނުވަތަ ކުއްޖަކު ކުރި ޢަމަލެއްގެ ވާހަކަ މީސްމީޑިއާގެ އެކިއެކި ފާރުތަކުގައި ލިޔަމުންދާއިރު ކައްވަޅުގައިވާ އޭނަގެ ހޫރުކާފަގެ ވަނަވަރަށްދަންދެން ލިޔަމުން ގެންދަނީއެވެ. މިކަމުގެ ސަބަބުން މުޖުތަމޢުގައި އުފެދޭ ފިތުނަ ފަސާދައަކައް ބެލުމެއް ނެތިއެވެ. އެއީ ކިހާވަރެއްގެ ހަގީގަތެއް ވާ ކަމެއްކަން ޔަގީންނުވާ ހާލަތުގައި މީހަކު ނުވަތަ ބަޔަކު ބުނި ބުނުމަކަށް މިކަހަލަ ވާހަކަތައް ފެތުރުމަކީ ކޮންފަދަ ނުބައިކަމެއްކަން ނޭނގެނީބާއޭ ހިތަށް އަރައެވެ.

މިކަން މި ކުރާމީހާގެ މަގުޞަދަކީ އޭނާ ހިއްސާކުރާ ލިޔުން ގިނަމީހުން ކިޔުންކަމުގައި ވެދާނެއެވެ. ނުވަތަ މައްޝޫރުވުން ކަމުގައިވެސް ވެދާނެއެވެ. އެހެނަސް މިކަމުގެ ސަބަބުން އާއިލާތަކަށް ކުރާނެ އަސަރު އިހުސާސް ވޭބާއެވެ. ޚުދު ތިބާގެ އާއިލާ، އެފަދަ ގޮތަކަށް ބަދުނާމުކޮށްފިނމަ، ވާނެގޮތް ވިސްނާލާނަމައޭ ހިތަށްއަރައެވެ. ތިބާއާއި ތިބާގެ އާއިލާއަށް ބޭރަށް ނުކުމެ އުޅެން ނުކެރޭވަރަށް ފަޟީހަތް ކޮށްލުމުން ކުރާނެ އަސަރު އިހުސާސް ކުރެވޭބާއެވެ؟

އަޅުގަނޑުމެންގެ އިސްލާމް ދީނުގައި ވަނީ ކޮންމެ ފަރުދެއްގެ މިނިވަންކަން ވެސް ބޭނުންކުރަންޖެހޭނީ އެކަމަށް ޝަރުޢުގައި ކަނޑައަޅުއްވާފައިވާ ހުދޫދުގެ ތެރޭގައެވެ. ޚިޔާލުފާޅުކުރުމާއި ޚަބަރު ފެތުރުމުގެ މިނިވަންކަމާއި މީސްތަކުންނާއި މުޢާމަލާތު ކުރުމާއި މި ހުރިހާކަމެއްވެސް ކުރަންޖެހޭނީ ދީނުގައި ހުއްދަކުރައްވާފައިވާ ދާއިރާގެ ތެރޭގައެވެ. ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ނަމުގައި ދޮގުވާހަކަ ފެތުރުމާއި މީހުންގެ އަބުރާއި ބެހުމަކީ އިސްލާމްދީނުގައި ހުއްދަ ކަމެއްނޫނެވެ. ޚިޔާލު ފާޅުކުރާއިރު އޮޅުވާލުމާއި އަނެކުންގެ ހައްޤުތަކަށް އަރައިގަތުމަކީ އިސްލާމްދީނުގައި ހަރާމް ކުރައްވާފައިވާ ކަންކަމެވެ.

އަޅުގަނޑުމެންގެ މާތް ނަބިއްޔާ މުޙައްމަދުއް ޞައްލަﷲ ޢަލައި ވަސައްލަމުގެ ޙައްޖަތުލް ވަދާޢުގެ ޚުތުބާގައިވެސް މީސްތަކުންގެ ޢަބުރާ ޢިއްޒަތް ރައްކާތެރި ކުރެއްވުމަށް ގޮވާލެއްވިއެވެ. އެ ޚުތުބާގައި ވެއެވެ." އޭމީސްތަކުނޭވެ! މިމަހާއި މި ދުވަހާއި މި ޝަހަރު ހުރުމަތްތެރިވެގެންވާފަދައިން، ތިބާގެ މުސްލިމު އަހާގެ ފުރާނައާއި މުދަލަކީ ހުރުމަތްތެރިވެގެންވާ ތަކެތިކަމުގައި ދެކޭހުށި، ތިބާ އެހެން އިންސާނާ އަނިޔާވެރި ނުވާހުށި، އެއީ އަނެއް އިންސާނާ ތިބާއަށް އަނިޔާވެރި ނުވުމަށްޓަކައި ހަނދުމަކުރާށެވެ. ތިބާ ތިބާގެ ވެރި ރަސްކަނލާންގެއާއި ބައްދަލުވާނެތެވެ. އަދި ހަމަކަށަވަރުން އެކަލާންގެ ތިބާގެ ޢަމަލުތައް ހިސާބުކުރައްވާހުއްޓެވެ."

މިނިވަންކަމަކީ މުޖުތަމައެއްގެ ކޮންމެ ފަރުދެއްގެ އަސާސީ ޙައްޤެއްކަމުގައި ވީނަމަވެސް އެ ހައްޤާއެކު ޒިންމާތަކެއްވެއެވެ. އެއީ އެމީހެއްގެ ފަރުދީ ޒިންމާއާއި އެކު މުޖުތަމަޢުގެ އެހެން ފަރުދުންގެ ހައްޤުތަކަށް ރައްކާތެރިކުރުމެވެ.

މުޖުތަމައެއްގައި މިނިވަންކަމާއެކު ދިރިއުޅުމަށްޓަކައި އެކަކު އަނެކަކަށް އިޙުތިރާމުކުރަންޖެހެއެވެ. އެކަކު އަނެކެއްގެ ޢަބުރާ ޢިއްޒަތް ހިފަހައްޓަން ޖެހެއެވެ. ތިމާގެ ފަރާތުން އަނެކާއެއް ދެރައެއްނުދީ އުޅެވޭތޯ ބަލަންޖެހެއެވެ. ޝައިޠާނީ ވަސްވާސްތަކަށް ހެއްލި މަގުފުރެދުމުގެ ބަދަލުގައި ހައްޤުމަގުގައި ފައިތިލަ ސާބިތުކޮށްގެންމެނުވީ މުޖުތަމަޢަކަށް ފުރިހަމަ މިނިވަންކަމެއް ނުލިބޭނެއެވެ.