ހުޅުމާލެ އިން ބިން ވިއްކަނީ ހަމައެކަނި މާލޭ ރައްޔިތުންނަށް ކަމަށް އެޗްޑީސީ އިން ބުނެފިއެވެ. މިދިޔަ މަހު 27 ވަނަދުވަހު އެޗްޑީސީ އިން ހުޅުވާލީ ހުޅުމާލެ ދެވަނަ ފިޔަވަހިން ބިން ބޭނުންވާ ކޮންމެ މީހަކަށްވެސް ގަނެވޭނެ ގޮތަކަށެވެ.

ނަމަވެސް މިހާރު އެޗްޑީސީއިން ނިންމާފައިވަނީ ހުޅުމާލެ ދެވަނަ ފިޔަވަހިން ވިއްކުމަށް ހަމަޖެހިފައިވާ ބިންތަކަށް ކުރިމަތިލެވޭނީ ހަމައެކަނި މާލޭގެ ރައްޔިތުންނަށް ކަމަށެވެ. މާލޭގައި ރަށްވެހިވެފައިވާ މީހުނަށް އެކަނި ކަމަށެވެ.

އެޗްޑީސީ އިން ބުނި ގޮތުގައި މި ބިންތައް ވިއްކުމުގެ ބީލަން އޮންނާނީ 9 ފެބުރުއަރީ އާއި 16 ފެބުރުއަރީ ދެދުވަހު އެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ދެ ސައިޒެއްގެ ބިން ވިއްކުމަށް ނިންމާފައިވެއެވެ. އެއީ 1.603.07 އަކަފޫޓާއި 2.633.93 އަކަ ފޫޓުގެ ބިމެވެ. މި ބިންތައް ވިއްކުމުގެ މައުލޫމާތު އިތުރަށް ހާމަކުރާނެކަމަށް އެޗްޑީއިން ބުނެއެވެ.

މާލޭގައި ދިރި އުޅޭ ފުރަ މާލެއަށް ނިސްބަތްވާ އެތައް ރައްޔިތަކު ވަނީ ގެދޮރު ނެތިފައެވެ. މާލެއިން ގޯތި ނުލިބި މައިންބަފައިންގެ ގޯތީގައި އުޅޭނެ ތަންކޮޅެއް ނެތި ކުއްޔަށް އުޅޭ އެތައް ބަޔަކު މާލޭގެ ރައްވެހިންގެ ތެރޭގައި ހިމެނެއެވެ.