ފަޅޮލަކީ އޭގައި ފައިބަރ އާއި ވިޓަމިންސް އާއި މިނަރަލަސް ގިނަ އަދަދަކަށް އެކުލެވިގެންވާ މޭވާއެކެވެ. މި މޭވާ އަކީ ދިވެހިންވެސް ތަފާތު ގޮތްގޮތަށް ކެއުމުގެ ތެރޭގައި ހިމަނާ މީރު މޭވާއެކެވެ. އަހަރުގެ ހުރިހާ ދުވަސްވަރެއްގައި ރާއްޖެއިން މި މޭވާ ލިބެން ހުރެއެވެ. ހަށިގަނޑަށް ކިތަންމެ ފައިދާއެއް މި މޭވާއިން ލިބުނަސް މިއީ ހުރިހާ އެންމެން ކެއުން ރަނގަޅު މޭވާއެއް ނޫނެނެވެ.

މާބަނޑު އަންހެނުން ހަށިގަނޑަށް ފައިދާހުރި ރަނގަޅު ކާނާ ކެއުމަކީ ދަރިފުޅު ހެދި ބޮޑުވުމަށާއި މައިމީހާގެ ސިއްޙަތައް ވަރަށް މުހިންމު ކަމެކެވެ. އެހެންނަމަވެސް ފަޅޮލަކީ މާބަނޑު އަންހެންނުން ކެއުން ރަނގަޅުނޫން ހަމަ އެކަނި މޭވާއެވެ. ފަޅޮލުގައި އެކުލެވޭ "ލެޓިކްސް" ގެ ސަބަބުން ބައިގެންދިއުމަށް މަގުފަހިވާނެތީ ޑޮކްޓަރުން ލަފާދެއްވަނީ ބަލިވެ އިންނަތާ ކުރީކޮޅު ފަޅޯ ނުކެއުމަށެވެ.

ފަޅޯ ކެއުމުން ހިތުގެ ބަލިތަކާއި ދުރުކޮށްދެއެވެ. އެހެންނަމަވެސް ފަހުގެ ދިރާސާއަކުން ހާމަވިގޮތުގައި ހިތުގެ ހިނގުމުގެ މައްސަލަ ހުންނަމީހުން ފަޅޯ ކެއުމުން އެމައްސަލަ އިތުރަށް ގޯސްވެއެވެ.

ރަބަރުފަދަ ތަކެތިން އެލަރޖިކްވާ މީހުނަށްވެސް ފަޅޮލަކީ ރަނގަޅު މޭވާއެއްނޫނެވެ. މިފަދަ އެލަޖީ ހުންނަ މީހުން ފަޅޯ ކެއުމުން ކިނބިހި އެޅުމާއި ނޭވާލާން އުނދަގޫވުމާއި ލޮލުން ފެންއައުން އިތުރުވާ ކަމަށް ޑޮކްޓަރުން ހާމަކުރައްވައެވެ.

ފަޅޮލަކީ ވިޓަމިންސީ ގިނައަދަދަކަށް އެކުލެވިގެންވާ މޭވާއެކެވެ. ކިޑްނީގައި ހިލަ ހުންނަ މީހުން ވިޓަމިންސީ އެކުލެވިގެންވާ ކާނާ ކެއުން އެހާ ރަނގަޅެއްނޫނެވެ. އެހެންކަމުން ކިޑްނީގައި ހިލަ އުފެދިފައިވާނަމަ، ފަޅޯ ކެއުން އެދެވިގެންނުވެއެވެ. އެއީ އޭގެ ސަބަބުން ހިލަ ބޮޑުވުން އެކަށީގެންވާތީއެވެ.

ފަޅޮލަކީ "ޑައިބެޓިކްސް" މީހުން ކެއުން ރަނގަޅު މޭވާއެކެވެ. އެހެންނަމަވެސް ލޭގައި ހަކުރުގެމިންވަރު ދައްކޮށްހުންނަ މީހުން މި މޭވާކެއުން އެހާ ރަނގަޅެއްނޫނެވެ.

މައުލޫމާތު: ޓައިމްސްއޮފްއިންޑިއާ