ފެނަކަ ކޯޕަރޭޝަނުން ރިވެލި އެވޯޑުވެސް ހާސިލް ކޮށްފިއެވެ. އެކުންފުންޏާ މި އެވޯޑު ހަވާލުކޮށްދެއްވީ މިކަމަށްޓަކައި ރޭ ބޭއްވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހެވެ. މި އެވޯޑާ ފެނަކައިން ހަވާލުވެ ވަޑައިގެންނެވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަހުމްދު ސަޢީދު މުޙައްމަދެވެ.

މި އެވޯޑު ފެނަކައިން ހާސިލް ކުރެއްވީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހާލަތު ރަނގަޅު ކުރުމަށް ފާހަގަކޮށްލެވޭ އެތައް މަސައްކަތެއް ކޮށްގެންނެވެ. މި އެވޯޑަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އެދާއިރާގެ ކަންކަން ރަނގަޅުކޮށް ފަސޭހަކޮށްދިނުމަށް މަސައްކަތް ކުރާ ފަރާތްތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުން ސަރުކާރުން ދެއްވާ ޚާއްސަ އެވޯޑެކެވެ.

މިފަހަރުގެ އެވޯޑު ފެނަކައިގެ އިތުރުން އެހެން ފަސް ފަރާތަކަށް ވެސް ވަނީ ދެއްވައިފިއެވެ. މީގެ ކުރީން ވެސް ފެނަކައިން ވަނީ ރާއްޖެއިންނާއި ރާއްޖެއިން ބޭރުން އެކިދާއިރާތަކުން ތަފާތު އެވޯޑުތައް ހާސިލްކޮށްފައެވެ.

ފެނަކައިން ވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާދީ އެހެން މީހުންނާއި އެމީހުންނާ ދެމެދު ހަމަހަމަ މާހައުލެއް ކަށަވަރު ކޮށްދީފައެވެ. މިކަން އެގޮތަށް ދެމެހެއްޓުމަށް މިހާރުވެސް އެކުންފުނީން އަންނަނީ މަސައްކަތް ކުރައްވަމުންނެވެ.

ފެނަކައިގެ އިތުރުން މިއަހަރު ރިވެލި އެވޯޑު ލިބިފައިވަނީ:- ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދާއިރާއިން، ށ. ގޮއިދޫ، ރިހާބު، އަޙުމަދު ސާދިން އާއި، ގ. ޖަނަވަރީމާގޭ، މުޙައްމަދު ޔަމާމެވެ. އެކިގޮތްގޮތުން ރީތިނަމާއި، ކާމިޔާބީތައް ހޯދާފައިވާ ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި، ކުދިންގެ ދާއިރާއިން އެވޯޑު ހޯދީ، މއ. އަރިވަރު، އަލްހާފިޒު މުޙައްމަދު އަޝްހަމް ޢަލީ އެވެ.

ފަންނީ އަދި ފަރުދީގޮތުން ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ދާއިރާއިން އެވޯޑު ހޯދީ އަޙުމަދު އާތިފެވެ. ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިންނަށް ތަޢުލީމު ފޯރުކޮށްދިނުމުގެ ދާއިރާއިން އެވޮޑު ހޯދީ ޖަމާލުއްދީން ސްކޫލެވެ.