އައު ވެރިކަމުގައި ކުރިއަށްއޮތީ ވަރަށް ގޮންޖެހުންބޮޑު ދުވަސްތަކެއް ކަމަށް، އެމެރިކާގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި ޖޯ ބައިޑެން ވިދާޅުވެއްޖެއެވެ.

ބައިޑެންގެ އުފަން ސްޓޭޓް ކަމަށްވާ ޑެލަވެއަރގައި ސަޕޯޓަރުންނާ ވާހަކަފުޅު ދައްކަވަމުން ބައިޑެންވަނީ، އެމެރިކާގެ ހުރިހާ ރައްޔިތުން އެއްބައިވަންތަވުމަށް ގޮވާލައްވާފައެވެ.

ބައިޑެން ވިދާޅުވީ، ގައުމު ބައިބައި ކުރުމުގެ ބަދަލުގައި އޭނާ މަސައްކަތް ކުރައްވާނީ އެއްބައިވަންތަ ކުރުމަށް ކަމަށެވެ.

ރަތާއި ނޫ ސްޓޭޓްތަކުގެ ބަދަލުގައި އޭނާ ވެރިކަން ކުރައްވާނީ ޔުނައިޑެޓް ސްޓޭޓްގެ ގޮތުގައި ބަލައިގެން ކަމަށްވެސް ވިދާޅުވިއެވެ.

ޓްރަމްޕްގެ ސަޕޯޓަރުންނަށްވެސް ބައިޑެން ގޮވާލެއްވީ، އޭނާއަށް ފުރުސަތު ދެއްވުމަށެވެ.

ބައިޑެން ވިދާޅުވީ، އޭނާއާއި އޭނާގެ ރަނިންމޭޓް ކަމަލާ ހެރިސް ވެވަޑައިގަންނަވާނީ އެމެރިކާގެ ހުރިހާ ރައްޔިތުންގެ ރައީސާއި ނައިބް ރައީސަށް ކަމަށެވެ. އެއްވެސް ރައްޔިތަކު ތަފާތު ނުކޮށް ހުރިހާ ރައްޔިތުންނަށް ހަމަހަމަ ވެރިކަމެއް ކޮށްދެއްވާނެ ކަމަށް ވިދާޅުވިއެވެ.

ވެރިކަމަށް ކުރިމަތިލެއްވީ އެމެރިކާގެ "މައިބަދަ" ބިނާކޮށް، އެމެރިކާއަށް ދުނިޔޭގެ އިހްތިރާމް އަލުން ހޯއްދަވައިދެއްވުމަށް ކަމަށްވެސް ޑެލަވެއަރ އެއްވުމުގައި ބައިޑެން ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބު ކާމިޔާބު ވެއްކަން އިޢްލާންކުރި ފަހުން ބޭއްވި ފުރަތަމަ އެއްވުމުގައި، ޖޯ ބައިޑެން ގައުމު އެއްބައިވަންތަކޮށް، ހެޔޮ ވެރިކަމެއް ކުރައްވާނެ ވާހަކަ ދެއްކެވިއިރު، އެމެރިކާގެ ރައީސްކަމުގައި ހުންނެވި ޑޮނަލްޑް ޓްރަމްޕް އަދިވެސް ގެންދަވަނީ އިންތިޚާބުގެ ބަލި ގަބޫލު ކުރެއްވުމަށް ފަސްޖެހިވަޑައި ގަންނަވަމުންނެވެ.

ޓްރަމްޕާއި، ޓްރަމްޕްގެ ކޭމްޕުން މިހާރު ތައްޔާރުވަމުންދަނީ އިންތިޚާބުގެ ވޯޓުގެ މައްސަލަތައް ކޯޓުތަކަށް ހުށަހެޅުމަށް ތައްޔާރުވަމުންނެވެ.

ޓްރަމްޕް މިހާތަނަށްވަނީ، ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވީ އޭނާކަމަށް ވިދާޅުވެ ދެފަހަރެއްގެ މަތިން ޓްވީޓް ކުރައްވާފައެވެ.