ދުވާލަކު އާފަލެއް ކެއުމުން ޑޮކްޓަރަށް ދައްކަން ނުޖޭހޭނެކަމަށް ބުނާ ވާހަކަ އަޅުގަނޑުމެން އެންމެންވެސް އަހަމެވެ. އާފަލު ކެއަސް ޑޮކްޓަރަށް ދައްކަން ދާން ޖެހޭނެއެވެ. އެހެންނަމަވެސް އާފަލަކީ އަހަރެމެންގެ ހަށިގަނޑުގެ ދިފާއީބާރު ވަރުގަދަކޮށްދޭ މޭވާއެކެވެ.
ޒަމާނުއްސުރެ ސިއްޙީ މާހިރުން އާފަލު ކެއުމަށް ކުޑަކުދިންނާއި ބޮޑެތިމީހުނަށްވެސް ލަފާދެއްވައެވެ. ސަބަބަކީ މި މީރު މޭވާއިން އަޅުގަނޑުމެން ކާބޯތަކެތި ހަޖަމު ކޮށްދިނުމަށް ފަސޭހަވުމެވެ. ފަލަވުމާއި ސްޓްރޯކް ޖެހުމާއި ލޭމައްޗަށް ދިއުން އަދި ހާޓް އެޓޭކް ފަދަ ބަލި ތަކާ ދުރުކޮށްދޭތީއެވެ. އަދި ބައެއް ދިރާސާތަކުން ހާމަވާގޮތުގައި އާފަލަކީ ބައެއްކަހަލަ ކެންސަރު ޖެހުމުންވެސް ދުރުކޮށްދެ މޭވާއެކެވެ. ހަމަ އެހެންމެ ހަކުރުބަލި ތަހައްމަލު ކުރާމީހުނަށްވެސް ކެއުން ރަނގަޅު މޭވާއެއްކަމުގައި އާފަލު ފާހަގަކުރެވެއެވެ.
ހަމައެއާއެކު ވައިގެ އުނދަގޫތަކާއި ބޭރަން ހިންގުން އަދި ބަނޑުހިކުންފަދަ ކަންކަމަށްވެސް މި މޭވާއިން ލުއި ލިބެއެވެ. ބޭރަންހިންގުމާއި ބަނޑުހިކުން މިއީ ވަރަށް ތަފާތު ދެކަމަކަށްވިޔަސް އާފަލުކެއުމުން މި ދެބައްޔަށްވެސް ފަރުވާ ލިބެއެވެ.
ބަރުދަން ލުއިކުރަން ބޭނުންވާމީހުންވެސް އާފަލު ކެއުމަށް ޑޮކުޓަރުންނާއި ސިއްޙީ މާހިރުން ލަފާ ދެއްވައެވެ.
އާފަލު ކެއުމާއި އާފަލުގެ ޖޫސް ބުއިން ތަފާތެވެ. މި ދެންނެވީ ބާޒާރުގައި ވިއްކަން ފުޅި ފުޅި އާއި ޕެކެޓްގައި ހުނަން ޖޫހުގެ ވާހަކައެވެ. މި ބާވަތްތައް ތައްޔާރުކުރުމަށް ބޭނުންކުރާ ހަކުރުގެ ސަބަބުން މި ޖޫސްތައް ބުއިން ރަނގަޅުނޫންކަމަށް ސިއްޙީ މާހިރުން ވިދާޅުވެއެވެ. އަދި މި ޖޫސްތައްޔާރުކުރުމުގައި ގިނަދުވަހު ނުބައި ނުވާގޮތަށް ހެދުމަށް ބޭނުނުންކުރާ ތަފާތު ބާވަތްތަކުގެ ސަބަބުން ހަށިގަނޑަށް ފައިދާއެއް ނުކުރެއެވެ. އެހެންކަމުން އާފަލު ކެއުން ރަނގަޅީ ހަމަ ތާޒާކޮށެވެ. އޭރުން މި މޭވާއިން ލިބޭ ރާހަތު ހަށިގަނޑުން ފެންނާނެކަން ކަށަވަރެވެ.
އާފަލުން ހަށިގަނޑަށް މިހާ ބޮޑު ފައިދާއެއް ކުރަނީ މި މޭވާގައި އެކުލެވިގެންވާ އެންޓިއޮކްސިޑެންޓާއި ފައިބަރ ވިޓަމިންސް އަދި މިނަރަލްސްގެ ސަބަބުންނެވެ. އެހެންކަމުން ދުވާލަކު އާފަލެއްކެއެމުން ޑޮކްޓަރަށް ދައްކަން ނުޖެހޭވާހަކައިގައި ކޮންމެވެސް ހަގީގަތެއް ވާކަމަށް ގަބޫލުކުރަންޖެހެއެވެ.