ﷲ ތަޢާލާ ތިމާއަށް ނިޢްމަތްދެއްވައި ބާރު ދެއްވުމުން، އެ ނިޢްމަތާއި ބާރު ދެއްވި ފަރާތް ހަނދާންނައްތާލައި، ބޮޑާވެގަންނަ ކޮންމެ މީހަކަށް ހުރި ޢިބްރަތްތެރި ފިލާވަޅެއް ކީރިތި ޤުރްއާނުގެ ކަހަފު ސޫރަތުގައި ވެއެވެ. އެއީ، ﷲ ތަޢާލާ އެމީހަކަށް ދެ ބަގީޗާ ދެއްވި މީހާގެ ވާހަކައެވެ. ދެބަގީޗާގެ ވެރިޔާއަށް ﷲ ތަޢާލާ ނިޢްމަތް ދެއްވުމުން، އެ ނިޢްމަތް ދެއްވި ފަރާތް ހަނދާންނައްތާލައި، ބޮޑާވެ ކިބުރުވެރިވެގަތުމުން، އެ ދެ ބަގީޗާ ހަލާކުކުރެއްވީ، މަތީން ހޮނު އަޅުއްވާފައެވެ. މުޅި ތަން ހަލާކުވެ ސުންނާފަތި ވުމަކަށް މާ ގިނަ އިރުތަކެއް ނުނަގައެވެ. އެސްފިޔަ ޖަހާލާހާ ހިނދުކޮޅެއްގެ ތެރޭގައި މުޅި ތަން ހަލާކުވެ، ބިމާ ހަމަވެއްޖެއެވެ.

އަންނަނިވި އާޔަތްތަކުގައި އައިސްފައި އެ ވަނީ މި ވާކަތަކެވެ. ﴿ وَأُحِيطَ بِثَمَرِهِ فَأَصْبَحَ يُقَلِّبُ كَفَّيْهِ عَلَى مَا أَنْفَقَ فِيهَا وَهِيَ خَاوِيَةٌ عَلَى عُرُوشِهَا وَيَقُولُ يَالَيْتَنِي لَمْ أُشْرِكْ بِرَبِّي أَحَدًا * وَلَمْ تَكُنْ لَهُ فِئَةٌ يَنْصُرُونَهُ مِنْ دُونِ اللَّهِ وَمَا كَانَ مُنْتَصِرًا ﴾ [الكهف: 42، 43].

މާނައީ: " އަދި އޭނާގެ މުދާތައް (ބަގީޗާއާއެކު) ހަލާކުވެ ހިނގައްޖެއެވެ. އަދި އެ ބަގީޗާގެ ގަސްތައް، އަށިގަނޑުތަކާއެކު ވެއްޓިފައިވާ ޙާލު، އެ ބަގީޗާ ހެއްދުމަށް އޭނާ ކުޅަ ޚަރަދުތަކުގެ މައްޗަށް، ހިތާމައިން ދެއަތް އެފުށް މިފުށަށް ޖަހަޖަހާހުރެ ބުނެތެވެ. އޭ ސަހަރޯއެވެ! އަހުރެންގެ ވެރިރަސްކަލާނގެއާ، އެކަކުވެސް އަހުރެން ޝަރީކު ނުކުރިނަމަ، ކިހާ ރަނގަޅުވީސްހެއްޔެވެ؟ އަދި اللَّه ފިޔަވައި، އޭނާއަށް ނަޞްރު ދޭނޭ ބަޔަކު އޭނާއަކަށް ނުވިއެވެ. އަދި އޭނާއަކީ، ނަޞްރު ލިބޭނޭ މީހަކު ކަމުގައިވެސް ނުވިއެވެ."

އިންސާނާ އިމްތިޙާނުކުރެވޭ ތަކެތީގެތެރޭގައި މުދަލާއި އަނބިދަރިންނާއި އަގުބޮޑު ސަވާރީތަކާއި މިފަދަ ކިތަންމެ ތަކެއްޗެއް ހިމެނެއެވެ. މި ވާހަކާގައި މިވަނީ، މިފަދަ ބައެއް ނިޢްމަތް ދެއްވުނު މީހެއްގެ ވާހަކައެވެ. އިންސާނުންގެތެރެއިން މިފަދަ ނިޢްމަތްތައް ދެއްވާ ގިނަ މީހުންގެ ޙާލަކީ، މި ވާހަކައިގައިވާ، ދެ ބަގީޗާގެ އަހުލުވެރިޔާ ފަދައިން، ބޮޑާވެ ކިބުރުވެރިވެ، ނިޢްމަތް ދެއްވި ފަރާތް ހަނދާން ނައްތާލުމެވެ. އަދި އެ މީހުންގެ ސުވަރުގެއަކީ ދުނިޔެ ކަމުގައި ހެދުމެވެ. އަލުން އެހެން ދުނިޔެއަކަށް ދާންޖެހޭނެކަމެއް، ހިސާބެއްކިތާބެއް، ޘަވާބެއްޢިޤާބެއް، ސުވަރުގެއެއްނަރަކައެއް ވާކަން ހަނދާން ނައްތާލުމެވެ. އެފަދަ މީހުންގެ ނިމުން އަންނަ ގޮތުގެ ހިތިކަން، މި ވާހަކައިން ދަސްކުރަން ޖެހެއެވެ.

އަދި ސަބާ ސޫރަތުގައިވާ ސަބާ އޭ ކިޔޭ ރަށުގެ އަހުލުވެރިންނަށް، ﷲ ތަޢާލާ ދެއްވި ދެ ބަގީޗާގެ ވާހަކައަކީވެސް ބުއްދީގެ އަހުލުވެރިންނަށް ހުރި، ޢިބްރަތުން ފުރިގެންވާ ފިލާވަޅެކެވެ. މި ދެބަގީޗާ ހަލާކު ކުރެއްވީވެސް ސަބާގެ އަހުލުވެރިން، ﷲ ތަޢާލަގެ އެ ނިޢްމަތަށް ފުރަގަސްދީ ނުކިޔަމަންތެރި ވުމުންނެވެ.

އިޓަލީގެ ޤަދީމީ ރަށެއްކަމުގައިވާ ޕޮމްޕޭގެ އަހުލުވެރިންނަކީ، ﷲ ތަޢާލާ އެބައިމީހުންނަށް މުއްސަނދިކަމާއި ތަނަވަސްކަން ދެއްވުމުން، އެ ނިޢްމަތްތަކަށް ފުރަގަސްދީ، ފާޅުގައި ފާޙިޝް ޢަމަލުތައް ހިންގަމުން ގެންދިޔަ ބައެކެވެ. ފާޙިޝް ޢަމަލުތަކުގައި އެ ރަށުގެ މީހުން ހައްދު ފަހަނަޅައި ދިއުމުން، އެއްވެސް އިންޒާރެއް ނެތި، ﷲ ތަޢާލާ އެބައިމީހުންގެ މައްޗަށް، އެރަށުގެ ކައިރީގައިވާ އަލިފާންފަރުބަދައިގެ ވަރުގަދަ ގޮވުމަކާއެކު ދިޔާ އަލިފާނުގެ ސިފައިގައި ހުރި ލާވާ ވެއްސެވިއެވެ. އެ ލާވާގެ ސަބަބުން ފާޙިޝް ޢަމަލުގައި ތިބި އެރަށުގެ މީހުން، އެ ޢަމަލުގައި ތިއްބައި ބުދުތަކެއް ފަދައިން ހަރު ހިލައަށް ބަދަލުވެގެން ދިޔައީއެވެ. އަދި ފަރުބަދަ ގޮވައި ނިމުނު އިރު އެރަށް ބިމުގެ އަޑިއަށް ގެނބިގެން ހިނގައްޖެއެވެ. އޭގެ އެތައް އަހަރެއް ފަހުން އާސާރީ ތަންތަން ހޯދަމުން ދިޔަ ޖަމާޢަތެއްގެ ބަޔަކަށް އެ ރަށް ފެނުނީ 13 ފޫޓާއި 20 ފޫޓާ ދެމެދުގެ މިނަކަށް ވަޅުލެވިފައި ވަނިކޮށެވެ.

މި ކުޑަކުޑަ ދިވެހި ރާއްޖެއަށް ލިބިފައިވާ އެންމެ ބޮޑު ނިޢްމަތަކީ، މާތްވެގެންވާ އިސްލާމްދީނުގެ ނިޢްމަތެވެ. ރާއްޖެ ވަށައިގެން ހުރި ހުރިހާ ޤައުމެއްގައި ޣައިރު ދީން އޮތް އިރު، މި ކުޑަކުޑަ ޤައުމުގެ އަހުލުވެރިން މުސްލިމުންނަށް ވީކަމީ ކޮޅުނެތްކޮޅަށް ﷲ އަށް ޙަމްދުކޮށް ޝުކުރުވެރި ވާންޖެހޭ ކަމެކެވެ. ނަމަވެސް ޒަމާނީ ތަހުޒީބާ އެކު، ދިވެހިންގެ ތެރެއިންވެސް މި ދަނީ، ފާޙިޝް ޢަމަލުތަކާއި މުންކަރާތްތައް ފާޅުވަމުންނެވެ. އިސްލާމް ދީނަށް ގޮންޖަހާ މީހުންވެސް މަދުން ނަމަވެސް ދަނީ ފެންނަމުންނެވެ.

މިފަދަ ކަންކަމަށް އަޅުގަނޑުމެންގެ ވެރިންނާއި ރައްޔިތުން ބީރު ކަންފަތެއް ދީގެން ތިބެއްޖެނަމަ، މި ކަންކަން މުޅި ރާއްޖޭގައި ޢާއްމުވެ ރާއްޖެ ހަލާކުވެގެން ދާކަށް ލަހެއް ފަހެއް ނުވާނެއެވެ.

ﷲ ތަޢާލާގެ ވަޙީ ބަސްފުޅުގައި ވެއެވެ. وَكَذَٰلِكَ أَخْذُ رَبِّكَ إِذَا أَخَذَ الْقُرَىٰ وَهِيَ ظَالِمَةٌ ۚ إِنَّ أَخْذَهُ أَلِيمٌ شَدِيدٌ ‎﴿١٠٢﴾ (سورة هود).

މާނައީ، [ރަށްތަކުގެ أهل ވެރިން އަނިޔާވެރިވެގެންވާ حال، ކަލޭގެފާނުގެ ވެރިރަސްކަލާނގެ އެ ރަށްތައް ހިއްޕަވާހިނދު، އެކަލާނގެ ހިއްޕެވުންއޮތީ، އެފަދައިންނެވެ. ހަމަކަށަވަރުން، އެކަލާނގެ ހިއްޕެވުމަކީ، ވޭންދެނިވި، ގަދަފަދަ ކަމެކެވެ.]

އަޅުގަނޑުގެ ދުޢާއަކީ ﷲ ސުބްޙާނަހޫ ވަތަޢާލާ އަޅުގަނޑުމެން އެންމެނަށް ހެޔޮ ވިސްނުން ދެއްވައި، އެންމެހައި ވަބާތަކާއި ބަލާތަކުން މި ކުޑަކުޑަ ރާއްޖެ ރައްކާތެރިކޮށްދެއްވުމެވެ.