ކުޑަ ރަށެއް ބޮޑު ރަށެއް ތަފާތު ނުކުރައްވާ ސަރުކާރުން ހުރިހާ ރަށެއް ވެސް ތަރައްޤީ ކުރައްވަމުންދާތީ ރައްޔިތުން އެ ކަން ބަލައިގަންނަ ކަމުގައި ވިދާޅުވެ ނ. މަގޫދޫ ކައުންސިލުން ރައީސް ސާލިހަށް ޝުކުރު އަދާކުރައްވައިފިއެވެ. އެރަަށު ކައުންސިލުން ރައީސް ސާލިހަށް ޝުކުރު އަދާ ކުރެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ނ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި މަގޫދޫ ރައްޔިތުންނާއި، ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ވަކިވަކީން މިއަދު ބޭއްވި ބައްދަލުވުންތަކުގައި ކައުންސިލާ އެކު ބޭއްވި ބައްދަލުވުމުގައެވެ.

މިއަދު ހެނދުނު މަގޫދޫ ބަނދަރު ސަރަޙައްދުގައި ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި މަގޫދޫ ރައްޔިތުން ވަނީ ތަރައްޤީއާ ގުޅޭގޮތުން ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި އިޙްސާސްތައް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ. މި ގޮތުން މަގޫދޫ ރައްޔިތުން ވަނީ ލަފާފުރުމުގައި ދިމާވާ ދަތިތަކާއި ގުޅޭގޮތުންނާއި، ޒުވާނުންނަށް ބޭނުންވާ ކުޅިވަރު ކުޅޭނެ ވަޞީލަތްތައް ބޭނުންވާކަން ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މަގޫދޫގެ ތަރައްޤީއަށް އަލިއަޅުއްވާލައްވައި އެ މަނިކުފާނުގެ ސަރުކާރުގެ ސިޔާސަތުގައި ހުރި ކަންކަމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ވާހަކަފުޅު ދައްކަވާފައެވެ.

މި ބައްދަލުކުރެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ މަގޫދޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރައްވައި މަޝްވަރާކުރައްވާފައެވެ. މި ބައްދަލުވުމުގައި ކައުންސިލުން ވަނީ މިހާރު ވެސް ސަރުކާރުން މަގޫދޫގެ ތަރައްޤީއަށް ގިނަ މަސައްކަތްތައް ކުރައްވަމުންދާ ކަން ފާހަގަކުރައްވައި ރަށުގެ ތަރައްޤީއާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތަކާއި ކުރިޔަށް ރާވާފައިވާ ކަންކަން ހިއްސާކުރައްވާފައެވެ. މި ގޮތުން، ކައުންސިލުން ވަނީ ރަށުގެ ބަނދަރުގެ މަސައްކަތް އަވަސްކޮށްދެއްވުމަށާއި، މިސްކިތް ހުންނަ މަގު ރަނގަޅު ފެންވަރަކަށް ތަރައްޤީކޮށްދެއްވުމަށް ރައީސަށް ދަންނަވާފައެވެ. މީގެ އިތުރުން ވެސް ކައުންސިލުން ވަނީ ރަށުގައި ލޯކަލް ޓޫރިޒަމް ތަޢާރުފުކުރުމާ ގުޅޭގޮތުން ސަރުކާރުގެ އެއްބާރުލުން ބޭނުންވާ ކަން ހާމަކުރައްވާފައެވެ.

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިން ވަނީ ބަޖެޓްގެ ދަތިކަން ފާހަގަކުރައްވައި އެ ކަމުގެ ސަބަބުން ގިނަ މަސައްކަތްތައް ކުރުމުގައި ދަތިވާ ކަމުގައި ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ މަގޫދޫ ރައްޔިތުން އެންމެ ބޭނުންވެފައި ވަނީ ލަފާފުރުމުގައި ދިމާވާ ދަތިކަން ޙައްލުކުރުން ކަން އެނގިވަޑައިގަންނަވާ ކަމުގައި ވިދާޅުވެ މި އަހަރުގެ ބަޖެޓުގައި ބަނދަރު ބޮޑުކުރުމުގެ މަޝްރޫޢު ހިމަނާފައިވާ ކަމަށާއި މި އަހަރު އެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށޭނެ ކަމުގައި ވިދާޅުވެފައެވެ. އެ މަނިކުފާނު ވަނީ މަގޫދޫ ރައްޔިތުން އެދިވަޑައިގަތް ގޮތަށް މިދިޔަ އަހަރު މިސްކިތެއް ބިނާކޮށްފައިވާ ކަން ފާހަގަކުރައްވާފައެވެ. މީގެ އިތުރުން ވެސް އެ މަނިކުފާނު ވަނީ ރައްޔިތުންނާއި، ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިން އެދިލެއްވި ކަންކަމުގައި ކަމާގުޅޭ އިދާރާތަކާއި މަޝްވަރާކުރައްވައިގެން އެދެވޭ ޙައްލެއް ހޯއްދަވައިދެއްވުމަށް މަސައްކަތްކުރައްވާނެ ކަން ހާމަކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ މަގޫދުއަށް މި ކުރައްވާ ދަތުރުފުޅަކީ މިލަދުންމަޑުލު ދެކުނުބުރީގެ ފަސް ރަށަކަށް އިއްޔެ ފެއްޓެވި ދެ ދުވަހުގެ ދަތުރުފުޅުގެ ހަތަރުވަނަ މަންޒިލެވެ. އެ މަނިކުފާނުގެ އަރިހުގައި ކެބިނެޓް މިނިސްޓަރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.