އިންޑިއާ އައުޓް ނުގޮވޭނެ ކަމަށާއި މިއީ ފުލުހުން ނިކުމެ ހުއްޓުވަންޖެހޭ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މިއަދު ބޭއްވި އެމްޑީޕީގެ މާލެ ސިޓީގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ނަޝީދު ވިދާޅުވީ އިންޑިއާ އައުޓް ނުގޮވޭނެ ކަމަށާއި އެއީ ކަނޑައެޅިގެން ރާއްޖޭގެ މަސްލަހަތާއި ހިލާފު ކަމެއް ކަމަށެވެ. އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިންޑިއާ އައުޓް ގޮވަމުން ނުދެވޭނެ ކަމަށާއި ތަހުޒީބު އެއްވެސް ޑިމޮކްރެސީއެއްގައި މިކަން ނުހިނގާނެ ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.

"ރައީސް ޔާމީނަކަށް އިންޑިއާ އައުޓް ޖައްސަވައިގެން ބޭރަށް ނިކުމެ ގޮވަމުން ނުހިންގެވޭނެ. އެއީ ދިވެހިރާއްޖޭގެ ފުލުހުން ނިކުމެ ހުއްޓާންޖެހޭނެ ކަމެއް" ނަޝީދު ވިދާޅުވި އެވެ.

އިންޑިއާ އައުޓް ހަރަކާތަށް އަންނަ ބުރާސްފަތި ދުވަހު ޔާމީން ފ.ނިލަންދޫ އަށް ވަޑައިގަތުމަށް ހަމަޖެހިފައިވާއިރު މިދިޔަ ހަފްތާގައި ޔާމީން ވަނީ މި ކެމްޕޭނަށް ކ.ގުރައިދޫ އާއި ތުލުސްދޫއަށް ވެސް ވަޑައިގެންފަ އެވެ.

އެ ރަށްތަކަށް ކުރެއްވި ޒިޔާރަތުގައި ޔާމީން ވަނީ އިންޑިއާ އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަދައްކަވާފަ އެވެ. އެގޮތުން ޔާމީން ވަނީ އިންޑިއާ ސިފައިން ޖެހޭނީ ރާއްޖެއިން ފައިބަން ކަމަށާއި އިންޑިއާގެ އަސްކަރިއްޔާ އަށް ރާއްޖޭގައި ޖާގައެއް ނެތް ކަމަށް ވިދާޅުވެފަ އެވެ.